ads
މަރަދޫ ދާއިިރާގެ މެމްބަރުު އިބްރާހިމް ޝަރީފް---
މަޖިލިސް މިހާރު ޝަރީއަތްކޮށް ހުކުމް ކުރާ ތަނަކަށް ވެއްޖެ: ޝަރީފް
ރައްޔިތުންގެ މަޖިލިސް ޝަރީއަތް ކޮށް ހުކުމް ކުރާ ތަނަކަށް ވެފައިވާކަމަށް މަރަދޫ ދާއިރާ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ މެދުހެންވޭރު ދާއިރާގެ މެމްބަރު ހުށަހަޅާފައިވާ މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. އާޒިމް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ކުޅިވަރާ ބެހޭ ވުޒާރާއިން، ކުޅިވަރު ގާނޫނާ އެއްގޮތަށް، އެފްއޭއެމްއާ މެދު ފިޔަވަޅު އަޅާފައި ނުވާތީ ގާނޫނުގައިވާ ގޮތަށް ފިޔަވަޅު އަޅައިދިނުމަށް އެދޭކަމަށެވެ. 

މައްސަލައަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މެމްބަރު އާޒިމް މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ޤާނޫނާއި ހިލާފަށް ކަމަށެވެ. އަދި މަޖިލިސް ޝަރީއަތް ކޮށް ހުކުމް ކުރާ ތަނަކަށް ވެފައިވާކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ބަދަލު ހިފުމަށް މަސައްކަތް ކުރާތަނަކަށް މަޖިލިސް ވެފައިވާކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. 

ޝަރީފް ވިދާޅުވީ މައްސަލަ ހުށަހަޅާފައިވަނީ ކަނޑައެޅިގެން ގާނޫނާއި ހިލާފަށް ގާނޫނުގައި ނެތް ބާރެއް ބޭނުންކޮށްގެން ކަމަށެވެ. ވަޒީރެއްގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަން ބޭނުންވާނަމަ އެކަންކުރެވިދާނެ ކަމަށާއި އެހެން ނަމަވެސް ޝަރީއަތެއް ކޮށް ވަކި ބަޔަކު ގާނޫނާއި ހިލާފު ވެއްޖެ ކަމަށް ކަނޑައަޅާ ވަކި އަމުރެއް ސަރުކާރުގެ ވަޒީރެއްގެ މައްޗަށް ކުރުމަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށް ވިދާޅުވި އެވެ. އަދި އެގޮތަށް ވަކި ވަޒީރަކަށް މަޖިލީހުން އަމުރު ކުރުމަކީ ތިން ބާރު ވަކިވެފައިވާ ޤަނޫނުއަސާސީ ދަންނަކަމެއް ނޫންކަމަށް ޝަރީފް ވިދާޅުވި އެވެ. 

"މީގައި ވަކިގޮތަކަށް ވަކި މަގްސަދެއް ހާސިލު ކުރުމަށްޓަކައި ޤާނޫނުން އިމުން ބޭރުގައި ޝަރީއަތެއް ކުރާ ގޮތަށް މިވަނި މީހަކު ގާނޫނާ ހިލާފު ވެއްޖޭކިޔާފަ އާންމު ރައްޔިތުންގެ ތެރެއިން އަދި ވަކި ޖަމިއްޔާއެއްގެ ތެރެއިން ނުފޫޒު ފެތުރުމަށް ހުށަހެޅި ހުށަހެޅުން އަޅުގަނޑު ގަބޫލު ކުރަނީ އެ އެސޯސިއޭޝަންގެ ހިންގުމުގެ ދާއިރާތަކުގެ ތެރެއަށް މި މަޖިލީހުން ވަންނަނީއޭ."

ޝަރީފް ވިދާޅުވީ ވަޒީރުގެ އިތުބާރު ނެތްނަމަ މަޖިލީހަށް ގެނެސް ސުވާލުކުރެވި އިތުބާރު ނެތްކަމަށް ނެގިދާނެ ކަމަށާއި، އެހެން ނަމަވެސް ގާނޫނާ ހިލާފު ވެއްޖެ ކަމަށް ކަނޑަނޭޅޭނެ ކަމަށެވެ. އަދި ވަޒީރު ގާނޫނާއި އެއްގޮތަށް އަމަލުކުރާ ކަމަށް ނުފެންނަ ކަމުގައި ވާނަމަ އެކަން ރައީސްގެ ސަމާލުކަމަށް މަޖިލީހުން ގެނެވިދާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ. 

ޝަރީފް ވިދާޅުވީ މަޖިލީހުން ކަންކަމަށް އަމުރުކުރާ ކަމުގައި ވާނަމަ ސަރުކާރެއް އޮތުމުގެ ބޭނުމެއް ނެތްކަމަށެވެ. 

ޝަރީފްގެ މި ވާހަކަތަކަށް ރައްދު ދެއްވާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހަކީ "މަސްކައްކާ" ތަނެއް ނޫން ކަމަށާއި، މަޖިލީހުން މަސައްކަތް ކުރަނީ ގާނޫނާއި އެއްގޮތަށް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް