ads
ރައްޔިތުންގެ މަޖިލިސް--
ރޭޕްކުރުމާއި ޖިންސީ ގޯނާ ބޮޑު ކުށަކަށް ހަދަން މަޖިލީހުން ފާސްކޮށްފި
ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ޖިންސީ ގޯނާކުރުމާއި ރޭޕްކުރުން ހިމަނާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހުކޮށްފި އެވެ.

ޖިނާއީ ބޮޑު ކުށުގެ ގޮތުގައި 11 ކުށެއް ކަނޑައަޅާއި، ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން ކޮންމެ 30 ދުވަހަކުން މުރާޖައާކުރަން ޖެހޭ ގޮތަށް އެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިއަދެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރެވެ. އެގޮތުން ޖިނާއީ ބޮޑެތި ކުށުގެ ގޮތުގައި 11 ކުށެއް ކަނޑައަޅަން ހުށަހެޅި އެ ބިލު މިމަހުގެ ނުވަ ވަނަ ދުވަހު، ބިލު ކޮމިޓީން ފާސްކުރިއިރު އެގޮތަށް އެ ބިލު ފާސްކޮށްފައި ވަނީ މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ ވޯޓުންނެވެ. 

ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ކަނޑައެޅި 11 ކުށް:

  • މީހުން މެރުމުގެ ކުށް
  • ރޭޕް ކުރުމުގެ ކުށް
  • ޓެރަރިޒަމްގެ ކުށް
  • ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް
  • ކޮރަޕްޝަންގެ ކުށް
  • ރިޝްވަތުގެ ކުށް
  • ޓްރެފިކް ކުރުމުގެ ކުށް
  • މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށް
  • މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް
  • އެއް ލައްކައަށްވުރެ މަތީ ފައިސާގެ އަދަދު ހިމެނޭ ކުށް
  •  ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް

ކޮމެޓީ މަރުހަލާގައި ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ސަލާމަތީ ބާރުތަކަށް ބޮޑެތި ބާރުތަކެއްދީފައިވާއިރު އޭގެ ތެރޭގައި ގާނޫނު ތަންފީޒުކުރަމުންދާ އިދާރާއަކުން ތަހުގީގުކުރަމުންދާ ޖިނާއީ ކުށަކާއި ގުޅިގެން އާންމު ތަނަކަށް ވަންނަންޖެހިއްޖެނަމަ، ކޯޓު އަމުރަކާއި ނުލާއި ވެސް އެތަނަކަށް ވަނުމުގެ ބާރު ދީފައިވެ އެވެ.

އޭގެ އިތުރުން، ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ އެ ނިންމުން ކޮންމެ 30 ދުވަހަކު މުރާޖާކުރަން ޖެހެ އެވެ. އަދި އެމީހާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް އޮތްތޯ ބެލުމަށް، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން އޭނާ ކޯޓަށް ހާޒިރުކުރަން ވެސް ޖެހޭނެ ކަމަށެވެ.

އެ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނެސްފައިވާއިރު އޭގެ ތެރޭގައި ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމާއި ޝަރީއަތްތަކާއި ނުލާއި ޖަލުގައި ތިބި ފަރާތްތަކުގެ މައްސަލަތަކާއި މެދު އަމަލުކުރާނެ ގޮތްތައް ކަނޑައެޅުން ވެސް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް