ads
އެމްއެމްއޭ އިމާރާތް-- ފޮޓޯ: ސަން
ޑިމާންޑާ އެއްވަރަށް ޑޮލަރު ފޯރުކޮށްދެވޭނެ: އެމްއެމްއޭ
ކޮވިޑް-19 ގެ ހާލަތު އައުމުގެ ކުރިންވެސް ރާއްޖޭގައި ޑޮލަރަށް އުފެދިފައި އޮންނަ ޑިމާންޑާ އެއްވަރަށް ޑޮލަރު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް މަނެޓަރީ އޮތޯރިޓީން ބުނެފި އެވެ.

އެމްއެމްއޭ އިން ބުނީ ކޮވިޑް-19 ފެތުރުމުގެ ސަބަބުން އެކި ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތް މުޅިންހެން ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި، ޓޫރިޒަމްގެ ސިނާއަތުން ރާއްޖޭގެ ބޭންކިން ނިޒާމަށް ލިބެމުން އައި ޑޮލަރު ސަޕްލައި ހުއްޓިފައިވާ ކަމަށެވެ. 

އެގޮތުން މިހާލަތުގައި ވެސް މުޅި ދުނިޔޭގެ އިގްތިސޯދަށް އައިސްފައިވާ ހީނަރުކަމުގެ ތެރެއިން ވެސް އެމްއެމްއޭގެ ދައުރު ފުރިހަމައަށް އަދާކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް މަރުކަޒީ ބޭންކުން ބުނީ ކުރިން ރާއްޖޭގައި ޑޮލަރަށް އޮންނަ ޑިމާންޑާއި އެއްވަރަށް ޑޮލަރު ފޯރުކޮށްދިނުމަށް އެމްއެމްއޭއިން އެކި ސްޓްރެޓަޖީ ބޭނުން ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭން ބޭރުން ޑޮލަރު އެތެރެކުރުންވެސް ހިމެނޭކަމަށް ވެސް ވަނީ ބުނެފަ އެވެ. 

އެމްއެމްއޭ އިން އިތުރަށް ބުނީ އެފަދަ ސްޓްރެޓަޖީތައް ބޭނުންކޮށްގެން ޑޮލަރަށް އޮތް ޑިމާންޑާ އެއްވަރަށް ޑޮލަރު ފޯރުކޮށްދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެކަމުގެ ޔަގީންކަންދޭ ކަމަށެވެ. 

އަދި ‎މިހާރު ވެސް ކޮވިޑްއާ ގުޅިގެން އާއްމު ވިޔަފާރިތަކާއި، އެކި އެސްއޯއީ ތަކަށް ޑޮލަރު ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ވުރެ، އިތުރަށް ބޭންކުތަކަށް މިދަނޑިވަޅުގައި ޑޮލަރު ފޯރުކޮށްދެމުންދާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. 

"އެގޮތުން، ކާނާގެ ބާވަތްތަކާއި ބޭސް ފަދަ ޒަރޫރީ ތަކެތި އެތެރެކުރުމަށް ހާއްސަކޮށްގެން ޑޮލަރު މިގެންދަނީ ދޫކުރަމުންން،" އެމްއެމްއޭ އިން ބުނެ އެވެ.

އޭގެ އިތުރުން އެމްއެމްއޭ އިން ބުނީ ‎ދައުލަތުގެ ރަސްމީ ރިޒާވް ތަންދޭ މިންވަރަކުން، ޑޮލަރު ފެސިލިޓީސްތައް މެދުވެރިކޮށްގެން ނަމަވެސް ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށެވެ. 

ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރު ހޯދާފައިވާއިރު ދިވެހި ސަރުކާރުން ދަނީ މި ބަލިމަނޑު ކަމުގެ ސަބަބުން ދިމާވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ފައިސާގެ އެހީ ހޯދުމަށް ބައިނަލްއަގްވާމީ ގިނަ އިދާރާތަކަކާއި އެކު ވެސް މަޝްވްރާ ކުރަމުންނެވެ. 

އެގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ރާއްޖެ އަށް 28.9 މިލިއަން ޑޮލަރުގެ އެހީ ލިބިފައިވާއިރު އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް) އިން ވެސް ވަނީ 20 މިލިއަން ޑޮލަރުގެ އެމެޖެންސީ އެހީ ރާއްޖެ އަށް ލިބިފަ އެވެ. 

އަދި ވޯލްޑް ބޭންކުން ވެސް ވަނީ ކޮވިޑް-19 ގެ ސަބަބުން ދިމާވާ ގޮންޖެހުތަކުން އަރައި ގަތުމަށް އެހީތެރިވުމުގެ ގޮތުން ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ވޯލްޑް ބޭންކުން ރާއްޖެ އަށް 17.3 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފައިވާއިރު ޔޫރަޕިންއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް 51 މިލިއަން ރުފިޔާގެ ހިލޭ އެހީ ވަނީ ދީފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް