ads
އަބްދުއްސައްތާރު މޫސާ ދީދީ--
މިނިވަން ދުވަހުގެ ހަގީގީ ހީރޯ: އަބްދުއްސައްތާރު މޫސާ ދީދީ
އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު އެގްރިމެންޓްގައި، 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ސޮއިކުރެވުނު އިރު، އެ އެއްބަސްވުމުގައި ދިވެހި ދައުލަތުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ވަޒީރުލްއަޢުޘަމް އިބްރާހިމް ނާސިރެވެ. އެދުވަހު އެއްބަސްވުމުގައި ސޮއި ކުރި މަންޒަރު ފެނިގެންދާ ފޮޓޮއިން އަޅުގަނޑުމެންގެ ގައުމަށް މިނިވަންކަން ހޯދައި ދިނުމުގައި ބުރަ މަސައްކަތެއް ކުރެއްވި އަދި މި ދިވެހި ޤައުމަށް އަގުނުކުރެވޭފަދަ ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅުންތަކެއް ފެނިގެން ދެއެވެ.

މިފަދަ ޤައުމިއްޔަތުގެ ޒިކުރާތައް އާވާ ދުވަހެއްގައި އެފަރާތްތަކުގެ ހަދުމަ އާކޮށްނުލާ ދޫކޮށްލުން ވެގެންދާނީ ވަރަށްވެސް ބޮޑު ބޭއިންސާފަކަށެވެ. ހާއްސަ ކޮށް ތިރިން ފެނިގެންދާ މަންޒަރުގައި ބޮޑުވަޒީރު އިބްރާހިމް ނާސިރުގެ ކަނާތްފަރާތަށް އެހުންނެވި ޤައުމީ ދަރީގެ ޒިކުރާ އާކޮށްނުލާ ދޫކޮށްލުމަކީ ކުރެވެން ނެތް ކަމެކެވެ.

your image

އަލްމަރުހޫމް އަބްދުއްސައްތާރް މޫސާ ދީދީ އަކީ މިއަދު ދިވެހިން މިދެކެމުންދާ މިނިވަންކަން ހޯއްދަވައި ދެއްވުމުގައި މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ފަރާތެކެވެ. އަދި އެފަރާތެއްގެ މައުލޫމާތު އަޅުގަނޑުމެންގެ ޖީލަށް ކޮންމެހެން އެނގެންޖެހޭ ފަރާތެއްކަމުގައި ވެސް ދެކެމެވެ. މިހެން މި ދެންނެވީ ދިވެހި ރާއްޖޭގެ މިނިވަންކަމުގެ ވާހަކަގައި ގިނަ ދިވެހިންނަށް ހަމައެކަނި އެނގޭ ވާހަކައަކީ އިބްރާހިމް ނާސިރު މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވިކަން އެކަނި ކަމަށްވުމެވެ. އަދި އެ މިނިވަންކަން ހޯދުމަށް ކުރި މަސައްކަތުގެ ވާހަކަ އެނގުމީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ފެންނާތީ އެވެ. ވީހާވެސް ޚުލާސާކޮށް ގެންދެވޭތޯ ބަލާނަމެވެ.

ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނު އެއްބަސްވުމުގައި ބޮޑުވަޒީރު އިބްރާހިމް ނާސިރު ސޮއި ކުރެއްވުމަށްފަހު، ސޮއިކުރެއްވި ގަލަންކޮޅު އަބްދުއްސައްތާރު މޫސާ ދީދީއަށް ދެއްވާފައި "މީ އަބްދުއްސައްތާރަށޭ" ވިދާޅުވުމުން، މިނިވަންކަން ހޯދުމަށް ކުރި މަސައްކަތުގައި އަބްދުއްސައްތާރު މޫސާ ދީދީގެ ދައުރު ވަރަށްވެސް ފުރިހަމައަށް ހާމަވެގެން ދެއެވެ.

އަބްދުއްސައްތާރު މޫސާ ދީދީގެ ހަނދާނުގައި، ދިވެހިބަހުގެ އެކެޑަމީން ނެރެފައިވާ "ދެވަނައެއް ނެތްފަދަ ޢަބްދުއްސައްތާރު މޫސާ ދީދީ" މި ފޮތުގައި އަލްމަރުހޫމް މުހައްމަދު ވަހީދު (ނަދްވީ)، އަބްދުއްސައްތާރު މޫސާ ދީދީ ސިފަ ކުރައްވާފައިވަނީ "މިނިވަންކަމުގެ ސަފީރު"ގެ ގޮތުގަ އެވެ.

"އެ މަނިކުފާނަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ރީތި ނަމޫނާއެކެވެ. އާދެ، މާތް ބައްޕައެއްގެ އެފަދަ މާތް ދަރިކަލެކެވެ." އަބްދުއްސައްތާރު މޫސާ ދީދީ އާއި ގުޅޭގޮތުން ނަދްވީ މި ފޮތުގައި ލިޔުއްވާފައިވެ އެވެ.

މީގެ އިތުރުން ހަމަ މިފޮތުގައި އަންނަބީލާ ހަބީބާ ހުސައިން ހަބީބު، އަބްދުއްސައްތާރު މޫސާ ދީދީ ސިފަ ކުރައްވާފައިވަނީ "ދިވެހި ޤައުމުގެ ވަފާތެރި ޑިޕްލޮމެޓެއް"ގެ ގޮތުގައެވެ.

ދިވެހި ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި ސިލޯނަށް ކިޔަވަން ފޮނުވި ކުދިންގެ ތެރޭގައި ހިމެނި އަބްދުއްސައްތާރު މޫސާ ދީދީ ކޮޅުނބަށް ކިޔަވަން ވަޑައިގެންނެވި އެވެ. ގާތްގަނޑަކަށް 10 އަހަރު ކިޔަވަން އުޅުއްވުމަށްފަހު 1957 ވަނަ އަހަރު ކޮޅުނބުގައި ހުންނަ ދިވެހި ދައުލަތުގެ ރެޕްރެޒެންޓެޓިވް އޮފީހުގެ ސެކްރެޓަރީކަމާ ހަވާލުވެވަޑައިގަތެވެ. އެހިސާބުން ފެށިގެން މެދުކެނޑުމެއް ނެތި 35 އަހަރު ސަރުކާރުގެ މަގާމުތައް އަބްދުއްސައްތާރު މޫސާ ދީދީ ފުރުއްވާފައިވެއެވެ.

ގިނައިން އުޅުއްވާފައި ހުރީ ޚާރިޖީ ދާއިރާގެ މަސައްކަތްޕުޅުތަކުގައެވެ. ސިލޯނުގައި ހުންނަވާ ދިވެހި ދައުލަތުގެ ރެޕްރެޒެންޓެޓިވް އަކަށް އަބްދުއްސައްތާރު މުސާ ދީދީ ހަމަޖެއްސެވީ ދިވެހިންނަށް މިނިވަންކަން ލިބުމުގެ ފަސް އަހަރު ކުރިން 1960 ވަނަ އަހަރު އެވެ.

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސަފީރަކީ އައްބުއްސައްތާރު މޫސާ ދީދީ އެވެ. އެއީ އިނގިރޭސިންގެ ހިމާޔަތުން ދިވެހިން މިނިވަން ވިއިރުވެސް ސިލޯނުގައި ހުންނަވާ ދިވެހި ދައުލަތުގެ ރެޕްރެޒެންޓެޓިވް އަކަށް އެމަނިކުފާނު ހުންނެވީތީ އެވެ.

ސިލޯނުގައި ހުންނަވާ ދިވެހި ދައުލަތުގެ ރެޕްރެޒެންޓެޓިވްގެ މަގާމުގައި ހުންނަވައިގެން އިނގިރޭސިންގެ ހިމާޔަތުން ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުމަށް އިނގިރޭސިވިލާތާއި ދިވެހިރާއްޖޭއާއި ދެމެދު ބޭއްވުނު ވާހަކަތަކުގައި ބައިވެރިވެވަޑައިގެން އަބްދުއްސައްތާރު މޫސާ ދީދީ ވަނީ މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވާފަ އެވެ. އެގޮތުން ބޮޑުވަޒީރު އިބްރާހިމް ނާސިރުގެ ލަފާފުޅާއި މަޝްވަރާއާއި އެކު، 1963 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމާއި ހަމައަށް އެމަނިކުފާނު ގެންދެވީ މިދިވެހި ވަތަނަށް މިނިވަންކަން ހޯއްދަވައިދެއްވުމަށް ވަރުބަލިކަމެއްނެތި މަސައްކަތްޕުޅު ކުރައްވަމުންނެވެ.

މިނިވަންކަމުގެ އެގްރިމެންޓްގައި ސޮއި ކުރެއްވި ގަލަންކޮޅުގެ ވެރިޔާއަކީ އަބްދުއްސައްތާރު މޫސާ ދީދީކަމަށް ވެގެންދިޔައީވެސް މިބުރަ އަދި އަގުނުކުރެވޭފަދަ ގައުމީ މަސައްކަތުގެ ސަބަބުންނެވެ.

ދިވެހިންނަށް މިނިވަންކަން ހޯއްދަވައިދެއްވުމުގައި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަބްދުއްސައްތާރު މޫސާ ދީދީ ކުރެއްވި މަސައްކަތްތަކަށްފަހު ގައުމީ ޚިދުމަތް ނިންމަވާލެއްވިއްޔަކީއެއް ނޫނެވެ. މީގެ އިތުރުންވެސް އެތަކެއް މުހިންމު ވަޒީފާތަކެއް އަދި މަސައްކަތްޕުޅުތަކެއް އަބްދުއްސައްތާރު މޫސާ ދީދީ ކުރައްވާފައިވެ އެވެ. ފާހަގަ ކޮށްލެވޭ ބައެއް މުހިންމު މަޤާމުތަކުގެ ތެރޭގައި އ.ދ.ގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ ވަކީލުކަން، އެމެރިކާގައި ހުންނަވާ ދިވެހި ދައުލަތުގެ އެމްބެސެޑަރުކަން، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ފަދަ މަޤާމުތައް ފާހަގަކޮށްލެވެ އެވެ.

މިފަދަ ޤައުމީ ބަޠަލެއްގެ ވާހަކަ ދައްކާއިރު، އިތުރު އެއްކަމެއް ފާހަގަކޮށްލާފައި ނޫނީ ނިންމާލާހިތެއް ނުވެ އެވެ.

ދިވެހިބަހުގެ އެކެޑަމީން ނެރެފައިވާ "ދެވަނައެއް ނެތްފަދަ ޢަބްދުއްސައްތާރު މޫސާ ދީދީ" މި ފޮތުގައި ޑރ. އަބްދުއްސައްތާރު ޔޫސުފު ލިޔުއްވާފައިވެ އެވެ.

"އަޅުގަނޑުމެން ސަރުކާރުގެ ދަތުރުތަކުގައި ބޭރު ޤައުމުތަކަށް އެކިއެކި ޖަލްސާތަކުގައި ބައިވެރިވުމަށް ދާއިރު ދެއްވާ ޕޮކެޓް މަނީ އޮވެއެވެ. މާ ބޮޑު އެއްޗެއް ނޫނެވެ. ހަމަ ކިރިޔާ ދަތުރު ފަތުރާ، ކެއުމުގެ އަދި މުވާސާލާތުގެ ހަރަދުތައް ފޫބެއްދުމަށެވެ. އެއްބައި މީހުންނަށް މިއިން ފުދޭތަން ވެސް އާދެއެވެ. ވުމާއިއެކު އަމިއްލަ "ޕޮކެޓުން" އަނބުރާ އެއްޗެއް ނުލިބޭ ގޮތުގައި ވެސް ހަރަދު ކުރަން ޖެހެއެވެ. ނަމަވެސް އަބްދުއްސައްތާރު މޫސާ ދީދީ ތޯއެވެ؟ އޭނާ އަބަދު ވެސް ކޮންމެވެސް ވަރެއް ބާކީ ކުރައްވައެވެ. އަދި ފުރިހަމަ ހިސާބުތަކާއެކު ސަރުކާރަށް އެ ކުޑަ ބާކީކޮޅު އަނބުރާ ރައްދު ކުރައްވާ ކަމީ އަޅުގަނޑު ހިތުން އެ މަނިކުފާނާ ބެހޭ ގޮތުން ގިނަ ބަޔަކަށް އެނގޭ އާންމު ވާހަކައެކެވެ."

އަޅުގަނޑު ދެކޭ ގޮތުގައި އަބްދުއްސައްތާރު މޫސާ ދީދީގެ މި ލާމަސީލު އަމަލުފުޅަކީ މިއަދު އަޅުގަނޑުމެންގެ ސިޔާސީ ވެރިންގެ ކިބައިން މަދުވެފައިވާ، އަދި ގިނައިން ފެންނަންޖެހޭ ފަދަ މަންޒަރެކެވެ.

އަޅުގަނޑުމެން މިނިވަން ދުވަހެއް ފާހަގަކުރަމުން އަންނައިރު މި ގައުމީ ބަތަލުގެ ޒިކުރާ އާކުރަންޖެހޭ ސަބަބު ތަކަކީ މިއީއެވެ.

އަބްދުއްސައްތާރު މުސާ ދީދީ އަވާރަވީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވެހުގެ ރޭގެ ވަގުތެއްގެވެ. އެ މަރުހޫމަށް ސުވާރުގޭގެ ދާއިމީ ނިއުމަތް ލައްވާށެވެ. އާމީން!

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް