ads
ޝިދާތާ ޝަރީފް--
އަޅުގަނޑުގެ އިސްތިއުފާއާއެކު އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުން ނިދައިފި: ޝިދާތާ
ޖެންޑާ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމާއެކު އިންސާނީ ހައްގުތަކަށް ވަކާލާތުކުރަމުން އައި މީހުން ނިދާފައިވާ ކަމަށް ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.
Advertisement

ޖިންސީ ގޯނާގެ މައްސަލަތަކެއް އިތުރުން ޖެންޑާ މިނިސްޓްރީއާ ގުޅޭ ގިނަ މައްސަލަތަކެއް ހޫނުވެފައިވަނިކޮށް މިނިސްޓަރުގެ މަގާމުން ޝިދާތާ އިސްތިއުފާ ދެއްވީ މިދިޔަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ. އޭރު އެކަމަނާ މަގާމުން ވަކިކުރަން، އެމްޑީޕީގެ ޕީޖީ ގުރޫޕުން ވެސް އޮތީ ނިންމާފަ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުން ދޫކޮށްލާފައިވަނިކޮށް މިއަދު ޝިދާތާ، ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އެކަމަނާ ވަޒީރުކަމުގައި ކުޑަކުދިންނާއި އަންހެނުންނާއި އިންސާނީ ކަރާމާތާއި ގުޅުން ހުރި މައްސަލަތަކުގައި ވަޒީރު ޖަވާބުދާރީކުރުވުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރަރު "ދެފައި އެއްތާ" ނުޖެހިގެން އުޅުއްވި ކަމަށާއި އަދި މެމްބަރުންގެ އުދާސްތަކާއި ރުޅިވެރިކަން ހިފެހެއްޓުމެއް ނެތި ބަންޑުންކޮށްލި ތަންވެސް ފެނިގެންދިޔަ ކަމަށެވެ. 

އެގޮތުން ޝިދާތާ ވިދާޅުވީ އޭރު މައްސަލަ ބޮޑުވި ޑިސްއެބިލިޓީ އެމްބެސެޑަރު ވެސް މިހާރު ދޫވެފައިވާ ކަމަށާއި އަދި ރޭޕްގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ނުފޫޒުން ބޭރުވާ ކަމުގެ އަޑުތައް ވެސް ގަދަވެފައިވާ ކަމަށެވެ.

"އޭރު ކަންބޮޑުވުން ފާޅުކުރީ މައްސަލައިގެ ހިމެނޭ ޑިސެބިލިޓީ އެމްބެސެޑަރު ވެސް ދޫވެއްޖެ. އަދި އެތައް މައްސަލައެއް މައްސަލަޔަކަށް ނުވެ ހިނގައްޖެ. މިހާރު އަޑުއިވެނީ ރޭޕްގެ މައްސައިގައި ތުހުމަތު ކުރެވޭ މީހާގެ ނުފޫޒުގެ ސަބަބުން ގާނޫނު އަރާ ހަމަނުކުރެވިގެން އުޅޭ ވާހަކަ. ޖިންސީ އަނިޔާކުރާ މީހުން ކުރާ އަމަލު ކުށަކަށް ނުވެގެން ދޫކޮށްލެވޭ ވާހަކަ،" ޝިދާތާ ވިދާޅުވި އެވެ. 

އޭގެ އިތުރުން ޝިދާތާ ވިދާޅުވީ، އޭރު ޖެންޑާ މިނިސްޓްރީ ދޮށަށް އެއްވެ މުޒާހަރާކުރި މީހުން މިއަދު ފެންނާން ނެތް ކަމަށާއި މީޑިއާތަކުގައި ވެސް އެވާހަކަތައް ދެކެވޭ މިންވަރު މަދުވެއްޖެ ކަމަށެވެ. 

"އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުން ޝިދާތާގެ އިސްތިއުފާއާއެކު ނިދިއްޖެ"

ޝިދާތާ އިތުރަށް ވިދާޅުވީ އެ ދުވަހު އެޔޮ ނިޔަތުގައި ތެދުވެ ތިބިނަމަ މިއަދު ވެސް އެގޮތަށް މަންޒަރު ފެންނާނެ ކަމަށެވެ. މުޖުތަމައުގައި ހިނގާ އެފަދަ މައްސަލަތަކަކީ ވަކި މީހަކު "ފުނޑާލަން" ނުވަތަ ސިޔާސީ ގޮތުން ހަމަލާދޭ ހަތިޔާރަކަށް ހަދައިގެން އުޅޭހާ ހިނދަގު ހަގީގީ ހެޔޮ ބަދަލެއް ވެސް ނާންނާނެ ކަމަށް ވިދާޅުވި އެވެ. އަދި މިއަދު ވެސް ފެންނަނީ އޮޑީގެ މިސްރާބު މުޅިން ގޯހުން ގޯހަށްދާ ތަންކަމަށް ވެސް ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އާންމު ރައްޔިތުންގެ ފަރާތުން ކުރިމަތިވި ބޮޑެތި ފިއްތުއްތަކާއި ގުޅިގެން އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުކަން ކުރެއްވި ޝިދާތާ، އިސްތިއުފާ ދެއްވި ފަހުން ވެސް ވަނީ ޖިންސީ ގޯނާ އާއި ރޭޕްގެ ގިނަ މައްސަލަތަކެއް ހިނގާފަ އެވެ. އެ މައްސަލަތަކާއި ގުޅިގެން ވެސް އާންމުން ސޯޝަަލް މީޑިއާގައި ނުރުހުން ފާޅުކުރި އެވެ. 

ސަފާރީގައި އަންހެން މީހާ ރޭޕްކުރި މީހުން ދޫކޮށްލުމާއި ގުޅިގެން ވެސް މާދަމާ ޖެންޑާ މިނިސްޓްރީ ދޮށަށް އެއްވުމަށް ވޮއިސް އޮފް ޗިލްޑްރަންގެ ނަމުގައި ހިންގަމުން އަންނަ ހަރަކާތަކުން ދަނީ ތައްޔާރުވަމުންނެވެ. އެ ހަރަކާތަކީ ޝިދާތާ މިނިސްޓަރު ކަމުގައި ހުންނެވިއިރު ވެސް މިނިސްޓްރީ ދޮށަށް އެެއްވެ އަޑު އުފުލި ހަރަކާތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް