ރޭ ދަރުބާރުގޭގައި ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ލޮކްޑައުނަށް ލުޔެއް ދިންކަމުގައި ވީނަމަވެސް މި ފޭސްގައި އަދި ތިމާގެ މީހުނާއި ރައްޓެހިންނާއި ބައްދަލުކުރުމަށް ގޭގެއަށް ދާން އަދި ނުވާކަމަށެވެ.
މީގެ އިތުރުން އެކެއްގެ ކިބައިން އަނެކަކަށް ބަލި ފެތުރުން މަދުކުރުމަށްޓަކައި ރަށްޓެހިންނާއި ބައްދަލުކޮށް މަގުމަތީގައި މާގިނަ ވަގުތު ހޭދަ ނުކުރުމަށްވެސް މަބްރޫކް އިލްތިމާސް ކުރައްވާފައިވެއެވެ. އަދި ވީހާވެސް ގިނަ ވަގުތެއް ގޭގައި ހޭދަކުރުމަށާއި ބޭރަށް ނިކުތުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައިގެން ނިކުތުމަށް މަބްރޫކް ވިދާޅުވި އެވެ.
ކޮވިޑް19 ފެތުރުން ހުއްޓުވުމަށްޓަކައި ރާއްޖެ ފުރަބަންދުގެ ހާލަތަކަށް ގެނެވިފައިވާތާ 2 މަސް ފަހުން ލުއި ތަކެއް ދިން ނަމަވެސް މިކަމުގައި އެއްބާރުލުން ނުލިބޭ ކަމުގައި ވާނަމަ އަނބުރާ ލޮކްޑައުނަކަށް ދާން ޖެހިދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ލޮކްޑައުންގެ ދެވަނަ ފޭސްއަކީ ކޮންޓްރޯލެއްގެ ތެރެއިން ނިއު ނޯމަލްގެ އުސޫލުތަކަށް މީހުން ހޭނުމަށްޓަކައި ދީފައިވާ ލުއި ތަކެއްކަމަށް މަބްރޫކް ފާހަގަކުރައްވާފައިވެއެވެ. އަދި މި ދުވަސް ކޮޅުގައި ކަން ހިނގާގޮތަށް ބަލާ ނަތީޖާ ރަނގަޅުކަމަށް ފެންނަ ނަމަ އަންނަ ފޭސްއަށް ހުޅުވާލާނެ ކަމަށާއި ނޫންނަމަ އެނބުރި ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް19 އަށް ރާއްޖޭގައި މިހާތަނަށް ފައްސިވެފައި ވަނީ 2035 މީހުންނެވެ. ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 1311 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. އަދި މި ބަލިމަޑުކަމުގައި އަށް މީހަކު މަރުވެފައިވެއެވެ.