ads
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް--
ގުޅީފަޅު ހިއްކުމުން ވެއްޓަށް ގެއްލުންވިޔަސް އިގްތިސޯދީ މަންފާ ބޮޑު: އަސްލަމް
މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށް، އެ ރަށުގެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކަމުން އަންނައިރު އެކަމުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރި ނަމަވެސް އިގްތިސޯދަށް މާބޮޑަށް ފައިދާވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ނެދަލެންޑުގެ ބޮސްކާލިސް ކުންފުނިން ގުޅިފަޅު ކޮންނަން ފެށި ދުވަހުން ފެށިގެން، އެ މަސައްކަތުގެ ސަބަބުން އުފެދޭ ކިސަޑުތައް ވިލިމާލޭގެ ފަރު މައްޗަށް ޖަމާވުމާއި އަދިވެސް ފަރަށް އެކި ކަހަލަ ގެއްލުންތައް ލިބެމުންދާތީ އެ މަސައްކަތް ހުއްޓުވުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. 

އެހެންވެ، އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިސް ބޭފުޅުންގެ އިތުރުން ގުޅީފަޅުގައި ގާއިމްކުރެވޭ ޕޯޓްގެ މަޝްރޫއުގެ އީއައިއޭ ކޮންސަލްޓަންޓް މިއަދު ވަނީ ހާޒިރުކޮށްފަ އެވެ.

އެގޮތުން ކޮމިޓީގައި މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދަނީ ބަލަން ޖެހޭ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުވެގެން ކަމަށެވެ. އެގޮތުން ކަމެއް ފާހަގަކުރެވުމާއެކު އެކަން ރަނގަޅުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"ބަންޑުގެ މަސައްކަތް ކުރަމުންދާއިރު ދިމާވާ ކިސަޑުގެ މައްސަލަ ހައްލުކުރުމަށްޓަކައި ޖަމްބޯ ބޭގްސްގަ ވެލި އަޅައިގެން އޭގެ ބޭރުގަ ޖެހުން އޮވޭ. އެ ވިދާޅުވި ގޮތަށް ތަންކޮޅެއް ތިރިކަމަށް ފެންނާތީ އަޅުގަނޑު ކައިރީ ރިކުއެސްޓްކޮށްފައި އޮތީ. އެ އުސްކުރުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށް ގެންދަން. އެކަހަލަ ކަމެއް ފާހަގަކުރެވޭއިރަށް އެކަންކަން އަޅުގަނޑުމެން ކުރަމުން އެބަ ގެންދަން،" ކޮމިޓީގައި އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް އިތުރަށް ވިދާޅުވީ އެ ޕްރޮޖެކްޓަކީ ހައި އިމްޕެކްޓް ނުވަތަ އެކަމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި އަސަރުތަކެއް ކުރާނެ ޕްރޮޖެކްޓެއް ކަމަށެވެ. އެގޮތުން މިނިސްޓަރު ވަނީ ރާއްޖޭގެ ރަށްރަށުގެ ބަނދަރު ހެދުމުގެ ޕްރޮޖެކްޓްތަކާއި އެއާޕޯޓް މަޝްރޫއުތަކުގެ އިތުރުން ރަށުން ބައެެއް ހިއްކުން ފަދަ ޕްރޮޖެކްޓްތަކަކީ ވެސް ހައި އިމްޕެކްޓް ޕްރޮޖެކްޓްތަކެއްކަން ފާހަގަކުރައްވާފަ އެވެ. 

"އެހެންވީމަ މި ހިންގަނީ ވެސް އޭގެ ތެރެއިން ހައި އިމްޕެކްޓް ޕްރޮޖެކްޓެއް. މީގެ ނޭޝަނަލް އިމްޕެކްޓް އޭގެ އިކޮނޮމިކް ވެލިއު ހަމަ ބޮޑީ. އަޅުގަނޑުމެންނަށް މި ޕޯޓު ގެންގޮސްގެން ނޫނީ ދެން އިތުރަށް ދިވެހިރާއްޖޭގެ މުދާ އެތެރެކޮށް ބޭރުކުރުމަށް މި އޮންނަ ދޮރާށި އިތުރަށް ތަރައްގީކުރެވެން ނެތް ކަމަށް ސަރުކާރަށް ގަބޫލުކުރެވިގެން ކުރިއަށް ގެންދާ މަޝްރޫއުއެއް މިއީ،"

އަސްލަމް އިތުރަށް ވިދާޅުވީ ތިލަފުށީގައި ވެސް އެ ބަނދަރު ހެދުމުގެ ވިސްނުން އޮތް ނަމަވެސް އެތަނުގައި މަޝްރޫއު ކުރިއަށް ނުގެންދިޔައީ އެތަނީ ކުނި ޖަމާކުރާ ރަށަކަށް ވުން ކަމަށެވެ. އެގޮތުން ވިދާޅުވީ ޕޯޓަކީ ކާބޯތަކެތި ވެސް އެތެރެކޮށް ބޭރުކުރާނެ ތަނެއް ކަމުން އެގޮތަށް އެކަން ކުރުމަކީ ރައްކާތެރިކަމެއް ކަމަށް ފެނިވަޑައިނުގަތީ ކަމަށެވެ. އަދި ދެން އެކަން މާލެ ސަރަހައްދުން އެންމެ ރަނގަޅަށް ކުރެވެން އޮތް ތަނަކީ ގުޅީފަޅުކަމަށް ވެސް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް