އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އެވެ.
އިމްޕޯޓް އެކްސްޕޯޓަށް އިސްލާހު ގެނައުމުގެ ބިލުގައި މުޅި މަޖިލީހުގެ ކޮމެޓީން ނިންމާފައި ވަނީ ސަރަހައްދީ އެއާޕޯޓުތަކާއި ކުޅުދުއްފުއްޓާއި ހިތަދޫ ބަނދަރަށް ގެންދާ މުދަލުން 50 ޕަސެންޓް ޑިއުޓީ ކަނޑާލުމަށެވެ. ބަނދަރުތަކަށް ބާލާ މުދާ އެތަނުގައި ގުދަންކުރެވޭ ގޮތަށް ހުރުމަށްވެސް ވަނީ ފާސްކޮށްފަ އެވެ.
އެހެން ނަމަވެސް ސިނގިރޭޓާއި އެނާޖީ ޑްރިންކްސް އަދި އޫރުމަހާއި ބަނގުރަލުގެ ބާވަތްތަކުން ޑިއުޓީ ކުޑަ ނުކުރުމަށް މެމްބަރުން ވަނީ ފާސްކޮށްފަ އެވެ. ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ކުޑަނުކުރުމަށް މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ހުށަހެޅުއްވި އިސްލާހު ފާސްވީ 58 މެމްބަރުންގެ ވޯޓުންނެވެ.
މީގެ އިތުރުން ދުންފަތާއި އެނާޖީ ޑްރިންކް ފަދަ ބާވަތްތަކުން ޑީއުޓީ ބޮޑު ކުރުމަށާއި މިތަކެތިން ނެގޭ ޑިއުޓީގެ ގޮތުގައި ލިބޭ އާމްދަނީގެ ތިން އިންސައްތަ ޕަބްލިކް ހެލްތު ފަންޑަށް ޖަމާ ކުރުމަށްވެސް މެމްބަރުން ވަނީ ފާސްކޮށްފަ އެވެ.
އަލިފާނުގެ ހާދިސާތަކުން ރައްކާތެރި ވުމަށް ބޭނުން ކުރާ ތަކެތިން ވެސް ޑިއުޓީ ކަނޑާލަން ބިލުގައި ހިމަނާފައިވާއިރު، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބައެއް ތަކެތިންވެސް ޑިއުޓީ މާފް ކުރުމަށް ވަނީ ފާސްކޮށްފަ އެވެ. އަދި މަސްވެރިކަމުގެ އާލާތްތަކާއި އޮޑިދޯނި ފަހަރު ބަނުމަށް ބޭނުންވާ ބައެއް ސާމާނުންވެސް ޑިއުޓީ ކަނޑާލުމަށް ވަނީ ފާސްކޮށްފަ އެވެ.
ލަގްޒަރީ ކޮސްމެޓިކްސްގެ ބާވަތްތަކުން ފަސް އިންސައްތަ ޑީއުޓީ ކުޑަކުރުމާއި އާންމު ދިރިއުޅުމުގައި ގޭތެރޭގައި ބޭނުންކުރާ ބައެއް ސާމާނުން ޑީއުޓީ ކަނޑަލުމަށްވެސް ވަނީ ފާސްކޮށްފަ އެވެ.
މީގެ އިތުރުން އެއްފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޕްލާސްޓިކު ރާއްޖެ އެތެރެ މަނާ ކުރާ ގޮތަށްވެސް އިމްޕޯޓު އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ފާސްކޮށްފައިވެ އެވެ. އެގޮތުން ބަޔޯޑީގްރޭޑެބަލް ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ގޯނިން 400 ޕަސެންޓްގެ ޑީއުޓީ ނެގުމަސް ނިނަމާފައިވާއިރު ޕްލާސްޓިކް ފިލްމާއި ޝީޓާއި ހޮޅިއާއި ތަށި ފަދަ ތަކެތިން 200 ޕަސެންޓްގެ ޑިއުޓީ ނެގުމަށް ވަނީ ނިންމާފަ އެވެ.