ads
އެރަށަށް ދިއުމަށް ފުރަން ތައްޔާރުވަނީ--
ބޮޑުފިނޮޅު އޮޕަރޭޝަނަށް ދެ މީޑިއާއެއް ގެންދިއުމުން މީޑިއާތައް ރަތަށް!
ބ. ބޮޑުފިނޮޅުގައި ރަހީނުކުރި ދިވެހިން ސަލާމަތްކުރަން މާލެއިން އެރަށަށް ދިއުމަށް ފުރި ފުލުހުންނާއެކު ދެ މީޑިއާއެއް ގެންދިއުމުން މީޑިއާތަކުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ފުލުހުންގެ ވަޓްސްއެޕް ގްރޫޕުގައި ދެ މީޑިއާއަކަށް އެ އޮޕަރޭޝަނުގައި ބައިވެރިވުމަށް ފުރުސަތުދީފައިވާކަން ވެސް ފުލުހުން ހާމަކުރީ ނޫސްވެރިން އެކަމުގެ ސުވާލުތައް ކުރިމަތިކުރުމުންނެވެ. 

އެއްވެސް މީޑިއާއެއް ފުލުހުންނާއެކު ގެންދިޔަތޯ ނޫސްވެރިއަކު ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ، އެއް ޕްރިންޓް މީޑިއާ އާއި އެއް ބްރޯޑްކާސްޓިން މީޑިއާއަށް ފުރުސަތުދީފައިވާކަމަށް ވިދާޅުވެފަ އެވެ. 

އެ އޮޕަރޭޝަނުގައި ދަައުލަތުގެ މީޑިއާ އާއި އަވަސް އޮންލައިން ބައިވެރިކުރިކަން އެނގުމާއެކު ނޫސްވެރިން ވަނީ އެ ދެ މީޑިއާ ކަނޑައެޅީ ކޮން ހަމަތަކަކަށް ބެލުމަށް ފަހުތޯ ސުވާލުކޮށްފަ އެވެ. އޭގެ ޖަވާބުގައި އޮފިޝަލް ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެފަދަ އޮޕަރޭޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހަމަހަމަ އުސޫލެއްގެ ދަށުން މީޑިއާތަކަށް ލިބޭނެ ކަމަށެވެ.

އެގޮތުން އެ ދެ މީޑިއާއަށް ފުރުސަތު ދިނީ އޮޕަރޭޝަނަލް ހަރަކާތެއްކަމުން ލޯންޗުގައި ޖާގަ ހުރި މިންވަރަށް ބަލާއިފައި ކަމަށް ވިދާޅުވި ނަމަވެސް އެ ދެ މީޑިއާ ގެންދިއުމަށް ކަނޑައެޅުނު އުސޫލު ހާމަކޮށްފައެއް ނުވެ އެވެ. 

"އޮޕަރޭޝަނަލް ހަރަކާތަކަށްވީމަ އާއި ލޯންޗުގައި ޖާގަ ހުރި މިންވަރަށް ބަލާ ހުރިހާ މީޑިއާއަކަަށް ފުރުސަތު ދެވެން ނެތީ. މުސްތަގުބަލުގައިވެސް މިގޮތަށް މީޑިއާތަކަށް މިފަދަ ފުރުސަތުދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން. އެކިފަހަރު އެކި މީޑިއާތަކަަށް ފުރުސަތު ފަހިކޮށްދޭނަން،" ފުލުހުންގެ މީޑިއާ އޮފިޝަލް ޔޫނުސް ސޮބާހު ވިދާޅުވި އެވެ. 

އެކަމާއި ގުޅިގެން ގިނަ މީޑިއާތަކަކުން ދަނީ ނޫސްވެރިންގެ ގްރޫޕުގައި ވެސް ނުރުހުން ފާޅުކުރަމުންނެވެ. އެ ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ދެ މީޑިއާ ކަނޑައެޅި ގޮތް ފުލުހުން ހިއްސާކޮށްފައި ނުވާތީ އެވެ. 

އެ މައްސަލަ ހޫނުވެފައިވަނިކޮށް މިރޭ މީޑިއާ ކައުންސިލުން ވަނީ މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދިނުމަށް ފުލުހުންނަށް ގޮވާލާފަ އެވެ. އަދި ބޮޑުފިނޮޅުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެކަމުގެ މައުލޫމާތު ކަވަރުކުރުމަށް ޓަކައި ފުލުހުން މީޑިއާތަކަށް ފުރުސަތު ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެފައި ނުވާކަން ފާހަގަކޮށް މީޑިއާ ކައުންސިލުން ބުނީ މި ފަހަކަށް އައިސް، ގައުމުގައި ހިނގާ، މުޖުތަމައުގެ އާންމު މަސްލަހަތާ ގުޅުން ހުރި ކަންކަމުގައި ފުލުހުންގެ އިދާރާއިން މީޑިއާތަކަށް އެކަށީގެންވާ މައުލޫމާތު ދިނުމުގައި ފަސް ޖެހޭކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބިފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް