އެ ވާހަކަތަކަށް ސޯނަމް ރައްދު ދިނީ އިއްޔެ ފާހަގަކުރި ބައްޕައިންގެ ދުވަހު އެވެ. ދުވަހުގެ ތަހުނިޔާ ބައްޕައަށް ފޮނުވަމުން ސޯނަމް ބުނީ އޭނާ ބޮލީވުޑުގައި ހުރީ ބައްޕަގެ ސަބަބުން ކަމަށެވެ. އެގޮތުން، ބައްޕަ، މަސައްކަތް ކުރީ އޭނާ އަށްޓަކައި ކަމަށާއި ބައްޕަގެ ދަރިއަކަށް ވުމުން ފަހުރުވެރިވާ ކަމަށް ބުންޏެވެ.
ސޯނަމް ފާޑުކިޔުންތެރިންނަށް ރައްދުދިން ނަމަވެސް ގިނަ ބަޔަކު ވަނީ އެ ޓްވީޓަށް ވެސް ރައްދުދީ އޭނާއަށް ވަރަށް ފާޑުކިޔާފަ އެވެ. އަދި ބުނީ، ބޮލީވުޑު މީހުންގެ ދަރިން ވަރަށް ހަމަޖެހިގެން މަސައްކަތް ކުރަމުން އަންނައިރު އެފަދަ އާއިލާތަކަށް ނިސްބަތް ނުވާ ތަރިން ބޮލީވުޑުގައި ގަނެތެޅެނީ ކަމަށެވެ.
ނީރްޖާ އާއި ޕްރެމް ރަތަން ދަންޕާޔޯ އާއި ސަންޖޫގެ އިތުރުން ހޫބްސޫރަތު ފަދަ ފިލްމުތަކުން ފެނިގެންގޮސްފައިވާ ސޯނަމް ބޮލީވުޑަށް ތައާރަފުވެފައި ވަނީ ސާވަރިޔާ އިންނެވެ.