ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ އެމްއެމްޕީއާރުސީގެ މި ހިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ 260 މީހުންގެ ތެރޭގައި ރާއްޖޭގެ އެކި ސިޔާސީ ޕާޓީތަކަށާއި ފިކުރުތަކަށް ނިސްބަތްވާ މީހުންގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރު ތިއްބެވި ބައެއް މެންބަރުން ޝާމިލްވެފައިވާކަމަށެވެ. އަދި އެއިން ކޮންމެ ފަރާތަކަށްވެސް ފައިސާގެ ކޮންމެވެސް މިންވަރެއް ލިބިފައިވާކަމަށް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ޝަމީމް ވިދާޅުވީ މި މައްސަލާގައި ދެން އުޅޭ ބަޔަކީ ސިޔާސީ ބައެއް ވެރިން ކަމަށެވެ. އަދި އޭގެތެރޭގައި މިނިސްޓަރުކަމުގައި ތިއްބެވި ބޭފުޅުން ޝާމިލްވުން އޮތް ކަމުގައި ވީނަމަވެސް އެބޭފުޅުންނަކީ މައްސަލައިގެ މައިގަނޑުގައި އުޅޭ ބޭފުޅުން ކަމަށް ނުވެދާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
ސިޔާސީ ނުފޫޒު މި މައްސަލައަށް ނުހިނގާނެކަމުގެ ޔަގީންކަން ޝަމީމް ވަނީ ދެއްވާފައެވެ. އަދި އެއްވެސް ފަރާތެއްގެ ނުފޫޒު މި މައްސަލައަށް ހިނގާނަމަ ޕީޖީގެ މަގާމުގައި އޭނާ ނުހުންނަވާނެ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
ސިޔާސީ އެކި ބޭފުޅުންތަކުގެ އިތުރުން ދެން މި މައްސަލާގައި ތުހުމަތު ކުރެވޭ އަނެއްބަޔަކީ ލޯ އެންފޯސްމަންޓުގެ ބޭފުޅުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ޝަރުއީ ދާއިރާގެ ބޭފުޅުންނާއި ފުލުހުންނާއި ސިފައިންވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ރޭގައި ކުރިޔަށް ދިޔަ މި ޕްރޮގްރާމުގައި ޝަމީމް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތް ރާވާ ހިންގުމުގައި އެންމެ އިސްކޮށް ތިއްބެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލައިގެ ތަހުގީގު ވީހާވެސް އަވަހަށް ނިންމާލެވޭތޯ ބައްލަވާނެ ކަމުގައި އޭނާ ވިދާޅުވެފައިވެއެވެ.