ހިންދުސްތާނު ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ކްރިތީ ބުނީ އޭނާގެ ދިރިއުޅުމުގައި އެއްވެސް އާ ކަމެއް މިހާރު ނުހިނގާ ކަމަށެވެ. އެގޮތުން މިހާރު ގުނަމުންދަނީ ހަފުތާގެ ކޮން ދުވަހެއް ކަމެއް ނުވަތަ ގަޑިއެއް ވެސް އޭނާއަށް ނޭނގޭ ކަމަށް ބުންޏެވެ.
މީގެ ހަ އަހަރުކުރިން، ހީރޯޕަންތީން ބޮލީވުޑަށް ތައާރަފުވި ކްރިތީ ވަނީ ކޮވިޑް-19 ގެ ކަންކަން ޕޮޒިޓިވްކޮށް ދެކުން ރަނގަޅު ކަމަށް ވެސް ބުނެފަ އެވެ. އޭނާ ބުނީ ލޮކްޑައުން އާ ހުރެ އެތައް ބަޔަކަށް ދަތިތައް ކުރިމަތިވި ކަމަށާއި އެކަމަކު އޭގެ ސަބަބުން ގުދުރަތީ ވެށިން ރަނގަޅު މަންޒަރުތަކެއް ފެނުން ކަމަށެވެ.
ކްރިތީ ބުނީ މުމްބާއީ ފަދަ ސިޓީތަކަކީ އަބަދު ވައި ނުސާފުކޮށް އޮންނަ ތަނެއް ނަމަވެސް ލޮކްޑައުނުގައި އުޑުމަތި ސާފުކޮށް ފެނުން ކަމަށެވެ.
އުމުރުން 29 އަހަރުގެ ކްރިތީ އުޅެމުން އަންނަނީ އޭނާގެ ކޮއްކޮ، ނުޕޫރާއި މައިންބަފައިންނާއެކު އަންދޭރީގައި ހުންނަ އެމީހުންގެ ގޭގަ އެވެ.
ރާބްތާ އާއި ދިލްވާލޭ ފަދަ ފިލްމުތަކުން ފެނިގެންދިޔަ ކްރިތީ މިދިޔަ އަހަރު ވަނީ ހައުސްފުލް4 އަކާއި ލުކާ ޗުއްޕީ އިން ފެނިގެންގޮސްފަ އެވެ. އެ ފިލްމުތަކަށް ވެސް ރަނގަޅު ތަރުހީބެއް ބެލުންތެރިންގެ ފަރާތުން ލިބުނެެވެ.