ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ސިއްހީ ކުއްލި ނުރައްކާ އިއުލާންކުރަން މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހަދަނީ
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ނެރޭ ގަރާރު 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް އެގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައި ވަނީ ފުވައްމުލައ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދެވެ. 

އެ ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ މަޖިލީހުގައި އިއްވާފައިވާއިރު އެ ބިލުގެ މަގްސަދެއްގެ ގޮތުގައި ބުނެފައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގައި ހަރުދަނާ، އަދި ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރެވޭ ގޮތް އިންތިޒާމުކުރުމުގެ އިތުރުން މިހާރަށް ވުރެ ރަނގަޅަށް ޖަވާބުދާރީ ކުރެވޭނެ ގޮތާއި އެފަދަ ހާލަތްތަކުގައި މަޖިލީހުގެ ޖަލްސާތައް ބާއްވާނެ ގޮތް ސާފުކުރުން ކަމަށެވެ.

އޭގެ އިތުރުން އެ އިސްލާހުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާއިރު މަޖިލީހުގެ ދައުރެއް ކުރިއަށްދާނަމަ ބަންދު ދުވަސްތައް ހިމަނައިގެން 14 ދުވަހުގެ ތެރޭގައި މަޖިލިސް އެއްކޮށް އެ ގަރާރު ފާސްކުރުމަށް މަޖިލީހަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. 

އޭގެ އިތުރުން ވެސް ގިނަ ބާރުތަކެއް މަޖިލީހަށް ލިބިގެންވާއިރު އޭގެ ތެރޭގައި ހިމެނެނީ ގަރާރުގެ ވަކި ބައެއް ނުވަތަ އެއްކޮށް ފާސްކުރުމާއި މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު 30 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް އިތުރުކުރުމެވެ. އަދި ގަރާރު ބާތިލުކުރުމުގެ ބާރު ވެސް އެ ލިބެ އެވެ. 

ގާނޫނަށް ގެންނަ އިސްލާހުގައި އިތުރަށް ބުނީ އެއްވެސް ސަބަބަކާހުރެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވާއިރު އެކަމަށް ފައިސާ ބަޖެޓުގައި ހިމަނާފައި ނެތްނަމަ އަދި ބަޖެޓުގައި ހިމަނާފައިވާ މިންވަރަށް ވުތެ އިތުރަށް ފައިސާ ބޭނުންވާނަމަ ޖެހޭނީ އެކަމުގެ ތަފްސީލު ބަޔާންކޮށް މަޖިލީހަށް ހުށަހަޅަން ކަމަށެވެ. އަދި ބުނީ އެ ފައިސާ ބޭނުންކުރަން ޖެހޭނީ މަޖިލީހުން ހުއްދަކުރާ މިންވަރަކަށް، އެ ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން ކަމަށެވެ.

އަދި ފައިސާ ހަރަދުކުރާ ގޮތުގެ ތަފްސީލު ވެސް ކޮންމެ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން ވަޒީރު މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައި ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް