ads
ފޮޓޯ: ސަން
އިލްތިމާސް އަޑުއަހާ، ބޭނުމެއް ނެތި ބޭރަށް ނުނިކުމޭ!
ކޮވިޑް19 އަށް މާލެ އިން މީހަކު ޕޮޒިޓީވްވި ފަހުން ދެ މަސްދުވަހަށް ވުރެ ގިނަ ދުވަސްވީއެވެ. މާލެ ފުލް ލޮކްޑައުނުގައި ދެމަސް ދުވަހު އޮތުމަށްފަހު ބޮޑެތި ލުއި ތަކަކާއި އެކު ހުލުވާލީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

ލޮކްޑައުންނަށް ލިބުނު ބޮޑުލުޔާއި އެކު މިވީ ފަސް ދުވަހު މަގުމައްޗަށް އެނގުން ވެއްޖެއެވެ. ޓްރެފިކް ބާރު ބޮޑުވެ މަގުމަތީގައި އެކި ފަރާތްތަކުން ގިނަ ވަގުތު ހޭދަކުރަން ފަށައިފި އެވެ. ކަމާ ގުޅޭ އިދާރާތަކުގެ ލަފާގެ މަތިން ކަނޑައެޅިފައިވާ ވަގުތު ތަކުގައި ބޭރުގައި އުޅޭ ފަރާތްތަކާއި ކޮންމެހެން ބޭރަށް ނިކުންނަން ޖެހިގެން ނިކުންނަ ފަރާތްތަކުގެ އިތުރުން ކަމެއްނެތި މަގުމަތީގައި ތިބޭ ފަރާތްތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. 

ކޮވިޑް19 އެއްކޮށް ނައްތާލެވިދާނެ ކަމާ މެދު ސުވާލު އުފެދިފައިވާއިރު ބައްޔާއި އެކު އުޅެން ވެސް ދަސްކުރަންޖެހޭ ކަމީ ހަގީގަތެވެ. ބައްޔާއި އެކު އުޅެން ދަސްވުމަކީ ބޭނުމެއް ނެތި މަގުމަތީގައި ހޭދަ ކުރާ ވަގުތު މަދުކުރުމެވެ. ސާފުތާހިރުކަމަށް އިސްކަންދީ ބޭރުގައި އުޅޭއިރު މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމެވެ. ލޮކްޑައުނަށް ލިބުނު ލުޔާއި އެކު މަގުމަތީގައި އުޅޭ ފަރާތްތަކުގެ ތެރެއިން މާސްކް ބޭނުން ނުކޮށް އަދި ގައިދުރުކަމަށް ސަމާލުކަމެއް ނުދީ އުޅޭ ފަރާތްތައް މަދުން ނަމަވެސް ފެންނަން ޖެހެއެވެ. 

ކޮވިޑް19: ފަސް ދުވަހުގެ ތެރޭ 115 ޕޮޒިޓިވް ކޭސް!

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވީ 2150 މީހުންގެ ތެރެއިން 82.28 އިންސައްތަ މީހުން ވަނީ މިބަލިން ރަނގަޅު ވެފައެވެ. މިވަގުތު ބަލީގައި ޕޮޒިޓިވް ކޮށް ތިބީ 371 ފަރާތެކެވެ. އެހެން ނަމަވެސް ހިތާމައަކީ މި 371 ފަރާތުގެ ތެރެއިން 115 ފަރާތް ޕޮޒިޓިވް ވެފައިވަނީ ލޮކްޑައުނަށް ލުއި ދިން، މިމަހުގެ 15 ވަަނަ ދުވަހުގެ ފަހުންނެވެ.

ޖޫން 15 ވަނަ ދުވަހުން ފެށިގެން ކޮވިޑް19 އަށް ޕޮޒީޓިވްވީ މީހުންގެ އަދަދުތައް

  • ޖޫން 15 ވަނަ ދުވަހު 30 ޕޮޒިޓިވް ކޭސް
  • ޖޫން 16 ވަނަ ދުވަހު 29 ޕޮޒިޓިވް ކޭސް
  • ޖޫން 17 ވަނަ ދުވަހު 26 ޕޮޒިޓިވް ކޭސް
  • ޖޫން 18 ވަނަ ދުވަހު 17 ޕޮޒިޓިވް ކޭސް
  • ޖޫން 19 ވަނަ ދުވަހު 13 ޕޮޒިޓިވް ކޭސް

މިހާރު ޕޮޒިޓިވް ވަމުން އަންނަ ކޭސްތަކުގައި އިތުރަށް ކަންބޮޑުވާންޖެހޭ ކަމެއް އެބައޮތެވެ. އެއީ އެއްވެސް ކްލަސްޓާއަކަށް ނުގުޅޭ އިންޑިޕެންޑެންޓް ކޭސްތައް އިތުރުވުމެވެ. ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތު ދޭގޮތުގައި ލޮކްޑައުނަށް ލުއި ދިން ފަހުން ފެންނަ ކޭސްތަކުގައި އިންޑިޕެންޑެންތް ކޭސްތައް ފެންނަމުން އަންނަވަރު އިތުރެވެ.

މިކަމުން ދޭހަވަނީ ކުރިން ޕޮޒިޓިވްވި މީހުންގެ ކްލަސްޓާ ތަކާ ގުޅުމެއް ނެތި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާކަމެވެ. ކޮމިއުނިޓީ ސްޕްރެޑް އަދި ވެސް އޮތްކަމެވެ. އެހެން ކަމުން ތިމާއާއި ތިމާއާއި އެކު ދިރިއުޅޭ މީހުންގެ ރައްކަލަށް ކޮންމެހެން ބޭނުން ޖެހިގެން މެނުވީ ގެއިން ބޭރަށް ނުނިކުތުން މުހިންމެވެ. ސަބަބަކީ މިބަލިން ރައްކާތެރިވުމަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ ގޭގައި ތިބުންކަމަށް ވީތީއެވެ. 

ލޮކްޑައުނަށް ލުއި ދިނީ އެއްވެސް ހާލެއްގައި ބަލީގެ ނުރައްކާތެރިކަން ކުޑަވެގެނެއް ނޫނެވެ. މާލެ ފަދަ ތޮއްޖެހިފައި އޮތް ތަނެއްގައި ބަލި ފަސޭހަކަމާއި އެކު ފެތުރިގަންނާނެއެވެ. ވީއިރު އިރުޝާދުތަކަށް ބޯނުލަނބާ ސަމާލުކަމެއް ނުދީފިނަމަ ދެވަނަ ލޮކްޑައުނަކަށް ދާންޖެހިދާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް