ads
މާލެ މަގުމަތި----
ގިނަ ލުއިތަކަކާއި އެކު ލޮކްޑައުން އިތުރު 15 ދުވަހަށް
ކޮވިޑް-19 އާއި އެކު މާލެ ސަރަހައްދުގައި އިއުލާނުކޮށްފައި އޮތް ލޮކްޑައުން އިތުރު 15 ދުވަހަށް ދިގުދައްމާލައިފި އެވެ.

މިރޭގެ ނޫސްވެރިންގެ ކޮންފަރެންސް ގައި ވާހަކަ ދައްކަވަމުން ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން، މަބްރޫކް އަޒީޒް ވިދާޅުވީ، ލޮކްޑައުން 15 ދުވަހަށް އިތުރު ކޮށްފައި ވަނީ ގިނަ ލުއިތަކަކާއި އެކު ކަމަށެވެ. 

އެގޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަތިހު 05:00 އިން ރޭގަނޑު 11:00 އަށް ބޭރަށް ނިކުމެ އުޅެވޭނެ ކަަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ކެފޭ ރެސްޓޯރަންޓް ތަކާއި ފިހާރަތަށް ހެނދުނު 09:00 އިން ރޭގަނޑު 10:00 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް ވެސް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން ޑެލިވަރީގެ ހިދުމަތްތައް ރޭގަނޑު 11:00 އަށް ދެވިގެންދާ އިރު، ޔޫތް މިނިސްޓްރީގެ އިރުޝާދުތަކާ އެއްގޮތަށް މާލެ ސަރަހައްދުގައި ކުޅިވަރުތައް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ. 

މަބްރޫކް ވިދާޅުވީ ބޭންކުތައް ކޮންމެ ދުވަހަކުވެސް ހުޅުވިފައި ހުންނާނެ ކަމަށާއި ސަރުކާރު އޮފީސްތައް ހިންގާނެ ގޮތާމެދު އިތުރު ލިއުމެއް ނެރޭނެ ކަމަށެވެ. 

ސްކޫލްތައް ހުޅުވުމަށް ނިންމާފައި ވީނަމަވެސް ޓިއުޝަން ސެންޓަރުތައް ކުރިއަށް ގެންދިއުމަށް އަދި ހަމަޖެހިފަ ނުވާކަމަށް މަބްރޫކް ވިދާޅުވި އެވެ. އޭގެ އިތުރުން ޑޭކެއާ ސެންޓަރުތައް ވެސް އަދި ހުޅުވުމަށް ހަމަޖެހިފައެއް ނުވެ އެވެ. 

ސެލޫންތަކާއި ބޯކޮށާތަންތަން ހުޅުވުމަށް ހުއްދަ ދީފައި ވާއިރު، ރަށްރަށުން މާލެ އަންނަން ބޭނުންވާ މީހުންނަށް މާލެ އާދެވޭނެ ކަމަށް ވެސް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ. 

މާލެ އިން ކޮވިޑް-19 ގެ ކޭސް އެއް ފެނި މުޅި މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވަނީ އޭޕްރިލް 15 ވަނަ ދުވަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް