ads
ޖެންޑަރ މިނިސްޓަރުކަމުގެ މަގާމު ފުރުއްވި ތިން ވަޒީރުންނާއި މިހާރުގެ ވަޒީރު
4 ވަޒީރުން- 4 އަހަރު- އެކަމަކު ގަވާއިދު އަދިވެސް ނުހަދާ!
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަސްދީގު ކުރެއްވި، އާއިލާއާ ބެހޭ ގާނޫނުގެ ދަށުން ޖެންޑާ އެންޑް ފެމެލީ މިނިސްޓްރީއިން ހަދަން ޖެހޭ ގަވައިދު އަދިވެސް ހަދާފައިނުވާ މައްސަލަ ފެންމަތިވެއްޖެއެވެ.

އާއިލާއާ ބެހޭ ޤާނޫނަށް ގެނެވުނު ދެވަނަ އިސްލާހު ރައީސް ޔާމީން ތަސްދީޤު ކުރެއްވި 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ. 

މީގެ ހަތަރު އަހަރު ކުރިން ތަސްދީގު ކުރެވުނު އާއިލާއާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުގެ ދެ ވަނަ މާއްދާގެ (ތ) ގައި ބުނެފައިވަނީ އެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތަކެއް ހަދަން ޖެހޭނެ ކަމަށެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ ގާނޫނު ތަސްދީގު ކުރި ދުވަހުން ފެށިގެން ހަ މަސް ދުވަސް ފަހުންނެވެ. އެހެންކަމުން، 28 އޭޕްރީލް 2016 ގައި ތަސްދީގު ކުރެވުނު އެ ގާނޫނަށް 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އަމަލުކުރަން ފެށިފައިވާއިރު، މިހާތަނަށްވެސް އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ހަދާފައެއް ނުވެއެވެ.

މީގެ ހަތަރު އަހަރު ކުރިން، 2016 ވަނަ އަހަރުގެ އޭޕްރީލް މަހު، އެ ގާނޫނު ތަސްދީގު ކުރެވުނު އިރު ޖެންޑަ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވީ ކުރީގެ ބަންޑާރަ ނާއިބު މުހައްމަދު އަނިލްއެވެ. އޭނގެ ފަހުން، ހަމަ އެ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހުން ފެށިގެން، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު 17 ވަނަ ދުވަހު ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާއި ހަމައަށް ޖެންޑަ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވީ، ޒެނީޝާ ޝަހީދު ޒަކީއެވެ.

އިބްރާހިމް މުހައްމަދު ސާލިހު ރައީސްކަމުގެ މަގާމާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ޖެންޑަ މިނިސްޓަރުކަމުގެ މަގާމަށް އައްޔަން ކުރެއްވީ ޝިދާތާ ޝަރީފުއެވެ. ޝިދާތާ، މި އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމުން، ދެން އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިހާރު އެ މަގާމުގައި ހުންނެވި، އައިޝަތު މުހައްމަދު ދީދީއެވެ.

ހަތަރު އަހަރު ދުވަހުގެ މުއްދަތެއް ފާއިތުވެގެންގޮސް، އަދި ތިން ވަޒީރަކު ޖެންޑަ މިނިސްޓަރުކަމުގެ މަގާމު ފުރުއްވައި، ހަތަރު ވަނަ ވަޒީރަކު މިހާރު މަގާމުގައި ހުންނެވި އިރު އަދިވެސް އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ނުހަދައިވާކަން ފާހަގަ ކުރެވުނީ ހައިކޯޓުން ބުދަ ދުވަހު ކުރި ހުކުމެއްގައި އެކަން ފާހަގަކުރުމުންނެވެ.

ހައިކޯޓުން ބުދަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ ގާނޫނެއްގައި ވަކި ކަމެއް ވަކި މުއްދަތެއްގައި ކުރުމަށް ވަކި މީހެއް ނުވަތަ ފަރާތެއްގެ މައްޗަށް ލާޒިމްކޮށް ކަނޑައަޅައި ބަޔާންކޮށްފައިވާނަމަ އެކަމެއް އެ މުއްދަތުގައި ކުރުން އެކަމެއް ރައްދުވާ ފަރާތުގެ މައްޗަށް ލާޒިމްވާނެ ކަމަށެވެ. ނޫންނަމަ، އެކަމެއް ރައްދުވާ ފަރާތަކުން ގާނޫނާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން ގާނޫނާ ހިލާފުވީ ކަމަށް ބެލޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް