ads
ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް--
ހިޔާ މަޝްރޫއުގައި އެއް ކޮޓަރީގެ އެޕާޓްމަންޓްތައް އިއުލާންކުރިޔަސް އަޅާފައެއް ނެތް: އަސްލަމް
ކުރީ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ދަށުން އެއް ކޮޓަރީގެ އެޕާޓްމަންޓްތަކެއް އެޅުމަށް އިއުލާންކުރި ނަމަވެސް އެއިން އެއްވެސް ފްލެޓެއްގެ މަސައްކަތް ފަށާފައި ނުވާ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީގައި މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ކުރީ ސަރުކާރުގައި އެއް ކޮޓަރީގެ އެޕާޓްމަންޓްތަކެއް ހެދުމަށް އިއުލާންކޮށްފައިވީ ނަމަވެސް ފްލެޓު އެޅުމުގެ މަސައްކަތްކޮށްފައި ނުވާ ކަމަށެވެ. 

އޭގެ ތެރޭގައި 18 އަހަރާއި 40 އަހަރާއި ދެމެދުގެ އެއް ކޮޓަރީގެ އެޕާޓްމަންޓްތަކާއި ދަފުތަރަށް އެއް ކޮޓަރި އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެއް ކޮޓަރީގެ ކެޓަގަރީ އާއި އަލަތު ކައިވެނީގެ އެއް ކޮޓަރީގެ ފްލެޓު އެޅުމަށް ސަރުކާރުން އިއުލާންކުރި ނަމަވެސް އެ މަސައްކަތް ކުރިއަށް ނުދާ ކަމަށް އަސްލަމް ވިދާޅުވި އެވެ. 

"އެއް ކޮޓަރީގެ އެއްވެސް ތަނެއް ހިޔާ މަޝްރޫއުގެ ދަށުން އަޅާފައެއް ނެތްކަން އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާލަން. ތިބޭފުޅުން ބަލާލިޔަސް ފެންނާނެ އެތާ ހުރީ މުޅިން ވެސް ދެ ކޮޓަރީގެ ފްލެޓުތަކެއް،" އަސްލަމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީ ކުރި ފްލެޓްތައް ދީފައި ވަނީ އެންމެ ހައްގުވެރިންނަށްތޯ ބެލުމަށް މި ސަރުކާރުން ވަނީ ކޮމިޓީއެއް އުފައްދާފަ އެވެ. އެ ކޮމިޓީން އަންނަނީ ރައީސް ޔާމީނުގެ ސަރުކާރުގައި ފްލެޓް ދޭން ނިންމާފައިވަނީ ދިރިއުޅުމުގެ ހާލަތަށް ނުބަލައި ކަމުން، އެކަަމަށް އެދި ހުށަހެޅި މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް ކުރަމުންނެވެ.  

އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ހިޔާ ފްލެޓަށް އެދި 25000 ފަރާތަކުން ފޯމު ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 21000 ފޯމެެއް މިހާތަނަށް ބަލާފައިވާ ކަމަށް އެ ކޮމެޓީން މައުލޫމާތުދޭ ކަމަށެވެ. 

އޭގެ އިތުރުން އަސްލަމް ވިދާޅުވީ، ޖުލައި މަހުން ފެށިގެން ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކުރަން ފަށާނެ ކަމަށާއި އެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އެކަމަކު އެ ތަންތަނަށް ކަރަންޓާއި ފެން ގުޅުމުގެ މަސައްކަތް ވެސް ކުރުމަށް އިތުރު އަށް މަސް ދުވަސް ބޭނުންވާތީ ފްލެޓުތަކަށް ވަދެވޭނީ އަށް މަސް ފަހުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް