ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމާއު ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މާސް އިންސްޕެކްޝަންގައި މާލެ ސިޓީ ކައުންސިލްގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރި ވާނެ ކަމަށެވެ.
ޝަމާއު ވިދާޅުވީ މިއަދުން ފެށިގެން ޖުލައި 12 ވަނަ ދުވަހަށް ލިބޭ މުއްދަތުގައި އެޗްޕީއޭގެ ގައިޑްލައިންތަކަށް އިތުރަށްބަލާ އެމަގުން ކަންކަން ބެހެއްޓުން މުހިންމު ކަމަށެވެ. އަދި ކައުންސިލުން މި ހަފްތާ ބޭނުންކުރާނީ ހޭލުންތެރިކުރުމާއި ތައްޔާރީތަކަށް ކަމަށްވެސް ޝަމާއު ވިދާޅުވި އެވެ.
އެގޮތުން އާންމު ސިއްހަތައް ރައްކާތެރިވެފައިވާ މިންވަރާއި އެޗްޕީއޭގެ ލަފާގެ މަތިން ކަންކަން ކުރޭތޯ ބަލާނެ ކަމަށާއި ރަނގަޅަށް ކަންކަން ހުންނަ ނަމަ ހާއްސަ ސްޓިކާއެއްވެސް ފެންނަން ހުންނާނެ ކަމަށް ޝަމާއު ވިދާޅުވި އެވެ.
ރައްޔިތުންގެ ރައްކަލަށް ހުރިހާ ކަމެއްވެސް ބަހައްޓަން އެދޭ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް އިންސްޕެކްޝަނަށް ތައްޔާރުވެގެން ތިބުމަށް ޝަމާއު ވަނީ އިލްތިމާސްކުރައްވާފަ އެވެ.
އެޗްޕީއޭގެ މި މާސް އިންސްޕެކްޝަންގައި މާލެ ސަރަހައްދުގެ ހުރިހާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި، ފިހާރަތަކާއި ސެލޫންތަކާއި ޖިމްތައް އަދި އެކި ގޮތްގޮތަށް ހެދިފައިވާ މާރުކޭޓުތައް ބަލާ ފާސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.