ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އިގުތިސާދީ ބޮޑު ކާރިސާ އަކާވެސް ގައުމު ކުރިމަތިލާން ޖެހިފައި ވާއިރު، ސަރުކާރާ ކަމާބެހޭ ހުރިހާ އެންމެން ކެޑިނޭޅި މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ.
ބަލިމަޑުކަމުން އަވަހަށް އަރައިގަނެ، އިގުތިސާދު އަލުން ކޮޅަށް ޖެހުމަށެވެ. ރައްޔިތުންގެ ދިރިއުޅުމަށް ބުރޫނާރާނެ ފަދަ ގޮތްގޮތަށް، ފަސޭހަކަމާއި އެކު ދިރިއުޅެވޭނެ ގޮތަކަށް ކަންތައްތައް ރާވާ ބައްޓަން ކޮށް އެ ބޭނުންވާ މިނިވަންކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ކަމާބެހޭ މާހިރުން ދަނީ ގިނަ މަޝްވަރާތަކެއް ކުރަމުންނެވެ.
ބަލިމަޑުކަމާއި ކުރިމަތިލައި، ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ކެނޑިނޭޅި ޑޮކްޓަރުން އާދޭސް ކުރަމުން ދަނީ ހަމަ އެއް ކަންތައްތަކަށެވެ.
އަތް ދޮވެ ސާފުތާހިރުކަން ދެމެހެއްޓުމަށެވެ. އިޖުތިމާއީ ގައިދުރުކަން ބަހައްޓައިގެން ނޫނީ އެއްވެ ނޫޅުމަށެވެ. މަގު މައްޗަށް ކޮންމެހެން ނުކުންނަށް ނުޖެހޭ ނަމަ މަގު މައްޗަށް ނުނިކުތުމަށެވެ. މަގުމައްޗަށް ނުކުންނަ ނަމަ މާސްކު އެޅުމަށެވެ.
ދެ މަސް ދުވަހުގެ ދިގު ލޮކްޑައުން އެއް ގައި މާލެ ސަރަހައްދު އޮތުމަށް ފަހު ލޮކްޑައުނަށް ލުއިތަކެއް ދިނީ އެތައްފަހަރެއްގެ މަތިން އެތައް ކަމެއް އާދޭހާ އެކު އެދިފަ އެވެ.
ލޮކްޑައުންގެ ސަބަބުން ރައްޔިތުންނަށް އުނދަގޫވާ ކަން އެނގޭ ކަމަށާއި އެ އުދަނގޫތަކަށް ލުޔެއް މިދެނީ ރައްޔިތުން އެ މީހުންގެ ފަރުދީ ޒިންމާ އެންމެ އެކަށޭނަ ގޮތުގައި އަދާކުރާނެ ކަމުގެ އުންމީދާއި އެކުގައި ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
ލޮކްޑައުނަށް ލުއިދޭން މަޝްވަރާކުރަން ފެށީއްސުރެ ޑޮކްޓަރުން ބުނަމުން ދިޔައީ ތިމަންނާމެން އެންމެ ބިރު ގަންނަނީ އިޖުތިމާއީ ގައިދުރުކަމުގެ މަތިން މީހުން ހަނދާން ނެތިދާނެތީ ކަމަށެވެ. މާސްކުގެ މުހިންމުކަން ހަދާންނެތި މަގުމަތީގައި ތޮއްޖެހެން ފަށާފާނެތީ އެވެ.
މިއަދު މި ކަންތައް މިހެން ވާތަން އެބަ ފެނެ އެވެ.
ލޮކްޑައުނަށް ބޮޑެތި ލުއިތަކެއްދީ ވަކި ގަޑިތަކަކަށް ހުއްދަ އަކާއި ނުލައި ބޭރަށް ނުކުމެ އުޅުމުގެ ފުރުސަތު ލިބުނުތާ އަދި މިވީ ފަސް ދުވަހެވެ. މިހާރު އިޖުތިމާއީ ގައިދުރުކަން މިއީ ކޮން އެއްޗެއްކަން އެނގޭ ބަޔަކު މާލެ މަގުމަތިން ނުފެނެ އެވެ.
ސައިކަލުތަކުގައި މަގުތައް ފުރާލާފައި ވާއިރު، ތޮއްޖެހިގެން ދުއްވާ ވަގުތުވެސް ތިބެނީ އެއްސައިކަލުން އަނެއް ސައިކަލުގައި ޖެހޭހާ ކައިރީގަ އެވެ. ފިހާރަތަކަށް ގޮސް ވަދެ ނިކުތުމުގައި ވެސް ހަމަ މި އުސޫލެވެ. ޓޭކްއަވޭ އަށް އެއްޗެއް ނަގައިގެން އަނެއްކާވެސް މަގު ކަންމަތީގައި ގްރޫޕް ހަދަން ފަށައިފި އެވެ.
ހަނދާނުގެ ކަންފުޅެއްވެސް ނެތެވެ. ޑޮކްޓަރުން އިޖުތިމާއީ ގައިދުރުކަމެކޭ ކިޔާ އެއްޗެއްގެ ވާހަކަ ދައްކާ އަޑު މިހާރު އިވެނީއެއް ވެސް ނޫނެވެ. މާސްކަކީ ކޮންމެހެން އަޅަންޖެހޭ އެއްޗެއް ކަމަށް ގަބޫލުވެސް ނުކުރަނީ އެވެ. މަގުމަތީގައި މާސްކު ނާޅާ ވާހަކައިގައި ތިބޭ އިރު، މިގައުމު މިއޮތީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ކަމެއް ސިކުނޑީގައި ހަމަ އެއްވެސް ވަރަކަށް ނެތީ އެވެ.
އަނެއްކާވެސް ހޭއަރާނީ މިހާރު މިއޮތް ހާލަތު ގޯސް ވުމުންނެވެ. އެކަމަކު އޭރުންވެސް ގޯސްވާނީ ސަރުކާރާ ކަމާބެހޭ މީހުންނެވެ. މީހުން ދެއްކި ވާހަކަ އަޑު ނާހައި ބަސް ނޭހި މީހުންނެއް ނޫނެވެ.