ads
މައިންބަފައިން ރުހޭ މީހަކާ މަޖުބޫރުން ކައިވެނި ކުރުވުން ހުއްދަ ވެގެން ނުވޭ: ހުތުބާ
މައިންބަފައިން ރުހޭ މީހަކާ އަންހެން ކުއްޖާ މަޖުބޫރުން ކައިވެނި ކުރުވުން އިސްލާމް ދީނުުގައި ހުއްދަ ވެގެން ނުވާ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ އަންހެނުންނާއި ފިރިހެނުން ތަފާތު ކުރުމެއް ނެތި މާތްﷲ އިންސާނުން މަތިވެރިކުރައްވާފައިވާ ކަމަށެވެ. އިސްލާމް ދީނުގައި އަންހެން ކުދިން ދުނިޔޭގައި އުޅުމުގެ ހައްގު ދެއްވިކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ އިސްލާމް ދީނުގައި އަންހެން ކުދިންނާއި ފިރިހެން ކުދިން ތަފާތު ކުރުމެއް ނެތް ކަމަށެވެ. ފިރިހެން ދަރިންނަށް އޯގާތެރިވާ ފަދައިން އަންހެން ދަރިންނަށް ވެސް އޯގާތެރިވާންޖެހޭނެ ކަމަށާއި، ތައުލީމާއި ތަރުބިއްޔަތު ދިނުމާއި އޯގާތެރި ވުމުގައި އިސްލާމް ދީނުގައި އަންހެނެއް ފިރިހެނެއް ތަފާތެއް ނުކުރާކަމަށެވެ. 

ހުކުރު ހުތުބާގައި ބުނެފައިވަނީ އިސްލާމް ދީނުގައި ކައިވެނީގެ ކަންކަމުގައި އަންހެން ކުދިންނަށް ވަރަށް ބޮޑު އިހްތިޔާރެއް ދީފައިވާކަމަށެވެ.

"ކައިވެންޏަކީ އަންހެން ކުއްޖެއްގެ ހަޔާތުގައި އެންމެ މުހިންމު އެއް ނިންމުމެވެ. މި ކަމުގައި އިސްލާމް ދީނުގައި އަންހެން ކުއްޖާއަށް ވަރަށް ބޮޑަށް އިހްތިޔާރު ދެއްވާފައި ވެއެވެ. އެކުދިން ރުހޭ މީހަކާ ކައިވެނި ކުރުމުގެ ހައްގު ވަނީ ދީފައެވެ. އަދި ހަމަ އެކަނި މައިންބަފައިން ރުހޭ މީހަކާ މަޖުބޫރުން ކައިވެނި ކުރުވުން ހުއްދަ ވެގެން ނުވެއެވެ." ހުކުރު ހުތުބާގައި ވެއެވެ. 

މީގެ އިތުރުން ހުކުރު ހުތުބާގައި ބުނެފައިވަނީ ފިރިމީހާ އަނބިމީހާއަށް އަނިޔާވެރިވުން އިސްލާމް ދީނުގައި ނަހީކުރައްވާފައި ވާކަމަށެވެ. 

އިސްލާމް ދީނުގައި އަންހެނުންގެ މުދާ ރައްކާތެރި ކުރައްވާފައިވާކަން ފާހަގަކޮށް ހުކުރު ހުތުބާގައި ބުނެފައިވަނީ އަނބިމީހާގެ ހުއްދަނެތި ފިރިމީހާ އޭނާގެ މުދާ ބޭނުންކުރުން ހަރާމް ކުރައްވާފައިވާ ކަމަށެވެ. އަދި އަނބިމީހާއަށް ލިބޭ މުދާ އާއިލާއާއި ދަރިންގެ މައްޗަށް ހަރަދު ކުރުން އޭނާގެ މައްޗަށް މަޖުބޫރު ނޫންކަމަށް ވެސް ހުތުބާގައި ވެއެވެ. ނަމަވެސް ހާއްސަ ހާލަތްތަކުގައި ފިރިމީހާ އާއި އާއިލާގެ މައްޗަށް ހަރަދު ކުރުމަކީ އަނބިމީހާ އަށް ގިނަގުނަ ދަރުމަޔާ ސަވާބު ލިބޭނޭ ކަމެއްކަން ވެސް ފާހަގަކޮށްފައިވެއެވެ. 

ހުކުރު ހުތުބާގައި ބުނެފައިވަނީ އިސްލާމީ ޝަރީއަތުގައިވާ ގޮތަށް އަމަލުތައް ބަހައްޓައިފި ނަމަ، އަންހެނުންގެ ހައްގުތައް ގެއްލިގެނެއް ނުދާނެކަމަށެވެ. އަދި އަންހެނުންގެ ހައްޤުތައް އެންމެ ބޮޑަށް ރައްކާތެރިކުރެވިފައިވަނީ އިސްލާމް ދީނުގައިކަން ވެސް ހުތުބާގައި ފާހަގަކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް