ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް-- ފޮޓޯ: މޯލްޑިވްސް މެގަޒިން
ރާއްޖެ އަންނަ ފްލައިޓްތަކުން ދަތުރުކުރާ އެންމެން ތިބެންޖެހޭނީ މާސްކު އަޅައިގެން
ރާއްޖޭގެ ބޯޑަރު އަލުން ހުޅާވާ ދަތުރުތައް ފެށުމުން، ރާއްޖެ އަންނަ ފްލައިޓް ތަކުގައި ދަތުރުކުރާ އެންމެން ތިބެންޖެހޭނީ މާސްކު އަޅައިގެން ކަމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން (އެމްސީއޭ) އިން ބުނެފި އެވެ.

ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލާއިރު ރާއްޖެ އަށް ދަތުރު ކުރާ ފްލައިޓް ތަކާއި ރާއްޖޭގެ އެއާޕޯޓުތައް އަމަލުކުރަން ޖެހޭ އުސޫލުތައް އެކުލަވާލާ އެމްސީއޭ އިން އާންމު ކޮށްފައިވާ ސާކިއުލާ ގައި ވާގޮތުން، ރާއްޖެ އަންނަ ފްލައިޓް ތަކުގައި ދަތުރުކުރާ މީހުންގެ ތެރެއިން މާސްކު ނާޅާ ދަތުރު ކުރެވޭނީ ހަ އަހަރުން ދަށުގެ ކުޑަ ކުދިންނަށާއި ސިއްހީ ހާލަތު ހުރިގޮތުން މާސްކު ނޭޅޭ މީހުންނަށް އެކަންޏެވެ. 

ފްލައިޓް ތެރޭގައި މާސްކު ނެގޭނީ ބޭސް ކެއުމަށާއި، ކޭން ބުއިމަށް އަދި ފްލައިޓް ކްރޫގެ މެންބަރެއްގެ ހުއްދަ އާއި އެކު ކަމަށް އެމްސީއޭ ގެ އުސޫލުގައިވެ އެވެ. މާސްކު ތެމި ތަގައްޔަރު ވެއްޖެ ނަމަ ބަދަލުކުރަން އެންގުމަށް ވެސް އުސޫލުގައުވެ އެވެ. 

އޭގެ އިތުރުން ފްލައިޓް ތެރޭގައި ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަމަލުކުރަން އަންގާފައިވާ އުސޫލުތަކާއެކު އެނައުންސްމެންޓް އެއް ކުރަން ޖެހޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ. 

ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށްވެސް އޮންއަރައިވަލް ވިސާ ލިބޭނެ ކަމަށާއި ކޮންމެ ފަތުރުވެރިއެއްގެ އަތުގައިވެސް ޓުއަރިޒަމް މިނިސްޓްރީގައި ރަޖިސްޓާ ކޮށްފައިވާ ޓޫރިޒަމް ފެސިލިޓީއެއްގައި ހުންނަކަމުގެ ރިޒަވޭޝަން ކޮންފަމޭޝަން އޮންނަން ޖެހޭނެ ކަމަށް އެމްސީއޭ ގެ އުސޫލުގައިވެ އެވެ. އަދި ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިއެއްވެސް ރާއްޖެ އާދެވުމާއި އެކު ހެލްތް ޑިކްލަރޭޝަން ފޯމް ފުރިހަމަ ކޮށް އިމިގްރޭޝަނަށް ހަވާލުކުރަންޖެހެ އެވެ. މި ފޯމް ފުރިތާ 24 ގަޑި ހަމަވެފައި އޮވެގެން ނުވާނެ ކަމަށް ވެސް އެމްސީއޭ އިން ބުނެ އެވެ. 

ފްލައިޓުގައި ދަތުރުކުރާ މީހެއްގެ ކިބައިން ކޮވިޑް-19 ގެ އަލާމަތް ފެނިއްޖެނަމަ އިމިގްރޭޝަން ޑެސްކް ނުވަތަ ބޯޑާ ކޮންޓްރޯލް ހެލްތް ޑެސްކް އަށް އެންގުމަށް އުސޫލުގައިވެ އެވެ. އަދި ރާއްޖެ އައުމަށް ފަހު ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ކޮވިޑް-19 ހޮޓްލައިން ކަމަށްވާ 1676 އަށް އެންގުމަށް ވެސް އުސޫލުގައިވެ އެވެ. 

ރާއްޖޭގައި ދުވަސް ހޭދަ ކުރުމަށް ފަހު ރާއްޖެ އިން ފުރާ މީހުން ފުރާ މަންޒިލަކަށް ދިއުމުގެ ކުރިން އެތަންތަނުން ކަނޑައަޅާފައިވާ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވާޅުތައް އޮޅުން ފިލުވާ ފުރިހަމަ ކުރަންޖެހޭނެ ކަމަށް އުސޫލުގައިވެއެވެ. ޑިޕާޗާ ނުވަތަ ޗެކިން ކައުންޓަރަށް ދާއިރު، ޓެސްޓު ރިސަލްޓުތައް ޕަސެންޖަރުންގެ އަތުގައި އޮންނަން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ވެއެވެ.

އެމްސީއޭ އިން އިތުރަށް ބުނެފައި ވަނީ ފުރުމުގެ ކުރިން ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ އެޗްޕީއޭ އަށް އަންގާ ބުކިން ކެންސަލްކުރަން ޖެހޭތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ. އަދި ފްލައިޓްގެ ކްރޫ އާއި ޕަސިންޖަރުންވެސް ފުރުމުގެ ކުރިން ހެލްތު ޑިކްލެރޭޝަން ފޯމް ފުރަންޖެހޭނެ ކަމަށާއި ފުރަން ހަމަޖެހިފައި އޮތް ގަޑީގެ 24 ގަޑި އިރު ކުރިން ފުރާފައިވާ ފޯމް ބަލައި ނުގަންނާނެ ކަމަށް އެމްސީއޭގެ އުސޫލުގައިވެ އެވެ. 

އެމްސީއޭ އިން އާންމުކޮށްފައިވާ މި އުސޫލަށް އަމަލުކުރަން ހަމަޖެހިފައި ވަނީ ޖުލައި 15 ވަނަ ދުވަހުން ފެށިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް