ads
ޑރ. މުހައްމަދު ޖަމީލް އަހުމަދު--
ޑރ. ޖަމީލް އުނބަށް ޖެހުން!
ގެންދަވާނީ ދަށްކަވާން ހުރި ތަނެއް ދައްކަވާފައޭ މުސްކުޅީން ބުނެ އުޅެއެވެ. މިރާއްޖޭގެ ސިޔާސީ ހަޔާތުގެ މިފަހުގެ 20 ވަރަކަށް އަހަރަށް ބަލާލާއިރު ތަފާތު އެކި ސިޔާސީ ފަރާތްތައް މި ރާއްޖެ ދެކެފި އެވެ. އެހެން ނަމަވެސް ޑރ. މުހައްމަދު ޖަމީލް އަހުމަދާ ވާދަ ކުރެވޭނޭ ފަދަ ދެވަނަ ފަރާތެއް ހުރި ކަމަކަށް ނުދެކެމެވެ. ވާދަ ކުރަނީ އާދައިގެ ކަމަކުން ނޫނެވެ. އުނބަށް ޖެހުމުގައެވެ.
Advertisement

ތާވަޅު އައިނެއްގެ ތެރެއިން ތާވަޅެއްގެ ބޮލަށް ފިތާލުމަށްފަހު މޫދަށް ދޫކޮށްލުމުން އެސޮރު އުޅޭނޭގޮތް ވިސްނަވާށެވެ. އެ ވިސްނުން ސިކުނޑީގައި ބައިންދަވައިގެން އަޅުގަނޑާއި އެކު ކުރިޔަށް ވަޑައިގަންނަވާށެވެ. 

މީގެ ގާތްގަނޑަކަށް ހަތް އަހަރުކުރިން، 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ކުރެވެނު ކެމްޕެއިނަށް ކުޑަކޮށް ބަލާލަމާތޯއެވެ. ޑރ. ޖަމީލް ހުންނެވީ އޭރުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި އެކު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ނިވަލުގައެވެ. އިންތިހާބަށް ޑރ. ޖަމީލް ވާދަ ކުރެއްވީ ޔާމީންގެ ރަނިންމޭޓްގެ ގޮތުގައެވެ. އެހެން ނަމަވެސް ކެމްޕެއިންގައި ޔާމީނަށް ވުރެ ގިނައިން ރަށްރަށުން ފެނުނީ ޖަމީލެވެ. ވެރިކަމުގެ ލައްޒަތާއި ފޮނިކަން ހޯއްދެވުމަށް ބުރަ މަސައްކަތެއް ޖަމީލް ކުރެއްވި އެވެ. 

އިންތިހާބު ކާމިޔާބު ކުރައްވައިގެން ވެރިކަމާއި ހަވާލުވީ ރައީސް އަބްދުﷲ ޔާމީނެވެ. ނައިބަކަށް ހުންނެވި ޑރ. ޖަމީލަށް ވެރިކަމުގެ ލައްޒަތާއި އަރާމުގައި ހުރެވުނީ 30 ޖުލައި 2015 ވަނަ ދުވަހުގެ ނިޔަލަށެވެ. ނައިބު ކަމުން ޖަމީލް ވަކިކުރީ އިތުބާރު ނެތް ކަމަށް ބުނެއެވެ. އިތުބާރު ނެތީ މާލޭގައި 2015 ވަނަ އަހަރު ކުރިއަށް ގެންދިޔަ ބޮޑު މޭޑޭ މުޒާހަރާ އާއި ގުޅޭގޮތުން އެއްޗެއް ވިދާޅުނުވެ ހުރީމައެވެ. މަގާމު ވަކި ކުރުމުގެ ކުރިން ރައީސް ޔާމީން ވަނީ ޖަމީލް ރައީސް ޔާމީނަށް އިހްލާސްތެރިނުވަކަމާއި އެ ނޫނަސް ތަފާތު އިލްޒާމްތައް ޑރ. ޖަމީލު ކޮޅުފުޅުގައި އަޅުއްވާފަ އެވެ. ޖަމީލު ކަންކަން ކުރެއްވީ ގޯހުން ގޯހުން ކަމަށް ދެއްކުމަށްޓަކައި ރައީސް ޔާމީން ވަނީ ޖަމީލު އިދިކޮޅު މީހުންނާ ސިއްރު ގުޅުމެއް އޮތް ކަމަށް ބުނެ އެކަން ސާބިތުކޮށް ދޭން އޭރުގެ ޕީޕީއެމް ޕާލަމެންޓް ގްރޫޕަށް ޖަމީލު ފޮނުވާފައިވާކަމަށް ބުނާ މެސެޖުތަކެއް ވެސް ދައްކަވާފަ އެވެ. އެ ވާހަކަ ފަހަށް ބާއްވަމާ ހިނގާށެވެ. ޖަމީލު މަގާމުން ބޭރު ކުރެއްވުމުގެ ކުރިން ރާއްޖެ ދޫކޮށް ވަޑައިގެންނެވި އެވެ.

އޭގެފަހުން ރާއްޖެއިން ބޭރަށް އަރުވާލެވިގެން ޖަމީލް ހުންނެވި އިރު ހިޔަނި ކެބިނެޓްގެ ލީޑަރުކަންވެސް ކުރެއްވި އެވެ. އަދި އޭގެ ފަހުން ޖުމްހުރީ ޕާޓީ އަށް ސޮއި ކުރައްވިވެސް މެއެވެ. ރައީސް ޔާމީނަށް ފާޑު ކިޔުމުގެ ސިލްސިލާތައް ކުރިއަށް ދިޔައިރު މި އިން ކިތަންމެ ފަހަރަކު 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ކުރެވެނު ކެމްޕެއިނަށް މިމަނިއްޕުޅު ކުރި ބުރަ މަސައްކަތުގެ ވާހަކަ އާއި ކުރި ހެޔޮ ކަމަށް ތެޔޮ ހަމެއް ދިން ވާހަކަ ތަކުރާރުކޮށް ދެއްކެވި އެވެ. 

މީގެ އިތުރުން އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އެކަނިވެސް ރައީސް ޔާމީން މަގާމުން ދުރުކުރެވޭނޭ ކަމަށާއި، އެ ހިޔާނާތާއި ރައީސް ޔާމީނާއި ހުރި ގުޅުމުގެ ބޮޑުމިން ކިތަންމެ ފަހަރަކު ހާމަކޮށްފައި ވެއެވެ. އަދި ގާނޫނީ އިމުގެ ބޭރުން ރައީސް ޔާމީން ކިތަންމެ ކަމެއް ކޮށްފައިވާ ކަމަށް ވިދާޅުވެ ވާހަކަވެސް ދެއްކިކަން މި ފަސްގަނޑު ހެކިވާނެ އެވެ. 

މީގެ އިތުރުންވެސް އެމަނިކުފާނާ އެކު ސިޔާސީ ސަފުހާ ނިންމަވާލެއްވީ ކަމަށާއި، އަދި ރައީސް ޔާމީނަކީ މޮޅު ސިޔާސީ ވިސްނުން ތެރިއެއްކަމަށް ވެސް ދެކިވަޑައިނުގަންނަވާ ކަމަށް ޖަމީލް ވިދާޅުވި އެވެ. މިކަހަލަ މިކަހަލަ ކިތަންމެ ވާހަކައެއް ޖަމީލް ރައީސް ޔާމީނާ ގުޅޭގޮތުން ދެއްކެވި އެވެ. 

އެހެން ނަމަވެސް، ޖަމީލްގެ ބަހަށް އިންކާރު ކޮށް ދެކޮޅު ހަދަނީވެސް ހަމަ ޖަމީލެވެ. 

މި ސަރުކާރުގެ ކޯލިޝަންގައި ހިމެނެނު ޖަމީލަށް ސަރުކާރުގެ މަގާމެއް ނުލިބުމުން ކޮންމެވެސް ވަރަކަށް ބޮޑާހާކާގޮތް ވިއެވެ. އެހެން ނަމަވެސް މަޖިލިސް އިންތިހާބުގައި ވާދަކޮށް ޖޭޕީގެ ސްލޮޓްގައި ޖަމީލް ބަލިވީ އަމިއްލަ ކެނޑިޑޭޓެއް ކައިރިންނެވެ. ސިޔާސީ ގޮތުން ތާއީދެއް ބުރަދަނެއް ރޭވުންތެރިކަމެއް ނެތްކަން ހާމަވަނީ މިކަންކަމުންނެވެ. އިންތިހާބުން ބަލިވި އިރު ރަނގަޅު ކުރިމަތިލުމެއްވެސް ނުދެވުނީ އެވެ. ބަލިވީ ތިން ވަނައިގައެވެ. 

އަމިއްލަ މަގުބޫލުކަން މީހުންގެ ތެރޭގައި ނެތި މަގާމަކަށް އިންތިހާބު ނުވެވުމުން، ޖަމީލް އެނބުރެން ފެށީ ފަށަމުން ފާހަގަކުރި ތާވަޅުގެ އުސޫލުންނެވެ.

ސިޔާސީ ގޮތުން ޑރ. ޖަމީލް ވަރަށް ގިނަ ވާހަކަތައް ވަރަށް ގިނަ ދުވަސް މަތިން ދެއްކެވި އެވެ. އަދި އެ ދެއްކެވި ވާހަކަތައް އަމިއްލަ އަނގަައިން ދޮގުކުރަމުންވެސް ވަޑައިގެންނެވި އެވެ. އެންމެ ފަހުން ނުކުރައްވާނެ ކަމަށް ވިދާޅުވި ހުރިހާ ކަމެއް ކުރެއްވީ އެވެ. ކައިވެނި ރުޖޫއަވެސް ކުރީ އެވެ. ރައިސް ޔާމީންގެ ބޮލުގައި އެޅުއްވި ބޮޑު ވައްކަމުގައި އެމަނިކުފާނުގެ ދިފާއުގައި ވެސް ހުންނެވީއެވެ. ރައިސް ޔާމީނަށް ވައްކަމުގެ ތުހުމަތު ވެސް ކުރެއްވީ ޖަމީލެވެ. ރައީސް ޔާމީންގެ ދިފާއުގައި ވެސް ހުރީ ޖަމިލެވެ. ނިމުނުކަމަށް ބުނި ރައީސް ޔާމީނާ އެކު މަސައްކަތްކުރި ސިޔާސީ ސަފުހާގެ ބަދަލުގައި މުޅިން އާ ފޮތެއް ލިޔުއްވަން ފެއްޓެވީއެވެ. އުނބަށްވެސް ޖެހީއެވެ. އަޅުގަނޑު ކުރިން ބުނި ތާވަޅުގެ ހާލަތާއި ޖަމީލާ މާބޮޑު ތަފާތެއް ސިފަ ކުރެވޭ ތޯއެވެ؟

މިވާހަކަތަކަށް ނިމުމެއް ގެންނަމުން ހާއްސަ ޝުކުރެއް އިދިކޮޅު ޕީޕީއެމަށް އަދާކުރަން ބޭނުމެވެ. ލީޑަރު ޖަލުގައި ބާއްވަވައިގެން ޕާޓީގެ މަތިފަޑީގައި ހަމަޖެހިލައިގެން ތިބެ ތި ޔަގީން ކުރެއްވި ނަމްބަރުތަކަށް ހަމަ ސާބަހެވެ. ތިޔަ ޔަގީން ކުރެއްވީ މުޅި ރާއްޖެއިން ފަސް އިންސައްތަ އާއި ވިލިމާލެއިން 350 ހަކަށް ވޯޓެވެ. ޖަލުގައި އޮންނެވި ލީޑަރަށް ކުރި މަލާމާތަކަށް ނޫނީ މިކަން ނުވާނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް