
އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަ އެންޓަޕްރައިސަސް އަށް 32 މިލިއަން ރުފިޔާ ދައްކަން ހުކުމް ކުރީ ސިވިލް ކޯޓުންނެވެ. އެ ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރު ކުރި މި ހުކުމަކީ މިއީ، ސެންޓަ އެންޓަޕްރައިސަސް އިން ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އަށް 2006 އިން 2008 ގެ ނިޔަލަށް ފޯރުކޮށްދިން މުދަލުގެ އަގަށްވާ 32.7 މިލިއަން ރުފިޔާ ނުލިބިގެން ސިވިލް ކޯޓުގައި ދައުވާ ކުރުމުން، މިދިޔަ ފެބުރުއަރީ މަހު އެ ކޯޓުން ކުރި ހުކުމެކެވެ.
މި މައްސަލާގައި މުދަލަށްވާ ފައިސާ ނުދެއްކުމުގެ ސަބަބުން އިންވޮއިސް އަށް އަރާ ޖޫރިމަނާގެ ގޮތުގައި 51 މިލިއަން ރުފިޔާ ހޯދަން ވެސް ސެންޓަ އެންޓަޕްރައިސަސް އިން ދައުވާގައި އެދުނެވެ. ނަމަވެސް، އެއްބަސްވުމުގައި ފައިސާ ނުދައްކައިފި ނަމަ ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައި ނުވާތީ އެ ޖޫރިމަނާ ކޯޓުން ނަގައިދީފައެއް ނުވެ އެވެ. ސިވިލް ކޯޓުން މި މައްސަލައިގައި ކުރި ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ އަމުރަކުން އެ ފައިސާ ހިފެހެއްޓުމަށް އަންގާފައިވަނިކޮށް މިހާރުވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި މި މައްސަލަ އެ ކޯޓަށް ހުށަހެޅީ މިދިޔަ ހަފްތާގައެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމައެވެ.
މި މައްސަލައިގައި އިންވޮއިސްގައި ބަޔާންކުރާ މުދަލުގެ އަގު ކަމަށްވާ 32.7 މިލިއަން ރުފިޔާ އެ ކުންފުންޏަށް ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އިން ދޭން ޖެހޭ ފައިސާއެއް ކަން ސާބިތުވާ ކަމަށް ސިވިލް ކޯޓު ހުކުމްގައިވެ އެވެ. ކޯޓުން އަންގާފައިވަނީ 30 ދުވަސް ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރުމަށެވެ.
ސެންޓަ އެންޓަޕްރައިސަސް އަށް ދެ މިލިއަން ޑޮލަރު ދޭން ޖެހޭ ކަމަށްވެސް މި ފަހުން ހުކުމެއް ކުރިއެވެ. އެ ކުންފުންޏާ ގުޅޭ ސީރިއަސް މައްސަލަތަކެއް ފުލުހުންވެސް އަންނަނީ ބަލަމުންނެވެ.