ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓީއެމްއޭ އިން، ކޮވިޑް-19 އާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުންނާ އެކު ޚާއްސަ ކޮންޓްރެކްޓްތަކެއް ހެދީ އޭޕްރީލް މަހުން ފެށިގެންނެވެ. ހުރިހާ މުވައްޒަފުންގެ މުސާރަ 50 ޕަސެންޓް ކުޑަކޮށް ހެދި ކޮންޓްރެކްޓް ތަކުގެ މުއްދަތަކީ ފަސް އަހަރަށް ވުރެ ގިނަ ދުވަހު އެ ކުންފުނީގައި އުޅެފައިވާ މުވައްޒަފުން ނަމަ ހަތަރު މަހެވެ. ނަމަވެސް ފަސް އަހަރަށް ވުރެ ކުރު މުއްދަތެއްގައި މަސައްކަތް ކޮށްފައި ތިބި މުވައްޒަފުންނާއި އެކު ހެދީ ތިން މަހުގެ ކޮންޓްރެކްޓެއް ކަމަށް ވެއެވެ.
އެނގިފައިވާ ގޮތުގައި އެ ކޮންޓްރެކްޓްތަކުގައި އޮތް ގޮތުން، ކޮންޓްރެކްޓަރުންގެ މުއްދަތު ހަމަވުމަށް ފަހު ކުންފުނިން ކޮންޓްރެކްޓް އާ ނުކުރާނަމަ އޭގެ މާނަ އަކީ އެ މީހެއްގެ ވަޒީފާ ގެއްލުމެވެ. އެގޮތުން ކޮންޓްރެކްޓްތައް ހަމަވުމުން، ޓީއެމްއޭ އިން ގިނަ މުވައްޒަފުންގެ ކޮންޓްރެކްޓްތައް އާ ނުކުރުމާއި ގުޅިގެން މިހާރު ވަނީ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިވެފައި ކަމަށް ވެއެވެ.
ކޮންޓްރެކްޓް ހަމަވުމުން ވަޒީފާ އިން ވަކިވި މުވައްޒަފުންނަށް، އިތުރު ތިން މަސް ދުވަހަށް ޓީއެމްއޭ އިން ހާއްސަ އެލަވަންސެއް ދޭން ހަމަޖެހިފައިވާ ކަމަށް ވެއެވެ. އެގޮތުން ވަކިވާ ކޮންމެ މުވައްޒަފަކަށް ވެސް މަހަކަށް 200 ޑޮލަރު ލިބޭނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ކޮންޓްރެކްޓް ހަމަވުމާއި ގުޅިގެން ޓީއެމްއޭގެ ގިނަ އަދަދެއްގެ ކެބިން ކުރޫންގެ އިތުރުން، އެ ކުންފުނީގައި ހުރިހާ ޑިޕާޓްމަންޓެއް ވެސް ހިމެނޭ ގޮތަށް ގިނަ ބައެއްގެ ވަޒީފާ މިހާރު ވަނީ ގެއްލިފައި ކަމަށް ވެއެވެ. ވަޒީފާ ގެއްލުނު މީހުންގެ ތެރޭގައި އެ ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން ވެސް ހިމެނެ އެވެ.
ރިސޯޓްތަކަށް ފަތުރުވެރިން ގެންދިއުމުގައި ހަރަކާތްތެރިވާ ޓީއެމްއޭގައި 57 ސީޕްލޭން އޮންނަ އިރު، މިހާރު އޭގެ ތެރެއިން ގިނަ ބޯތުތައް ދަތުރެއް ނުކުރެ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ވިޔަފާރި ދަށްވުމާ ގުޅިގެން މީގެ ކުރިން އެ ކުންފުނިން އެއްވެސް މުވައްޒަފަކު ވަކިކޮށްފައެއް ނުވެ އެވެ.
ޓީއެމްއޭގައި 900 އެއްހާ މުވައްޒަފުން އުޅޭއިރު، އެ ކުންފުނިން މުވައްޒަފުންނާ އެކު ހެދި ހަތަރު މަހުގެ ކޮންޓްރެކްޓް ބުނާ ގޮތުން ކުރިން ދެމުން ދިޔަ މުސާރަތައް އަނބުރާ ދޭން ފަށާނީ، އެ މުއްދަތެއްގައި މިދިޔަ އަހަރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އަދަދުގެ 80 ޕަސެންޓާ ހަމައަށް ފަތުރުވެރިން ޖެހިޖެހިގެން ދެ މަސް ދުވަހު އައުމަށް ފަހު އެވެ.
ޓީއެމްއޭގެ ޑެޕިއުޓީ މެނޭޖަ ބިޒްނަސް ޑިވެލޮޕްމަންޓް ޝާހިދު އިބްރާހީމް ވިދާޅުވީ ޓީއެމްއޭގެ މުވައްޒަފުންނާ އެކު ހެދި ހާއްސަ ކޮންޓްރެކްޓްތައް ހަމަވުމާއި ގުޅިގެން ގިނަ މުވައްޒަފުންތަކެއްގެ ވަޒީފާ ގެއްލުމާ ގުޅިގެން ވަކި އެއްޗެއް ދަންނަވަން މި ވަގުތު ބޭނުން ނުވާކަމަށެވެ.
ޓީއެމްއޭން މުވައްޒަފުންނާ އެކު ހެދި ހާއްސަ ކޮންޓްރެކްޓްތައް ހަމަވުމާއި ގުޅިގެން ގިނަ މުވައްޒަފުންތަކެއްގެ ވަޒީފާ ގެއްލުނު އިރު، ވިލާގެ ފްލައިމީން ވަނީ ގާތްގަނޑަކަށް 200 އެއްހާ މުވައްޒަފުން ކަނޑާލަން ނިންމައިފަ އެވެ. ނަމަވެސް އެންމެ ފަހުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ނިކުތް މަންތާ އެއާ އިން މިހާތަނަށް އެއްވެސް މުވައްޒަފަކު ވަކިކުރި ކަން އެނގިފައެއް ނުވެ އެވެ.