ކަމާބެހޭ އިދާރާތަކުގެ ހުއްދައަކާއި ނުލައި މަގަށް ނިކުތުމަށް ދިގު އިންތިޒާރުގައި އެތައް ބަޔަކު ތިބިއިރު، މިލާފައިވާ މޫނުތަކުގައި ހިތްހަމަޖެހުމުގެ ކުލަވަރު މިއަދު ޖެހިގެން ދިޔައެވެ.
ފަޖުރުގެ އަލިކަން މާލެއަށް ދޭ ވަގުތަކީ މަގުތައް އާންމުކޮށް ފަޅުވެފައި އޮންނަ ގަޑިއެއް ކަމުގައި ވީނަމަވެސް މިއަދު ހީވީ އީދެއް އައިސްގެން އުޅުނު ހެންނެވެ. މާސްކު އަޅާފައިވުމުން އެ މޫނުތަކުގެ ބޮޑުބަޔެއް ނިވާވެފައި ވީނަމަވެސް ފެނިގެން ދިޔައީ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ކުލަވަރެވެ.
އެގޮތުން ފަތިހު ފެނިގެން ދިޔައީ އެއްބަޔަކު ކަސްރަތަށް ނިކުމެ އުޅޭ ތަނެވެ. އަނެއް ބަޔަކު ހިނގާލަން ނިކުމެ އުޅޭއިރު މަގުތައް ވަނީ ސައިކަލްތަކުން ފުރިފައެވެ. ދެ މަސްދުވަހު ގޭގައި ބަންދުވެގެން ތިބުމަށްފަހު ސިކުނޑި ތާޒާކޮށްލުމަށްޓަކައި ފިނި ބުރު ޖެހުމުގައެވެ.
ލޮކްޑައުން ނިމުމަކަށް ގެނައުމުގެ މި ފިޔަވައްސާއި އެކު މިނިވަންކަމުގެ އިހުސާސްކުރެވިގެން ދިޔަ ކަމުގައި އެވަގުތު ނިކުމެ އުޅުން މީހުންގެ ތެރެއިން އެކަކު "ސީއެންއެމް" ގެ ނޫސްވެރިއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.
ލޮކްޑައުންއަށް ލުޔެއް ދީފައި ވީނަމަވެސް އެދެވިގެންވާ ނަތީޖާ ނުފެންނަ ނަމަ އަލުން ލޮކްޑައުންއަކަށް ދާން ޖެހޭނެ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވަނީ މީގެ ކުރިން ވިދާޅުވެފައި އެވެ. އަދި މަގަށް ނިކުތުމުގެ ކުރިން ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ނިކުތުމަށްވެސް އޭނާ އިލްތިމާސްކުރައްވާފަ އިވެއެވެ.
ނަމަވެސް ހިތާމައަކީ ބައެއް ބޭފުޅުންގެ ސިނކުޑިން މިކަން ކައްސާލައިގެން ގޮސް ސަލާމަތީ ފިޔަވަޅުތަކަށް ސަމާލު ނުވެވުމެވެ. ކޮވިޑް-19 އަދި ރާއްޖެއަކުން ކޮންޓްރޯލް ވެފައެއް ނުވެއެވެ.
އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ. އެ ދުވަހުން ފެށިގެން މެއި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހަރުކަށި ފިޔަވަޅުތަކާއެކު ލޮކްޑައުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ފަހުން ލޮކްޑައުން ނިމުމަކަށް ގެނައުމަށް ފިޔަވަހިތަކަކަށް ބަހާލެވިގެން 2 ފަހަރެއްގެ މަތިން ލުއިތަކެއް ދެވިފައިވެއެވެ. މިއަދު މި ދިން ލުއިތަކަކީ އެންމެ ފަހު ފިޔަވަހީގެ ދަށުން ދެވުނު ލުއިތަކެވެ. މިކަމުގެ ސަބަބުން އެދެވޭ ނަތީޖާއެއް ފެނިއްޖެ ނަމަ ލޮކްޑައުން އެއްކޮށް އުވާލާނެއެވެ. ނޫންނަމަ އެނބުރި އަލުން ލޮކްޑައުންއަކަށް ދާންޖެހިދާނެކަމަށް ސަރުކާރުން އަންގާފައިވެއެވެ.