ads
އިދިކޮޅުން ބޭއްވި ޕްރެސްގެ ތެރެއިން--
މީޑިއާގެ މިނިވަންކަމަށް ގޮވާލި މީހުން މީޑިއާ ޖޫރިމަނާކުރަން އުޅުމަކީ ދަށު ދަރަޖައިގެ ކަމެއް: އިދިކޮޅު
ރާއްޖޭގެ މީޑިއާތައް ޖޫރިމަނާކުރެވޭނެ ގަވާއިދެއް ހެދުމަކީ މިނިވަން ނޫސްވެރިކަމެއް އޮންނަންޖެހޭ ކަމަށްބުނެ ވަރަށްބޮޑަށް އަޑުގަދަކުރި ފަރާތްތަކުން ހިންގާ ވަރަށް ދަށު ދަރަޖައިގެ އަދި ޑިމޮކްރެސީގެ ނިޒާމާ މުޅިން ބީރައްޓެހި ކަމެއް ކަމަށް، އިދިކޮޅު ކޯޅިޝަނުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގެ މީޑިއާތައް ޖޫރިމަނާކުރެވޭނެ ގަވާއިދެއް ހެދުމަށްފަހު ވަކި ތާރީހެއްގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ސޮއިކުރައްވާ މޯލްޑިވްސް މީޑިއާ ކައުންސިލަށް ފޮނުވާފައިވާ ސިޓީއާއި ގުޅިގެން އެކޯލިޝަނުން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. 

އެއީ މިނިވަން މީޑިއާއަށް ހުރަސްއަޅާ މީޑިއާތަކަށް ބިރުދެއްކުމުގެ ގޮތުން ކުރިއަށް ގެންދާ ވަރަށް ނުރައްކާތެރި ކަންތައްތަކެއްގެ ފެށުންކަން ފާހަގަކޮށް ބަޔާނުގައި ބުނީ، މިހާރު ރާއްޖޭގައި ހިންގަމުންދާ އެކިއެކި ކަންކަމާ ގުޅޭގޮތުންނާއި، އަދި ދާދި ފަހުން ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕްކޮށް، ސިޔާސީ ނުފޫޒުގަދަ ބަޔަކު ހިންގާފައިވާ ޢަމަލުތަކާ ބެހޭގޮތުން ރިޕޯޓް ކޮށްފައިވާ މީޑިއާތަކަށް އަމާޒުކޮށް، އެ މީޑިއާތަކުގެ މައްސަލަ ބެލުންފަދަ ކަންކަން ހިންގުމަކީ މިނިވަން ނޫސްވެރިކަމެއް އޮންނަންޖެހޭ ކަމަށްބުނެ ވަރަށްބޮޑަށް އަޑުގަދަކުރި ފަރާތްތަކުން ހިންގާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

އެ ބަޔާނުގައި ބުނީ، މީޑިއާއަކީ ޑިމޮކްރެސީގެ ހަތަރު ވަނަ ބާރުކަމަށާއި މިނިވަން މީޑިއާގެ މުހިއްމުކަމަށް ވަކާލާތުކުރަމުންއައި ފަރާތްތަކުން ވެރިކަމަށް އައިސް ނޫސްވެރިންގެ އަނގަ ބަންދުކޮށް މީޑިއާގެ މިނިވަންކަން ހަނިކުރުމަށް ރޭވިގެން ކުރަމުންދާ މަސައްކަތް އެ ކޯލިޝަނުން ހަރުކަށި ކުށްވެރިކުރާ ކަމަށެވެ. އަދި އެއީ މިނިވަން ނޫސްވެރިކަމަށާއި ނޫސްވެރިކަމުގެ ދާއިރާގެ މުސްތަގްބަލަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ، މިނިވަންކަމާއެކު ވަކިއަތަކަށް ނުޖެހި ހަބަރާ މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ ފުރުސަތު ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް ފަހިކޮށްދޭން ޖެހޭނެ ކަމަށެވެ. 

ނަމަވެސް މައުލޫމާތު ހާމަކުރުމުގައި ސަރުކާރުން މީޑިއާތަކަށް ތަފާތު ކުރުން ގެންގުޅޭކަމުގެ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރެވޭ ކަމަށާއި މީޑިއާ ކައުންސިލަކީ މީޑިއާގެ މައްސަލަތައް ބަލާ މިނިވަން ވަކި މުއައްސަސާއަކަށް ވުމުން، މީޑިއާ ކައުންސިލްގެ މަސައްކަތްތައް ވަކި ގޮތަކަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުން ބާރުފޯރުވުމަކީ މިއަދު ސަރުކާރުން ވަރަށް ބޮޑަށް މީޑިއާތައް ކޮންޓްރޯލް ކުރުމަށް އަމާޒު ހިފާފައިވާ ކަމުގެ ހެއްކެއް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކުރެ އެވެ.

އެހެންވެ، މީޑިއާތަކަށް ބިރުދައްކާ، މީޑިއާތަކުގެ އަނގަ ބަންދު ކުރުމަށް ސަރުކާރާ، މަޖިލީހުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށާއި، ވަކި ވަކި މީޑިއާތަކަށް އަމާޒުކޮށް ކުރަމުންދާ ފުރައްސާރަ ހުއްޓާލުމަށް އެ ކޯލިޝަނުން ގޮވާލަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް