
މިމައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.
ހަސަން ލަތީފް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މައްސަލައަކީ ރާއްޖޭގައި މިހާތަނަށް ހިންގި މިފަދަ އެންމެ ބޮޑު ޖަރީމާ ކަމަށާއި، މި މައްސަލައިގައި އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވާކަމަށެވެ. އަދި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގެ ތެރެއިން މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު އެ ހަތްދައުވާ ބޭރުކޮށްލާފައިވަނީ ގާނޫނުތަކާއި އިޖުރާއަތުތަކާއި ހިލާފަށް ކަމަށެވެ.
މީގެ އިތުރުން ގާޒީ އިސްމާއިލް ރަޝީދު މި މައްސަލައިގައި އަމުލުކޮށްފައިވަނީ ރިޝްވަތާއި ކޮރަޕްޝަންގެ ނުފޫޒުންކަމަށް ތުހުމަތު ކުރެވޭތީ ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމަށާއި އަދީބުގެ މައްސަލަތައް އިސްތިއުނާފު ކުރަން ދައުލަތަށް ގޮވައިލާ ކަމަށް މައްސަލައިގައިވެ އެވެ.