ads
ކުޑަ ކެކުރި ބޮޑު ކެކުރީގެ ޒަމާން ގޮސްފި: ރޭޕް ކުރި މީހުން ހައްޔަރު ކުރޭ!
ސަރުކާރުގެ އިސް ވެރިންގެ ނުފޫޒުން ކަންކަން ނިންމުމަކީ މާޒީވެފައިވާ ފަލްސަފާއެކެވެ. މި ޒަމާނަކީ ރައްޔިތުން ބަސް ބުނުމުގެ ޒަމާނެވެ. ރައްޔިތުންގެ އަޑު އަހައި، ގޯސްކޮށް ކަމެއް ހިނގާނަމަ އެ ކަމެއް ބަލައި ފިޔަވަޅު އަޅަން ޖެހޭ ޒަމާނެވެ. ސޯޝަލް މީޑިއާގައި ރައްޔިތުން ކެކި އަރާއިރު، އެ އަޑުތަކަށް ބީރު ކަންފަތެއް ދީފި ނަމަ، ދެން އަންނަ އިންތިހާބެއްގައި ރައްޔިތުން ނޫނެކޭ ބުނާނެ ކަން ދަންނަން ޖެހޭނެ އެވެ.

ރާއްޖޭގައި ކުޑަކުދިންނާއި ބެހުމާއި، ބަދުއަހުލާގީ މައްސަލަތައް އިންތިހާ އަށް އިތުރެވެ. ސޯޝަލް މީޑިއާގެ ވަސީލަތްތަކާއި އެކު އެ ކަންކަމުގެ މައުލޫމާތު ހާމަވުން ވެސް މިހާރު އިތުރުވެފައި އަވަހެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބޭ މިފަދަ މައްސަލަތައް ތަހުގީގު ވެސް ކުރެ އެވެ. އެކަމަކު މި ފަހަރު ތަފާތެވެ.

ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލާގައި، ކުށުގެ ވެށިން ހައްޔަރު ކުރި މީހުން، ބަންދުގައި ބޭތިއްބުމުގެ ބަދަލުގައި ފުލުހުން ވަނީ ދޫކޮށްލާފަ އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ މަޖިލީސް މެމްބަރެއްގެ "ފިރިކަލުން" ހިމެނޭކަން ޔަގީންވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ދައްކަމުންނެވެ. އަދި އާންމުންގެ ތެރޭގައި ހެސް ކިޔާފައި އެ މީހާގެ ނަން ވެސް ދަނީ ކިޔަމުންނެވެ. ދެ ވަނަ މީހާ އަކީ ވެސް ސިޔާސީ ގޮތުން ނުފޫޒުގަދަ ބަޔަކާ ގުޅުން އޮންނަ މީހެއް ކަންކަމަށް ބުނެ އެ ވާހަކަ ވެސް ދަނީ ގޮވަމުންނެވެ.

ސުވާލަކީ މިފަދަ ސީރިއަސް މައްސަލައެއްގައި، ކުށުގެ ވެށިން އެ މީހުން ހައްޔަރު ކުރުމުން ބަންދުން ދޫކޮށްލީ ކީއްވެގެންތޯ އެވެ. ސޯޝަލް މީޑިއާ ގުގުމާލާފައި ދިވެހިން އެ ދައްކަނީ އެ ވާހަކަ އެވެ. އެ ހޯދަނީ އެ ސުވާލުގެ ޖަވާބެވެ. އެކަމަކު އެ ކަންބޮޑުވުންތަކަށް މިހާތަނަށް ވެސް ކަމާގުޅޭ އެއްވެސް އިރާދާ އަކުން އެކަށީގެންވާ ޖަވާބެއް މިހާތަނަށް ވެސް ދީފައެއް ނުވެއެވެ؛ މިއީ ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވާންޖެހޭ ސަބަބެކެވެ.

ތިމަންނާމެންނަކީ ސިޔާސީ ގޮތުން ބާރުގަދަ "ޝާހީ" ބައެކޭ ބުނެ، ހިތު ހުރިހާ ކަމެއް ކޮށްފައި، ގާނޫނުތަކަށް ވުރެ މަތިން އުޅެވޭނެ ކަމަށް ބަލައިގެން ނުވާނެ އެވެ. މިއީ އެ ޒަމާނެއް ނޫނެވެ؛ ސިޔާސީ ނުފޫޒުން ފުލުހުންގެ ތެރެއިން އެކަން ހުއްޓުވުނަސް ރައްޔިތުންގެ ކުރިމަތީގައި އިއްޒަތާއި ގަދަރެއް ނުލިބޭނެ އެވެ. އަދި މިފަދަ ދަށު ދަރަޖައިގެ ކަންކަން، ބާރުގަދަ ބައެއްގެ ނުފޫޒުގައި ޖެހިގެން ނަމަވެސް ފުލުހުން ނުވަތަ ކަމާގުޅުން ހުރި އެހެން އިދާރާތަކުން ކުރާނަމަ، އެ ތަންތަނަށް ރައްޔިތުންގެ އިތުބާރާއި ގަދަރު ގެއްލޭނެކަން ދަންނަން ޖެހޭނެ އެވެ.

ރޭޕް ފަދަ ސީރިއަސް މައްސަލަ ތަކުގައި ފުލުހުން އަމަލު ކުރާ އުސޫލު އާންމު ކުރުން މުހިންމެވެ. އަދި "ބޮޑު ކެކުރި އާއި ކުޑަ ކެކުރި" ތަފާތު ނުކޮށް ހުށަހެޅޭ ހުރިހާ މައްސަލައެއް ވެސް އަމަލުކުރަން އޮންނަ އުސޫލުން ބަލަން ޖެހޭނެ އެވެ.

މިހާރު ހިލިގެން މި އުޅޭ މައްސަލާގައި ފުލުހުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވެ އެވެ؛ އެ ޖާގަ ވެސް އެބަ އޮތެވެ. އެ މީހުން ހައްޔަރު ކުރީ ކުށުގެ ވެށިން ކަމަށް ވާއިރު، އެ މީހުން ދޫކޮށްލީ ކީއްވެގެން ހެއްޔެވެ؟ ރޭޕް ކުރި ކަމަށް އަނިޔާ ލިބުނު މީހާ ބުނާއިރު، އޭނާ ހޮސްޕިޓަލަކަށް ގެންގޮސްގެން ހަދަންޖެހޭ ޓެސްޓްތައް ނުހަދާ، ގެޔަށް ފޮނުވާލީ ކީއްވެގެން ހެއްޔެވެ؟ މިކަން ތަހުގީގު ކުރުން ހުއްޓުވަން ސިޔާސީ ގޮތުން ނުފޫޒު ފޯރުވާނަމަ އެކަން ފުލުހުން ހާމަ ކުރާށެވެ؛ އޭރުން އެކަން ހުއްޓޭނެ ކަން ޔަގީނެވެ. 

އެނގިފައިވާ ގޮތުގައި ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވިގެން، ކުށުގެ ވެށިން ހައްޔަރު ކުރި ދެ ދިވެހީން، ފުލުހުން ހައްޔަރު ކޮށްގެން ގެންދިޔައިރު ވެސް ތިބީ މަސްތުގެ ހާލަތުގަ އެވެ. ނަމަވެސް އެ މީހުން ހައްޔަރުގައި ބޭތިއްބޭނެ އެއްވެސް މައްސަލައެއް ފުލުހުންނަށް ނުފެނުމަކީ، ފުލުހުން ރައްޔިތުންގެ އިތުބާރު ހޯދަން ކުރާ މަސައްކަތް ބިމާ ހަމަކޮށްލުން ފަދަ ކަމެކެވެ.

މި މައްސަލާގައި ފުލުހުންނަށް ނުފޫޒު ފޯރުވައި، މައްސަލަ ބެލުން ހުއްޓުވަން މަސައްކަތް ކުރި އެންމެންގެ މައުލޫމާތު ރައްޔިތުންނަށް ހާމަކޮށް، އެ މީހުންނަށް ފިޔަވަޅު އަޅަން ޖެހެ އެވެ. އަދި ފުލުހުންގެ ތެރެއިން ގައިރުގާނޫނީ ގޮތުން އެ އިންވެސްޓިގޭޝަން ވަކި ގޮތަކަށް އަނބުރާލަން އެންގި ސީނިއާ އޮފިސަރުންނާއި އަދި އެ އަމުރަށް ތަބާވި އެންމެހާ ފުލުހުންގެ މައްސަލަ ވެސް ބަލަން ޖެހެ އެވެ. އާދައިގެ ފުލުހެއްގެ ބޮލުގައި ތަހުގީގު ނުކުރީ ކަމަށް ބުނެ، ތުހުމަތު އެޅުވުމަށް ފަހު ދޫކޮށްލައިގެން ނުވާނެ އެވެ. ފިޔަވަޅު އަޅަން ފަށަންޖެހޭނީ މަތިން ތިރިއަށެވެ. ހަނދާން ކުރާށެވެ، ރައްޔިތުން މިތިބީ ކަރިއިން ބަލަހައްޓައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް