ads
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ--
ސްކޫލަކުން ސިއްރު ކޮށްފައި ހުރި ސީރިއަސް މައްސަލަތަކެއް ފެންމަތި ވެއްޖެ
މާލޭގެ ސްކޫލަކުން ސިއްރު ކޮށްފައި ހުރި ސީރިއަސް މައްސަލަތަކެއް ފެންމަތިވެ، އެމައްސަލަތައް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަށް ހިއްސާ ކޮށްފައިވާ ކަމަށް ގާނޫނީ ވަކީލަކު ވިދާޅުވެއްޖެ އެވެ.

ގާނޫނީ ވަކީލު ޝިހާދު އިބްރާހިމް ޓްވިޓާގައި ބުނެފައިވަނީ މާލޭގެ ސްކޫލަކުން ސްކޫލުގެ އަގު ހިފެހެއްޓުމުގެ ގޮތުން ސިއްރު ކޮށްފައި ހުރި މައްސަލަތަކެއް އެޑިއުކޭޝަން މިނިސްޓްރީ އަށް ހިއްސާ ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ސްކޫލުގެ ދަރިވަރުންނާ ގުޅުންހުރި އެ މައްސަލަ ތަކަކީ 2015-2017 އަށް ހިނގާފައިވާ ކަންތައްތަކެއް ކަމަށެވެ. 

"މިނިސްޓަރުގެ ސަމާލުކަމަށް އެ ކަންކަން ގެނައުމާ އެކު ވިދާޅުވި ޖެންޑާ އާއި ފުލުހުންނަށް ހުށަހަޅައިގެން އެ ކަންކަން ބަލާނެ ވާހަކަ. މިއީ ވަރަށް ސީރިއަސް މައްސަލަތަކެއް، ވަގުތުން ވަގުތަށް ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ބާވަތުގެ މައްސަލަތަކެއް،" ޝިހާދު ސީއެންއެމް އަށް ވިދާޅުވި އެވެ.

ޝިހާދު ވިދާޅުވީ އެ މައްސަލަތައް ކަމާގުޅޭ ފަރާތްތަކަށް ހުށަހަޅުއްވައިގެން ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު، މައްސަލަތައް ބެލުމުގެ ކުރިން އޭގެ ތަފްސީލުތައް ހާމާ ކުރުން ރަނގަޅު ނުވާނެ ކަމަށެވެ. އެގޮތުން އެކަން ހިނގީ މާލޭގެ ކޮން ސްކޫލެއްގައި ކަމެއް ވެސް އޭނާ ހާމައެއް ނުކުރައްވަ އެވެ.

ނަމަވެސް އޭނާ ވިދާޅުވީ ހުރިހާ ކޭސްތަކެއްގައި ވެސް މައްސަލަ ރައްދުވާ މީހުންނަކީ މަދުރަސާގެ އެކިއެކި ހަރަކާތްތަކަށް ހަރަދުކުރާ ފަރާތްތަކެއްކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ މީހުން މަސައްކަތް ކުރަނީ ލޯއެންފޯސްމަންޓް އިދާރާތަކުގައި ކަން ފާހަގަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަތައް އެޑިއުކޭޝަން މިނިސްޓަރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ބުނެ ޝިހާދު ޓްވީޓް ކުރީ، އޭނާގެ ބްލޮގްގައި "ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން މުސީބާތަކަށް ވެއްޖެ"ގެ ނަމުގައި ލިޔެފައިވާ ލިޔުމަކާއި އެކު އެވެ. އެހެންކަމުން އެ ހުރިހާ މައްސަލަ ތަކަކީ ވެސް ޖިންސީ ގޯނާގެ މައްސަލަތަކެއް ކަމަށް ބެލެވެ އެވެ.

މިކަމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީ އަށް ހުށަހެޅޭ ހުރިހާ މައްސަލަތަކެއް ވެސް ބަލާނެ ކަމަށެވެ. ސީދާ މި މައްސަލަ އާ ގުޅޭ ގޮތުން ވަކި އެއްޗެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް