ads
މަބްރޫކް އަޒީޒް--
ގިނަ ދިވެހިން ކޮވިޑް19 އާއި އެކު އުޅެން ދަސްކޮށްފި: މަބްރޫކް
ގިނަ ދިވެހިން ކޮވިޑް19 އާއި އެކު އުޅެން ދަސްކޮށްފައިވާކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

އެންއީއޯސީން ރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މި ބަލިން އަރައިގަނެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށެވެ. 

މަބްރޫކް ވިދާޅުވީ ރިސްކް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި، ދެވޭ އިރުޝާދުތަކަކީ ވެސް ރިސްކް ކުޑަކުރުމަށް ދެވޭ އިރުޝާދު ތަކެއް ކަމަށެވެ. އަދި ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އެ އިރުޝާދުތަކަށް މިހާރު ހޭލުންތެރިވެފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ. 

"ހަމަ މަގުމަތިންވެސް ބަލާލާއިރު ގާތްގަނޑަކަށް އެންމެން ކަހަލަ ގޮތަކަށް މާސްކް އަޅައިގެން ތިބެނީ. އަދި ހަމަ ކުރިއާ ބަލާފަ ވަރަށް ބޮޑުތަނުން ރަނގަޅު ގައިދުރުކުރުމުގެ ކަންތައްވެސް."

ހާލަތަށް ބަދަލު ތަކެއް އައިސްފައިވާކަން ފާހަގަކޮށް މަބްރޫކް ވިދާޅުވީ ހިދުމަތް ދިނުމުގައި އިތުރު ހިސާބުތަކަކަށް ދެވިފައިވާކަމަށެވެ. އެގޮތުން ހުޅުމާލެ މެޑިކަލް ފެސިލިޓީ އެއްކޮށް ހަދާނިމި މާލޭގެ ޓެސްޓިން ކެޕޭސިޓީ އިތުރުވެ އަދި ކުރިއަށް އޮތް ހަފްތާގައި އައްޑޫ އަދި ކުޅުދުއްފުށީގައި ޓެސްޓިން ކެޕޭސިޓީ އިތުރުކުރެވޭނެ ކަން މަބްރޫކް ފާހަގަކުރެއްވި އެވެ.

މަބްރޫކް ވިދާޅުވީ ގިނަ ދިވެހިންނަށް ބައްޔާއި އެކު އުޅެން ދަސްވެ ކަންކުރަންވީގޮތް ރަނގަޅަށް އިނގިއްޖެ ކަމަށެވެ. 

"ޖެނުއަރީ މަހުން ފެށިގެން މިހިސާބަށް އާދެވުނު އިރުގައި މިހުރީ ތަޖުރިބާތަކެއް ކުރެވިފައި. އެހެންމަ ޑިޒިޝަނަކީ ދެން ކުރިއަށް ދާން. އަޅުގަނޑުމެންނަށް މި ލޮކްޑައުންގެ ހާލަތުގައި އަބަދަކު ނުތިބެވޭނެ. ވިސްނަވާ މާލެ ވަޑައިގެން ތިއްބެވި ބޭފުޅުން އުފުއްލަވަމުން ގެންދިޔަ ތަކުލީފު."

މަބްރޫކް ވިދާޅުވީ މި ކަންކަމުގައި ކުރިއަށް ދާންޖެހޭނީ އިތުބާރާއި އެކު ކަމަށެވެ. މައުލޫމާތު ދިނުމުގެ ބޭނުމަކީ ރައްޔިތުން އެ މައުލޫމާތުތަކަށް އިތުބާރުކޮށް އެގޮތްތަކަށް އަމަލުކުރުންކަން މަބްރޫކް ފާހަގަކޮށްފައިވެއެވެ. 

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޖުމުލަ 2120 މީހުން ޕޮޒިޓިވް ވެފައިވާއިރު މިވަގުތު އެކްޓިވް އޮތީ 433 ކޭސް އެވެ. މިބަލިން މިހާތަނަށް ޖުމުލަ 1677 މީހުން ރަނގަޅު ވެފައިވާއިރު އަށް މީހަކު ވަނީ ބަލީގައި މަރުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް