ads
ރައީސް ޔާމީން-- ފޮޓޯ: ސަން އޮންލައިން
ރައީސް ޔާމީންގެ އިސްތިއުނާފް ޝަރީއަތް ބުދަ ދުވަހު ބާއްވަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފު ޝަރީއަތް އަންނަ ބުދަ ދުވަހު ބޭއްވުމަށް ހައިކޯޓުން ތާވަލުކޮށްފި އެވެ.

ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފްކުރި އެ މައްސަލައިގެ އަޑުއެހުމެއް ވަނީ ކޮވިޑް-19 ގެ ކުރިން މާޗު މަހު ބާއްވާފަ އެވެ. އެކަމަކު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މާޗު މަހުގެ 22 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައިވަނިކޮށް ކޮވިޑް-19 އާ ގުޅިގެން ސަރުކާރު އޮފީސްތަކާއި ކޯޓުގެ ޝަރީއަތް ވެސް މެދުކެނޑުނެވެ. 

ފަހުން އޮންލައިންކޮށް ޝަރީއަތްތައް ބޭއްވި ނަމަވެސް އޭގެ ފަހުން ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައެއް ނުވެ އެވެ.

މިއަދު ސަރުކާރު ހުޅުވުމާއެކު ކޯޓުތަކުގެ މަސައްކަތް ރަސްމީކޮށް ފެށިއިރު، އަންނަ ބުދަ ދުވަހަށް މިވަނީ ރައީސް ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފު ޝަރީއަތް ތާވަލުކޮށްފަ އެވެ. 

އެ ދުވަހު އޮންނާނީ ދެ ފަރާތުގެ ހުލާސާ ބަޔާން އިއްވުމެވެ. އެއަށް ފަހު އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވަން ބާއްވާ ޝަރީއަތެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާކުރި ކަން ސާބިތުވުމުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އަދި ޖޫރިމަނާ ފައިސާ ކަމުގައިވާ ފަސް މިލިއަން ޑޮލަރު ނުވަތަ 77.1 މިލިއަން ރުފިޔާ، ހުކުމް ކުރި ދުވަހުން ފެށިގެން ހަމަސް ދުވަސް ތެރޭގައި ކޯޓަށް ދެއްކުމަށްވެސް ވަނީ އަމުރުކޮށްފަ އެވެ.  

އޭގެ އިތުރުން، ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީނާއި އިތުރު 3 ފަރާތެއްގެ މައްޗަށް 591 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ދައުލަތުން ވަނީ ދަޢުވާކޮށްފަ އެވެ. އެކަމަކު އަދި އެ މައްސަލައިގެ އަޑުއެހުންތަކެއް ނުފަށަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް