ads
އުމަރު ނަސީރު--
ކުރިން ވެރިކަން ކުރި އެއްވެސް މީހަކަށް ދެން ވެރިކަމެއް ނުލިބޭނެ: އުމަރު
ރާއްޖޭގައި މީގެ ކުރިން ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ދެން ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެއްވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ސީއެންއެމްގެ "އިތުރުކާފު" ޕްރޮގްރާމުގައި މިރޭ ބައިވެރިވެވަޑައިގެން އުމަރު ވިދާޅުވީ، އޭނާއަށް ޔަގީންވެ ވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި މީގެ ކުރިން ރައީސްކަން ކުރައްވާ، ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި އެއްވެސް ބޭފުޅަކަށް ދެން ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ. 

"އަޅުގަނޑަށް ޔަގީންވާ ކަމަކީ ދެނެއް މިރާއްޖޭގަ މީގެ ކުރިން ރައީސްކަން ކުރައްވާ، ނާކާމިޔާބީއާ ކުރިމަތިވި އެއްވެސް ބޭފުޅެއް، އެއީ ރައީސް ޔާމީން ކަމުގައި ވިޔަސް، ނަޝީދު ކަމަށް ވިޔަސް، ރައީސް މައުމޫން ކަމަށް ވިޔަސް އަދި ރައީސް ވަހީދު ކަމަށް ވިޔަސް. މިތަނުން އެއްވެސް ބޭފުޅަކު ދެން އިންތިހާބެއް ނުވާނެ ދިވެހިރާއްޖޭގެ ރިޔާސީ އިންތިހާބެއްގައެއް،" އުމަރު ވިދާޅުވި އެވެ.

އޭގެ އިތުރުން އުމަރު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވިޔަސް ދެން ކާމިޔާބުވެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެކަން އެމަނިކުފާނުގެ އަރިހުގައި ވެސް ދަންނަވާފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ. 

އުމަރު ވިދާޅުވީ، ވެރިކަމުގެ އާރާއި ބާރު އޮވެމެ، އިންތިހާބަކުން ނާކާމިޔާބުވެއްޖެނަމަ އެ އާރާއި ބާރު ނެތި، އަލުން އިންތިހާބެއް ކާމިޔާބުކުރުމަކީ ދުނިޔޭގައި ހިނގާފައި އޮތް ކަމެއް ނޫން ކަމަށެވެ. 

އުމަރު އިތުރަށް ވިދާޅުވީ، ކުރިން ވެރިކަން ކުރެއްވި ބޭފުޅުން އަލުން ރައީސް ކަމަށް ކުރިމަތިލައްވާނަމަ އެކުރައްވަނީ ބޭކާރު މަސައްކަތަކާއި ބޭކާރު ހަރަދެއް ކަމަށެވެ.

"ރިޔާސީ ނިޒާމެއްގެ ތެރެއިން ރައީސްކަން ކުރައްވާފަ އިންތިހާބެއް ނާކާމިޔާބުވުމަށް ފަހު، ގެއަށް ވަޑައިގެންފަ، އަނބުރާ ވަޑައިގެން އަލުން ރިޔާސީ އިންތިހާބެއް ކާމިޔާބެއް ނުކުރެވޭނެ. އެއީ ނުކުރެވޭނެ، އިމްޕޮސިބްލް ކަމެއް އިނގޭތޯ. ދުނިޔޭގެ ކޮންތާކުތޯ އެކަންވެފައި އޮތީ. އެކަން ނުވާނެ،"

އުމުރު ވަނީ ރައީސް ޔާމީނަކީ އޭނާއަށް ވުރެ ގިނަ ބައެއްގެ ތާއީދު އޮތް ބޭފުޅެއް ނަމަވެސް ދެން "ފިނިޝިން ލައިން" ހުރަސް ނުކުރެއްވޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި އުމަރު ވިދާޅުވީ ޕީޕީއެމްގެ ދަންމަރު، އޭނާއާ ހަވާލުކުރައްވައިފިނަމަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީ، ބޮޑު ބައްޔަކުން ބަލިކޮށް އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް