ads
ހިރިޔާ ސްކޫލްތަކުގެ ދަރިވަރުންތަކެއް
ނިއު ނޯމަލްގައި ސްކޫލްތައް ހުޅުވާއިރު ބޭނުންވާ ތަކެތި ފޮނުވަނީ
އަންނަ މަހު ސްކޫލްތައް ހުޅުވާލުމުގެ ތައްޔާރީތައްވަމުން އަންނައިރު ނިއު ނޯމަލްގައި ސްކޫލްތައް ހުޅުވާލުމަށް ބޭނުންވާ ތަކެތި ސްކޫލުތަކަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އަންނަ މަހުގެ އެއް ވަނަ ދުވަހު ސްކޫލްތައް ހުޅުވާލުމުގެ ތައްޔާރީތައް ވަމުން އަންނައިރު އެޑިއުކޭޝަނުން މިވަނީ އެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށް ބުނެފަ އެވެ. 

ސްކޫލްތަކަށް ފޮނުވަން ފެށި ތަކެތީގެ ތެރޭގައި ސެނިޓައިޒާ، ސައިބޯނި އަދި ޑިސްއިންފެކްޓެންޓް ކުރަން ބޭނުންކުރާ ތަކެތި ހިމެނެއެވެ. ޔުނިސެފްގެ އެހީގައި ސައިބޯނި ހޯދިއިރު ދެން ހުރި ތަކެތި ހޯދައިފައިވަނީ މިނިސްޓްރީގެ ބަޖެޓުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ. 

އެގޮތުން، ޔުނިސެފްގެ އެހީގައި އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ "ސްކޫލް ވޮޝް ޕްރޮގްރާމް" ގެ ދަށުން ސްކޫލްތަކުގެ ކުލާސްރޫމްތަކުގައި 12،500 އަތް ދޮންނަ ސައިބޯނި ފުޅި ބެހެއްޓުމުގެ ގޮތުން ސްކޫލްތަކަށް މިހާރު ސައިބޯނި ފުޅިތައް ފޯރުކޮށްދީފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން، ސްކޫލްތަކުގައި ގާއިމް ކުރަން ޖެހޭ ހޭންޑްވޮޝިން ސްޓޭޝަންތައް މިހާރު ހަދަމުންދާ ކަމަށާއި، ސްކޫލްތައް ހުޅުވޭއިރު އެ ސްޓޭޝަންތައް ހުރިހާ ސްކޫލެއްގައި ވެސް ގާއިމްކޮށް ނިމޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަދި، ރާއްޖޭގެ ސްކޫލުތަކުގައި 500 ޑިޖިޓަލް އައިއާރް ތާމޯމީޓަރު ބެހެއްޓުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން ތާމޯމީޓަރުތައް މިހާރު ވަނީ ސްކޫލްތަކަށް ފޮނުވަން ފަށައިފަ އެވެ. އަލުން ސްކޫލްތައް ފަށާއިރު ރައްކާތެރި ކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ދަރިވަރުން ސްކޫލުތަކަށް ވަނުމުގެ ކުރިން އެ ކުދިންގެ ޓެމްޕަރޭޗާ ބަލާނެ އެވެ.

ބަލިމަޑުކަމަކަށް ފަހު، އަލުން ކިޔަވަން ފަށާއިރު ދަރިވަރުންނަށް ދިމާވެދާނެ ނަފްސާނީ ބަލިތަކަށް އެހީ ފޯރުކޮށްދިނުމަށް ރާއްޖޭގެ 11،000 މުދައްރިސުންނަށް ބޭސިކް ސައިކޯ ސޯޝަލް ސަޕޯޓާއި ސައިކޮލޮޖިކަލް ފަސްޓް އެއިޑް ޓްރެއިނިން ވެސް މިހާރު ވަނީ ދޭން ފަށާފަ އެވެ.

ސްކޫލްތައް ހުޅުވަން ވާންޖެހޭ ތައްޔާރީތަކަށް ބޭނުންވާ ފައިސާ ހަމަޖައްސާފައި ވަނީ ދިވެހި ސަރުކާރުގެ ބަޖެޓުންނާއި ޔުނިސެފާއި ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު ކަމަށް މިނިސްޓްރީން ބުނެ އެވެ. އެކަމަކު އެގޮތަށް ކިޔަވަން ފެށުމަށް ބޭނުންވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ސާފެއް ނުވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދުކޮށްފައި ވަނީ މާޗު މަހުގެ ތެރޭގަ އެވެ. ލޮކްޑައުން އަށް ލުއި ދޭގޮތަށް، ސުކޫލުތަކުގައި ކިޔަވައިދޭން ފަށާނީ ވެސް ސްޓޭޖްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ލޮކްޑައުންގައި ހުރި ރަށްރަށުގެ ސްކޫލުތައް ބަންދުވާނެ އެވެ. އެކަމަކު މޮނީޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގެ ސްކޫލުތައް ހުޅުވައި ގްރޭޑް 9 އަދި 10ގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށާނެ އެވެ. އޭގެ އިތުރުން އޭ ލެވެލް ގްރޭޑްތައް ކަމަށްވާ 11 އަދި 12ގެ ދަރިވަރުންނަށް ވެސް ކިޔަވައިދޭން ފަށާނެ އެވެ. ކޮވިޑް-19 ނޫޅޭ ރަށްރަށުގައި ހުރިހާ ގްރޭޑްތަކަކަށް ކިޔަވައިދޭން ފަށާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް