
ޕްލޭނިން މިނިސްޓްރީން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، މާލޭގައި ވަރަށް ދަތި ހާލުގައި މީހުން އުޅެމުން އަންނަ ކަމަށާއި އެގޮތުން 600 އަކަ ފޫޓަށް ވުރެ ކުޑަ ތަންކޮޅެއްގެ ތެރޭގައި 21013 އާއިލާއެއް އުޅެމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، 600 އަކަ ފުޓަށް ވުރެ ކުޑަ ކޮންމެ ތަންކޮޅަކީ ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށާއި އެގޮތުން ހިޔާ މަޝްރޫއުގައި އެޅި ފްލެޓުތަކުގެ ބޮޑު މިން ވެސް 572 އަކަ ފޫޓުގައި ހުރިއިރު އެތަންތަން ވެސް އެ މިންގަނޑަށް ނުފެތޭ ކަމަަށެވެ.
މާލޭ ސަރަހައްދުގައި ގިނަ އަދަދެއްގެ ބަޔަކު ބޯހިޔާވަހިކަމަށް ޖެހިފައިވާއިރު އެ އެންމަނަށް ބޯހިޔާވަހިކަން ފޯރުކޮށްދޮނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި އެގޮތުގެ މަތިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ، މާލޭގެ އާބާދީގެ 15 އިންސައްތައަކީ ފަގީރުން ކަމަށައި އެއީ ދުވާލެއްގެ މައްޗަށް ބޮލަކަށް 74 ރުފިޔާ ނުޖެހޭ އާއިލާތައް ކަމަށެވެ.
އެގޮތުން އެފަދަ 3152 އާއިލާއެއް އުޅެމުން އަންނައިރު އެ ފަރާތްތަކަށް ސަރުކާރުން އަމާޒު ހިފާފާއި ވަނީ ކައުންސިލް ހައުސިން ފޯރުކޮށްދިނުމަށް ކަމަށް ވެސް ވިދާޅުވި އެވެ.