ads
ކުރީގެ ރައީސް މައުމޫން --
އެކަށީގެންވާ ސަބަބަކަށް ޓަކާ ދުރު ދުރުގައި ތިއްބަސް ނަމާދު ސައްހަ ވާނެ: މައުމޫން
އެކަށީގެންވާ ސަބަބަކަށް ޓަކާ ދުރު ދުރުގައި ތިބެގެން ނަމާދު ކުރިޔަސް ނަމާދު ސައްހަ ވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޖަމާއަތުގައި ނަމާދު ކުރާއިރު ސަފު ހެދުމުގައި އެންމެ ރަނގަޅު ގޮތަކީ ކައިރި ކައިރީގައި ތިބުން ކަމަށެވެ. އެހެން ނަމަވެސް "އެކަށީގެންވާ ސަބަބަކަށް ޓަކާ ދުރު ދުރުގައި ތިއްބަސް ނަމާދު ސައްހަ ވާނެ ކަމަށާއި މިހާރު ދިމާވެގެން މިއުޅެނީ އެފަދަ ސަބަބެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އޭގެ އިތުރުން އިސްލާމީ އެހެން ގައުމުތަކުގައި ވެސް މިހާރު ޖަމާއަތުގައި ސަފު ހަދަނީ ގައި ދުރުކުރުމުގެ އުސޫލާ އެއްގޮތްވާ ގޮތުމުގެ މަތިންކަން ވެސް ރައީސް މައުމޫން ވަނީ ފާހަގަ ކުރައްވާފަ އެވެ. 

ރައީސް މައުމޫން މިހެން ވިދާޅުވެފައިވާ އިރު، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ މާލޭގައި ޖަމާއަތުގައި ނަމާދު ކުރާއިރު މިވަގުތު އެންމެ ރަނގަޅީ ގައިދުރުކޮށް ތިބެ ނަމާދުކުރުން ކަމަށް ވިދާޅުވެފަ އެވެ. 

ބަލި ފެތުރިފައި އޮތް ސަރަހައްދުތަކުގައި ނަމާދުގެ ޖަމާއަތުގައި ގައިދުރުކަން ބަހައްޓައިގެން ސަފު ހެދުމުގައި އިސްލާމީ ރަސްމީ އިދާރާތަކާއި ޖުމްހޫރީ ފިގްހުވެރިންގެ ނިންމުންތަކަށް ދިވެހި ރާއްޖެއިން ރިޔާޔަތް ނުކުރަނީ  ކީއްވެތޯ ޑރ.ޝަހީމް ވަނީ ސުވާލުކުރައްވާފަ އެވެ. 

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރިސޯޓުތަކާއި ހުޅުމާލެ އާއި ވިލިމާލެ ހިމެނޭހެން މާލޭގެ ހުރިހާ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގާފައިވަނީ މާޗް 18 ވަނަ ދުވަހު އެވެ. 

އޭގެ ފަހުން މާލެ މިސްކިތްތައް ބަންދުކުރި ނަމަވެސް މިދިޔަ މަހުގެ 15 ވަނަ ދުވަހު ލޮކްޑައުންގެ ދެވަނަ ފިޔަވަހީގެ ލުއިތަކާއެކު ވަނީ މިސްކިތްތައް ހުޅުވާލާއި، ވަކި ވަކިން މިސްކިތަށް އަރާއި ނަމާދުކުރަން މިސްކިތްތައް ހުޅުވާލާފަ އެވެ. އަދި ޖުލައި އެއް ވަނަ ދުވަހު މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ފަށާފައިވާ އިރު، ހުކުރު ނަމާދު ޖަމާއަތުގައި ކުރަން ފަށާފައި ވަނީ ޖުލައި ނުވަ ވަނަ ދުވަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް