ads
ރައީސް މުއިއްޒު އއ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން
އއ. ދަތުރު ނިންމާލުމަށްފަހު ރައީސް މާލެއަށް
އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ މުހައްމަދު މުއިއްޒު، މިއަދު މާލެ ވަޑައިގަންނަވައިފިއެވެ.
Advertisement

މި ދަތުރުފުޅުގައި، އއ. އަތޮޅުގެ މީހުން ދިރިއުޅޭ 8 ރަށަށް ރައީސް ވަޑައިގަތެވެ. އެގޮތުން އެމަނިކުފާނު ވަނީ، ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮސް އަދި ހިމަންދޫ އަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މައުލޫމާތު ފޯރުކޮށްދެއްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ވަނީ އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ހިދުމަތް ތައާރަފުކުރައްވާފައެވެ. އަދި އެ އަތޮޅު މާޅޮސް، ހިމަންދޫ، ފެހެންދޫ އަދި ތޮއްޑޫގައި ފުލުހުންގެ މަރުކަޒުތައް ޢިމާރާތްކުރުމުގެ މަސައްކަތްވެސް ވަނީ ރަސްމީގޮތުން ފައްޓަވާފައެވެ.

މީގެ އިތުރުންވެސް، މި ދަތުރުފުޅުގައި ވަނީ އެ އަތޮޅުގެ އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، އެކި ދާއިރާތަކުން، ތަރައްގީގެ މަސައްކަތްތައް ފައްޓަވައި، މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ. އަދި މި ހިނގާ 2025 ވަނަ އަހަރާއި ކުރިއަށް އޮތް އަހަރު، ރަށްރަށުގައި ހިންގެވުމަށް ތާވަލުކުރައްވާފައިވާ މަސައްކަތްތަކުގެ އަދާހަމަ، ރައީސް ވަނީ އެ ރަށްރަށުގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

މި ދަތުރުފުޅުގައި ބޭއްވެވި ބައްދަލުވުންތަކުގައި ރައީސް ދެއްކެވި ވާހަކަފުޅުތަކުގައި، މާފަރު ފަޅަކީ ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވަން ނިންމަވާފައިވާކަމާއި، މަތިވެރީގައި ތަރައްގީކުރާ އެއާޕޯޓް ވެގެންދާނީ މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ފައިދާކުރާނެ އެއާޕޯޓަކަށް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި މަޑިވަރު ފިނޮޅު ހިމާޔަތްކޮށްދީ ރަސްދޫ ރައްޔިތުންނަށް ބޭނުންކުރެވޭނެހެން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ތަރައްގީކޮށްދެއްވާނެކަމަށް ރައީސް ވަނީ މި ދަތުރުފުޅުގައި ވިދާޅުވެފައެވެ.

ޤައުމީ، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ވަނަތައް ހޯދާފައިވާ އެކިއެކި ކުޅުންތެރިންނާއެކު ކުރިއަށްދާ "ތޮއްޑޫ މާސްޓާސް ޓޭބަލްޓެނިސް މުބާރާތް" ރަސްމީކޮށް ފައްޓަވައިދެއްވީވެސް މިދަތުރުފުޅުގެ ތެރެއިން، ރައީސް ޑރ. މުއިއްޒުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް