ads
އޭޝިއަން ކަޕްގެ ޓްރޮފީ
2027 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ފަސް ގައުމަކުން ބިޑްކޮށްފި
2027 ވަނަ އަހަރުގެ އޭޝިއަން ކަޕް ބޭއްވުމަށް ފަސް ގައުމަކުން ބިޑުކޮށްފިއެވެ. މި ފަސް ގައުމުގެ ބިޑުތައް އިވެލުއޭޓް ކުރުމަށް ފަހު މުބާރާތް ބާއްވާނެ ގައުމު އޭއެފްސީން ކަނޑައަޅާނީ އަންނަ އަހަރުއެވެ.
Advertisement

2027 ވަނަ އަހަރުގެ އޭޝިއަން ކަޕް ބޭއްވުމަށް ބިޑުކޮށްފައިވާ ފަސް ގައުމަކީ، އިންޑިއާ، އިރާން، ގަތަރު، ސައުދީ އަރަބިޔާ އަދި އުޒްބަކިސްތާނެވެ. އޭޝިއަން ކަޕް އެންމެ ފަހުން ބާއްވާފައިވަނީ އެކުވެރި އަރަބި އިމާރާތުގައެވެ. އެއީ ދެހާސް ނަވާރަވަނަ އަހަރުއެވެ. އަދި ދެން އޮންނަ އޭޝިއަން ކަޕް، 2023 ވަނަ އަހަރު އޮންނާނީ ޗައިނާގައެވެ.

2027 ވަނަ އަހަރުގެ އޭޝިއަންކަޕަށް ބިޑުކޮށްފައިވާ ފަސް ގައުމުގެ ތެރެއިން ގަތަރު އަދި އިރާނުންވަނީ މީގެ ކުރިންވެސް އޭޝިއަން ކަޕް ބާއްވާފައެވެ. އިރާނުން މީގެ ކުރިން އޭޝިއަޕް ކަޕް ބާއްވާފައިވަނީ 1968 ވަނަ އަހަރާއި 1976 ވަނަ އަހަރުއެވެ. ގަތަރުން މި މުބާރާތް ކުރިން ހޯސްޓްކޮށްފައިވަނީ 1988 ވަނަ އަހަރު އަދި 2011 ވަނަ އަހަރުއެވެ. 2022 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްވެސް ބާއްވާނީ ގަތަރުގައެވެ.  

2027 ވަނަ އަހަރުގެ އޭޝިއަން ކަޕަށް އަވަށްޓެރި އިންޑިޔާއިން ބިޑުކޮށްފައިވާއިރު، 2022 ވަނަ އަހަރުގެ އަންހެނުންގެ އޭޝިއަން ކަޕް ހޯސްޓު ކުރާނީވެސް އިންޑިޔާއިންނެވެ.

އޭޝިއަން ކަޕަކީ، އޭޝިޔާގެ ގައުމުތަކުގެ މެދުގައި ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއީ 1956 ވަނަ އަހަރުން ފެށިގެން ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. އޭޝިއަން ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ގަތަރެވެ. ހުސްވި އަހަރު އެކުވެރި އަރަބި އިމާރާތުގައި އޮތް އޭޝިއަން ކަޕް، ގަތަރުން ކާމިޔާބުކުރީ ފައިނަލްގައި ޖަޕާނު ބަލިކޮށްގެނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް