ads
ފަލަސްތީނު--
އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް އަރައިގަތުން އަނެއްކާ ވެސް ރާއްޖެއިން ކުށްވެރިކޮށްފި
އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރާ މަސައްކަތް އަނެއްކާ ވެސް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ އޯއައިސީގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، އިސްރާއީލުން ފަލަސްތީނުގެ ބިމުގެ ބޮޑު ބައެއް ވެރިކުރުމަށް ކުރާ މަސައްކަތް ކުށްވެރިކުރައްވާފައިވާ ކަމަށެވެ.

އަދި ވިދާޅުވީ ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން އަބަދުވެސް ގަބޫލުކުރަނީ 1967 ވަނަ އަހަރު އެކުލަވާލި ފަލަސްތީނުގެ ސަރަހައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، އެދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް ހެދުންކަން ފާހަގަކުރައްވައި، ރާއްޖެއިން ދެކޭ ގޮތް މިނިސްޓަރު ތަކުރާރުކުރެއްވި އެވެ.

އަދި އިސްރާއީލުން ފަލަސްތީނުގެ އިތުރު ބިންތަކަށް ވެރިވުމަކީ އިސްރާއީލާއި ފަލަސްތީނުގެ ވަކި ދެ ދައުލަތެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތަށް އެޅޭ އިތުރު ހުރަހެއް ކަމަށާއި، އެކަން ހާސިލްކުރެވޭނީ އިހްލާސްތެރިކަމާއެކު މަސައްކަތްކޮށްގެންކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، ފަލަސްތީނުގެ ބިންތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އެގައުމު އޮތީ އެކަނި ނޫން ކަމަށާއި ރާއްޖޭގެ ދެމި އޮންނާނީ އެގައުމުގެ ރައްޔިތުންނާއެކު ކަމަށެވެ.

ރާއްޖެއިން ވަނީ މީގެ ކުރިން ވެސް އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، މިނިވަން ދެ ދައުލަތެއްގެ ގޮތުގައި ފަލަސްތީނާ އިސްރާއީލް އޮތުމަށް ކުރެވޭ މަސައްކަތަށް ހުރަސް އެޅޭގޮތަށް އިސްރާއީލުން ހިންގަމުންދާ އަމަލުތައް ކުށްވެރިކޮށްފަ އެވެ. 

އެގޮތުން ރާއްޖެއިން އެކަން ކުށްވެރިކޮށްފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަކަށް ވެރިވެގަތުމަށް ކުރަމުންދާ މަސައްކަތާއި ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ނަން-އެލައިންޑް މޫވްމަންޓް (ނާމް) އިން ނެރުނު ގަރާރަށް ތާއީދުކުރަމުންކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. 

ނާމްގެ ގަރާރުގައި ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ދުނިޔެއިން މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައިވެސް 1967ގެ ބޯޑަރުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް އިސްރާއީލުން މިހާރު ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ފަލަސްތީނިގެ ރައްޔިތުންނަށް އެތައް އަނިޔާތަކެއް ލިބި، އެމީހުންގެ ހައްގުތައް ގެއްލިގެންދާނެ ކަމަށެވެ. އަދި އިސްރާއީލުގެ މިއަމަލުތައް ނުހުއްޓައިފިނަމަ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް "ޓޫ ސްޓޭޓް ސޮލިއުޝަން" ހޯދުމަށް ކުރާ މަސައްކަތަށް ހުރަސް އެޅިގެންދާނެ ކަމަށެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް އިސްރާއީލުން ބޯނުލަނބާ މައްސަލައިގައި އެގައުމު ޖަވާބުދާރީކުރުވަން ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލާ، 1967 ވަނަ އަހަރުގެ ބޯޑަރާ ހިސާބަށް އިސްރާއީލުން ފަހަތަށް ޖެހުމަށް ބާރު އެޅުމަށްވެސް ނާމް އިން ގޮވާލިއެވެ. މިކަންތަކަށް ބާރުއެޅުމުގެ ގޮތުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހިންގާ އިސްރާއީލުގެ ވިޔަފާރިތަކާ މުއާމަލާތު ނުކުރުމާއި، ހިފާފައިވާ ބިންތަކުގައި އިސްރާއީލުން އުފައްދާ މުދާ ބައިނަލްއަގްވާމީ ބާޒާރަށް ނެރުނަ ނުދިނުމަށް ނާމް އިން ވަނީ ބާރު އަޅާފައެވެ. 

ނާމް އިން ވަނީ އދގެ ސަލާމަތީ މަޖިލީހުން، އެމަޖިލީހުގެ ޒިންމާ އަދާކޮށް، ފަލަސްތީނުގެ މައްސަލައިގައި އެމަޖިލީހުން ފާސްކޮށްފައިވާ ގަރާރުތައް ތަންފީޒުކޮށް، ފަލަސްތީނުގެ އިތުރު ބިންތަކަށް  ވެރިވެގަތުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ސަލާމަތީ މަޖިލީހަށް ގޮވާލާފައެވެ. އަދި އިތުރު ބިންތަކަށް އިސްރާއީލުން ވެރިވެގަތުމަކީ މެދުއިރުމަތީގެ ސުލްހައިގެ އިތުރުން ބައިނަލްއަގްވާމީ ސުލްހައަށް އެޅިގެންދާ ހުރަހެއްކަމަށްވެސް ނާމްގެ ގައުމުތަކުން ގަބޫލުކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް