މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި އިއުލާންކުރި ލޮކްޑައުންއާ ހިލާފުވެގެން 582 މީހަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން ބުނީ އޭގެ ތެރެއިން ޖުމްލަ 312 މީހުން ހިމެނޭ 45 މައްސަލައެއް ޕީޖީއަށް ފޮނުވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އިއްޔެ ހަވީރު 16:00 ގެ ނިޔަލަށް ފުލުހުންގެ ހައްޔަރުގައި ތިބީ އޭގެ ތެރެއިން 37 މީހެއް ކަމަށެވެ.
ލޮކްޑައުންއާ ހިލާފުވެގެން ފުލުހުން ވަނީ 9000 އަށް ވުރެ ގިނަ މީހުން ޖޫރިމަނާ ވެސްކޮށްފަ އެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި ލޮކްޑައުންއާ ހިލާފުވުމުން ދެ ތިން ފަހަރަކަށް ނަސޭހަތްތެރިވެ އެވެ. އެކަމަކު ތިން ވަނަ ފަހަރަށް ތަކުރާރުކުރުމުން ދެން ކުރާނީ ޖޫރިމަނާ އެކެވެ.
ލޮކްޑައުންގެ މުއްދަތުގައި ބޭރަށް ނިކުމެވޭނީ ފުލުހުންގެ ހާއްސަ ހުއްދައެއް ހޯދައިގެންނެވެ. އެކަމަކު މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ފަތިހު 5:00 އިން ރޭގަނޑު 10:00 އާ ދެމެދު ބޭރަށް ނިކުތުމަށް ފުލުހުންގެ ހުއްދައެއް ހޯދާކަށް ނުޖެހެ އެވެ. އެކަމަކު ރޭގަނޑު 10:00 އިން ފަތިހު ފަހަކަށް ބޭރަށް ނިކުތުމަކީ މަނާ ކަމެކެވެ. އަދި ބޭރުގައި އުޅޭނަމަ ހުއްދައެއް ހޯދަން ޖެހެ އެވެ.