ads
ކޮވިޑް-19 އަށް ޓެސްޓް ކުރަނީ--- ފޮޓޯ: ސީއެންއެމް
އެޗްޕީއޭއިން މައުލޫމާތު ދިނުމުގައި ލަސްވުމުން ޝަކުވާ އިތުރުވަނީ
އެޗްޕީއޭއިން ކޮވިޑް-19 އާ ގުޅިގެން މައުލޫމާތު ދިނުމުގައި ލަސް ވާ ކަމަށް ބުނެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ކޮވިޑް19 ގެ ކޭސްތައް ރާއްޖޭގައި ފެންނަމުންދާ މިންވަރު މިހާރު އިތުރުވަމުން އަންނަ އިރު ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައަދަދެއްގެ ދިވެހިން ހިމެނެއެވެ.

މިއަހަރުގެ އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންއެއްގައި މާލެ ސަރަހައްދު ބޭއްވުމަށްފަހު މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން ބައެއް ސުކޫލްތައް ހުޅުވުމާއި ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނާއި ސަރުކާރުގެ އޮފީސްތައް ވަނީ ހުޅުވާފައެވެ. ކޮވިޑް-19 ގެ ބިރުވެރިކަމާއި އެކު ބަންދު ކުރި ރާއްޖޭގެ މައި ދޮރާށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުވެސް ވަނީ ހުޅުވާލާފަ އެވެ. 

ލޮކްޑައުނަށް ބޮޑެތި ލުއިތަކެއް މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ދިނުމާއި އެކު ފެނިގެން ދިޔައީ ކޮވިޑް-19ގެ ކޭސްތައް ކޮންމެ ދުވަހަކުވެސް އިތުރުވަމުން ދާ މަންޒަރެވެ. ކަންބޮޑުވާންޖެހޭ މިންވަރަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ދިވެހިން ހިމެނެއެވެ.

ބައެއް މީހުން ބުނާ ގޮތުން މިފަހުން މިހާ ގިނަ އަދަދަކަށް ދިވެހިން ޕޮޒިޓިވް ވާން ދިމާވި ސަބަބަކީ ކެފޭ ރެސްޓޯރެންޓްތަކާއި އާންމު ހިދުމަތް ދޭ ތަންތަނާއި އޮފީސްތައް ހުޅުވުމެވެ. ތަންތަން ހުޅުވާލުމުން ޕޮޒިޓިވްވާ ދިވެހިންގެ އަދަދު އިތުރު ވެފައިވަނީ އެ ދިވެހިންނާއި ކޮންޓެކްޓްވާ އިތުރު މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އަދި ނޭނގުމުގައި ވެސް އިތުރު މީހުންނާއި ދިމާވެ ބަލި އިތުރަށް ފެތުރުމުން އާދެއެވެ. 

ގިނަ އަދަދަކަށް ދިވެހިން ޕޮޒިޓީވް ވަމުންދާއިރު މިކަމުގައި އާންމުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެގޮތުން އެޗްޕީއޭއިން ސާމްޕަލް ނެގުން ލަސްވުމާއި ނަތީޖާ ލިބުން ލަސްވުމަކީ ބައެއް މީހުންގެ ކަންބޮޑުވުމެކެވެ. ހަމަ މިއާއި އެކު ޑައިރެކްޓް ކޮންޓެކްޓް ވާ މީހުންގެ ސާމްޕަލް ނުނެގުމާއި މަގުމަތިން ރެންޑަމް ސާމްޕަލް ނެގުން ހުއްޓަލާފައި ވުމަކީވެސް ބައެއް މީހުންގެ ކަންބޮޑުވުމެކެވެ.

މީގެ އިތުރުންް ޕޮޒިޓިވް ވެފައިވާ މީހުން ކަރަންޓީނު ފެސިލިޓީއަށް ގެންދިއުމުގައި ލަސްތަކެއް އުޅޭ ކަމަށް ބުނެ ވެސް މީހުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޕޮޒިޓިވްވެފައިވާ ކަން އެނގި އެމީހާ ކަރަންޓީނު ފެސިލިޓީއަށް ގެންދިއުމަށް 24 ގަޑިއިރަށްވުރެވެސް ލަސް ވާ ކަމަށް ބައެއް މީހުން ބުނެއެވެ.

އެގޮތުން މި ހަފްތާގައި ވިލިމާލެއިން ބައްޔަށް ޕޮޒިޓިވްވި މީހާ ގެންދިއުމުގައި ލަސްތަކެއް ވިކަން އެޗްޕީއޭއިންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި އެމީހާ ވަކީން އާންމު ތަނެއްގައި އެކަހެރި ކޮށް ބައިންދާފައި އިން ގޮތުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އެޗްޕީއޭއަށް ވަނީ އަމާޒުވެފައެވެ.

އާންމުވެފައިވާ ފޮޓޯއަކުން ފެނިގެންދަނީ އެމީހާ، ވިލިމާލެ ހޮސްޕިޓަލްގެ ފުރަގަހުގައި ހުރި ގަހެއްގެ ދޮށުގައި ގޮޑިއެއްގައި ބައިންދާއި، އެ ސަރަހައްދުގައި ޓޭޕްދަމާއި ބަންދުކޮށްފައި ހުރި މަންޒަރެވެ. 

މީގެއިތުރުން ޕޮޒިޓިވް ކޭސްތައް ފެންނަ ތަންތަނާއި ޑިސްއިންފެކްޓް ކުރާ ތަންތަނުގެ މައުލޫމާތު ނުލިބުމަކީވެސް އާންމުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. 

އާންމުންގެ ކަންބޮޑުވުން އެޗްޕީއޭއަށް އޮތްއިރު އެޗްޕީއޭއާއި ޑޮކްޓަރުންގެ ކަންބޮޑުވުންވެސް އެބައޮތެވެ.

ޑޮކްޓަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ވެސް ޕޮޒިޓިވްވާ ކޭސްތައް އިތުރުވުމެވެ. އަދި ކޮންޓެކްޓް ވާ މީހުންގެ އަދަދު އިތުރުވުމަކީ ވެސް ޑޮކްޓަރުންގެ ކަންބޮޑުވުމެކެވެ. 

މީގެ ކުރިން ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު މަސައްކަތް ކުރި އިރު ދުވާލެއްގެ މައްޗަށް ކޮންޓެކްޓް ވާ މީހުންގެ ތަފާސްހިސާބު ހާމަކުރަމުން އައި ނަމަވެސް މިހާ ގިނަ ދިވެހިންތަކެއް ޕޮޒިޓިވް ވަމުން އަންނައިރު ކޮންޓެކްޓުންގެ ތަފާސްހިސާބު ހިއްސާ ނުކުރަމަކީވެސް ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ. އެހެން ނަމަވެސް ޕްރެސް ކޮންފަރެންސް އެއްގައި މިފަހުން ވަނީ އެއް ޕޮޒިޓިވް ކޭސްއެއްގެ ވެސް 70 އަށްވުރެ ގިނަ ކޮންޓެކްޓުން ތިބިކަން ފާހަގަކޮށްފައެވެ. ބަލީގެ ނުރައްކާ ކުޑަނުވާއިރު ކޮންޓެކްޓުންގެ އަދަދުތައް ކުރިއެކޭ އެއްގޮތަށް ހިއްސާކުރުމަކީ މުހިންމު ކަމެއްކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ. 

ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ އެއްފަހަރާ އެހާ ގިނަ މީހުންނަށް ފަރުވާދޭން ދަތިވެދާނެ ކަމަށާއި އެކަމާގުޅިގެން ބަލިން ރައްކާތެރިވުމަށް ހުރިހާ އެންމެންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާގުޅެ އިދާރާތަކުން ގެންދިޔައީ އިލްތިމާސް ކުރަމުންނެވެ. އަދި މިހާރުވެސް ތަކުރާރުކޮށް އެކަން ހަނދާން ކޮށްދެ އެވެ.

އެހެންނަމަވެސް ފެނިގެން ދިޔައީ ލޮކްޑައުންނަށް ލުއި ދިނުމާއި އެކު އާންމުން އެއްވެ އުޅުމާއި ޕާޓީތައް ބާއްވަމުން ދިޔަ މަންޒަރެވެ. މިފަދަ އެއްވުންތަކާއި ޕާޓިތައް ނުބޭއްވުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ. މީގެއިތުރުން ކަރަންޓީނުގައި ތިބެންޖެހޭ މީހުން ބޭރަށް ނިކުމެ އުޅޭކަމުގެ މައުލޫމާތުތައްވެސް ލިބެއެވެ. މީގެ އިތުރުން ބައެއް އޮފީސްތަކުން ބަލީގެ މައުލޫމާތު އެޗްޕީއޭއާއި ހިއްސާ ނުކުރުމާއި ސާމްޕަލް ނަގަން ދެކޮޅު ހަދާ މައްސަލަތައްވެސް ފެންމަތިވެއެވެ.

ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި އިތުރުވަމުން އަންނަ އިރު ބަލިން ރައްކާތެރިވުމަށް އާންމު ރައްޔިތުންވެސް ސަމާލުވާންޖެހެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް