ads
ސެލޫންތައް އަލުން ހުޅުވާއިރު ހިދުމަތް ދޭން ޖެހޭނީ ފޭސް ޝީލްޑް އަޅައިގެން
ކޮވިޑް-19 އާ ގުޅިހެން އާ އާންމު ހާލަތުގައި ސެލޫންތަކާއި ބޯކޮށާއި ތަންތަނުގައި ކަސްޓަމަރުންނާއި ގާތުން މަސައްކަތްކުރާ މުވައްޒަފުން ތިބެން ޖެހޭނީ ފޭސް ޝީލްޑް ނުވަތަ ގޮގުލް އަޅާއި އަންގި ލައްވައިގެން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އާ އާންމު ހާލަތުގައި ސެލޫންތަކާއި ބޯކޮށާއި ތަންތަނުގައި އަމަލުކުރަން ޖެހޭ އުސޫލުގައި ވަނީ އެތަންތަނުގެ ހިދުމަތް ފަށާއިރު ރައްކާތެރިކަމުގެ ފިޔަވަޅު ކަށަވަރުކުރުމަށް އަންގާފަ އެވެ. 

އެގޮތުން، މުވައްޒަފުންނާއި ކަސްޓަމަރުންނަށް މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބަހައްޓައިގެން ހިދުމަތްދެވޭނެ ވަރަށް މީހުންގެ އަދަދު ކަނޑައަޅާ، ތަނަށް ވަންނަ މީހުނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ވަނީ އަންގާފަ އެވެ. އަދި ވެއިޓިން އޭރިއާ ހުރިނަމަ މަދުވެގެން ތިން ފޫޓުގެ ގައިދުރުކަން ބެހެއްޓޭ ގޮތަށް ގޮނޑިތައް ބަހައްޓާފައި ހުރުމާއި ބަލީގެ އަލާމާތް ހުންނަ މީހުންނަށް ހިދުމަތް ނުދިނުމަށް ވަނީ ވެސް އަންގަ އެވެ. 

އޭގެ އިތުރުން، މޭކަޕް ކުރުމުގައި އެކަކަށް ބޭނުންކުރާ ފުއްމާގަނޑު، ސްޕޮންޖް ފަދަ ތަކެއްޗަކީ ޑިސްޕޯޒަބަލް ތަކެއްޗަށް ވާންޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުނެ އެވެ. 

އަދި ބޯކޮށުމަށާއި މޭކަޕް ކުރުންފަދަ ކަންކަމަށް ޑިސްޕޯސްބަލް ތަކެތި ބޭނުންކުރުން އެދެވިގެންވާ ކަމަށާއި ޑިސްޕޯސްޓަލް ނޫން ތަކެތި ބޭނުންކުރާނަމަ ކޮންމެ ކަސްޓަމަރަކަށް ބޭނުން ކުރުމަށްފަހު އެތަކެތި ސައިބޯނި ނުވަތަ ޑިޓާޖަންޓް އިން ރަނގަޅަށް ދޮވެ ސާފުކުރުމަށް ފަހު ޑިސްއިންފެކްޓް ކުރުމަށް ވެސް އުސޫލުގައި ބުނެ އެވެ. 

އެ އުސޫލުގައި އިތުރަށް ބުނީ ކޮންމެ ކަސްޓަމަރަކަށް ބޭނުންކުރާ އޭޕްރަން ނުވަތަ ފޮތިގަނޑު އަދި ބޯކޮށާއިރު ކަރުވަށައިގެން އަޅާ ތުވާލިކޮޅު ދޮވެ ސާފުކުރުމަށްފަހު ނޫނީ އަނެއް ކަސްޓަމަރު ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.

އަދި ކަސްޓަމަރުންނާއި ގާތުން ހިދުމަތް ދިނުމުގައި ފޭސް ޝީލްޑް ނުވަތަ ގޮގްލްސް އަޅާ އަންގި ލެއްވުމާއި އަދި ކޮންމެ ކަސްޓަމަރަކަށް ހިދުމަތްދިނުމުގެ ކުރިން އަންގި ބޭލުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވެ އަންގި ބަދަލުކުރަން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުނެ އެވެ.

އޭގެ އިތުރުން ސެލޫންގެ ހިދުމަތަށް އަންނަ މީހުންނަށް ސައިބޯނި ލައިގެން އަތްދޮވެވޭނެ އިންތިޒާމާއި ފައިސާ ބަލައިގަތުމުގައި ވީވަރަކުން ކޭޝްލަސް ޕޭމަންޓް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް އުސޫލުގައި އަންގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް