އާޝިގީ2 އިން ވިދާލި ޝްރައްދާ ފެނިފައި ވަނީ އޭނާގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުތައް އަރާފައިވާ ރޯހަން އާއެކު ސައިކަލެއްގައި ދަނިކޮށެވެ.
އޭކް ވިލެން އިން ވެސް ފެނިގެންދިޔަ ޝްރައްދާ އާއި ފޮޓޯގްރާފަރު، ރޯހަން ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް އަރާފައިވާތާ ދެ ތިން މަސް ވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެނިގެންދަނީ ޕަޕަރާޒީން ފެނުމާއެކު ޝްރައްދާ، އަނެއް ފަރާތަށް އެނބުރި ފިލަން މަސައްކަތް ކުރާ ތަނެވެ.
މީގެ ކުރިން ޝްރައްދާ ކައިވެނިކުރަން އުޅޭ ކަމުގެ އަޑުތައް އެރުމާއެކު އޭނާ ވަނީ މިވަގުތު ކައިވެނިކުރަން ވަގުތު ނެތް ކަމަށާއި ބޮޑަށް ފޯކަސް ކުރަނީ އޭނާގެ ފިލްމީ ކެރިއަރަށް ކަމަށް ބުނެފަ އެވެ.
އެ އަޑުތަކާއެކު އޭރު ޝްރައްދާގެ ބައްޕަ އަދި އެކްޓަރު ޝަކްތީ ކަޕޫރު ވެސް ވަނީ ދަރިފުޅުގެ ކައިވެނީގެ ވިސްނުން އަދި ނެތް ކަމަށް ބުނެފަ އެވެ. އެގޮތުން ކުރިއަށް އޮތް 4-5 އަހަރުގެ ތެރޭގައި ޝްރައްދާ ކައިވެނިނުކުރާނެ ކަމަށް ބުންޏެވެ.
އަދި ޝަކްތީ ވަނީ ޝްރައްދާ އޭނާއަށް ހުރިހާ ވާހަކައެއް ހިއްސާކުރާނެ ކަމަށާއި މައިންބަފައިންގެ ނުރުހުމުގައި އޭނާ ކައިވެނިނުކުރާނެ ކަމަށް ވެސް ބުނަފަ އެވެ.