ads
މަހްލޫފު، ބައްސާމް އަދި އާޒިމް
އެފްއޭއެމްގެ އިންތިހާބު ހުއްޓުވުމަށް މަޖިލީހަށް މައްސަލައެއް
ކުޅިވަރު ގާނޫނާ އެއްގޮތަށް، އެފްއޭއެމްއާ ދޭތެރޭ ފިޔަވަޅު އަޅާފައި ނުވާތީ ގާނޫނުގައިވާ ގޮތަށް ފިޔަވަޅު އަޅާދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަދި އެފްއޭއެމްގެ އެންމެ ފުރަތަމަ އިންތިހާބީ ރައީސް، އަލީ އާޒިމް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މި މައްސަލަ، މިއަދު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް، އަދި އޭއެފްސީގެ އެކްސްކޯ މެންބަރުކަންވެސް ކުރައްވާފައިވާ، މެދުހެންވޭރު ދާއިރާގެ މެންބަރު އާޒިމް ހުށަހެޅުއްވި މައްސަލައިގާ ބުނެފައިވަނީ ކުޅިވަރާ ބެހޭ ވުޒާރާއިން، ކުޅިވަރު ގާނޫނާ އެއްގޮތަށް، އެފްއޭއެމްއާ މެދު ފިޔަވަޅު އަޅާފައި ނުވާތީ ގާނޫނުގައިވާ ގޮތަށް ފިޔަވަޅު އަޅާދިނުމަށް އެދިފައެވެ.

އާޒިމް ހުށަހެޅުއްވި މައްސަލައިގައިވަނީ، ވޭތިވެދިޔަ ދުވަސްތަކުގައި އެފްއޭއެމުން، އެ އިދާރާގެ ހިންގާ ގަވާއިދާ އަދި ރާއްޖޭގެ ކުޅިވަރާ ބެހޭ ގާނޫނާއި ހިލާފަށް ކޮށްފައިވާ ކަންތައްތައް ފާހަގަކޮށްފައެވެ. މި ގޮތުން، އެފް.އޭ.އެމް ގެ ހިންގާ ކޮމެޓީން އިސްތިއުފާ ދިން ފަރާތްތަކުގެ ބަދަލުގައި އައްޔަން ކުރި ފަރާތްތައް، ކޮންގްރެސްގައި އިންތިހާބުކޮށްފައި ނުވާ މައްސަލައާއި، އެފްއޭއެމްގެ ހިންގާ ގަވާއިދުގައިވާ ގޮތަށް އެކްސްކޯ ބައްދަލުވުންތައް ނުބާއްވާ މައްސަލަ ފާހަގަކޮށްފައިވެ އެވެ. 

އޭގެ އިތުރުން އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތީން، އުފަން ކުރަން ޖެހޭ އެސޯސިއޭޝަންތައް އުފަން ނުކުރާ މައްސަލަވެސް އާޒިމް ފާހަގަކޮށްފައިވެ އެވެ.

ކްލަބް ޖަމިއްޔާ ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދު" 39 ވަނަ މާއްދާގެ (ހ) ގައި ޖަމިއްޔާއެއް ރަޖިސްޓްރީ ކުރާތާރީހުން ފެށިގެން 2 (ދޭއް) އަހަރުވާރިއު އެ ޖަމްއިއްޔާއަކުން ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން އެއްވެސްކަމެއް ނުކުރާނަމަ، ނުވަތަ އެއިން އެއްވެސް ކަމެއްނުކޮށް ވިދިވިދިގެން 2 (ދޭއް) އަހަރު ވެފައިވާނަމަ އެ އެސޯސިއޭޝަނެއްގެ ރަޖިސްޓްރޭޝަން ބާތިލްކުރުމުގެ ބާރު ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ލިބިގެންވެއެވެ.

ކުރިން އެފްއޭއެމްގެ ޗެއާމަންކަންވެސް ކުރައްވާފައިވާ އާޒިމްގެ މައްސަލައިގައި ބުނެފައިވަނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑްވްސްގެ ހިންގާ ގަވާއިދާ، ކުޅިވަރު ގާނޫނާ އަދި ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަމަންޓް އަށް އެންގުމަށާއި، އެ ކަންކަމަށް އަމަލުކުރުމަށްފަހު މެނުވީ އެފް.އޭ.އެމް ގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށާއި، އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަންޖެހޭ ކަމަށެވެ.

އާޒިމްގެ ފަރާތުން މި މައްސަލަ މަޖިލީހަށް ހުށަހެޅި އިރު، ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފުވެސް ވަނީ ކުރިން އެފްއޭއެމްގެ ކަންތައްތައް ހިނގަމުން ދިޔައީ ރަނގަޅަށް ނޫން ކަމަށާއި، އެހެންކަމުން އެފްއޭއެމް ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެހެންނަމަވެސް މަހްލޫފުގެ ރާގު ބަދަލުވެ، ފަހުންވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް