ads
އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރާ ބިދޭސީންތަކެއް-- ފޮޓޯ: އެމްޕީއެލް
ސައްޙަ އެމްޕްލޯއިމަންޓް އެޕްރޫވަލް އޮތްނަމަވެސް ބިދޭސީން ގައުމަށް ފޮނުވާލަނީ
ގައުމަށް އެނބުރި ދިޔުމަށް އެދި ސައްހަ އެމްޕްލޯއިމަންޓް އެޕްރޫވަލްއެއްގައި ތިބި ގިނަ ބިދޭސީން އެދެމުންދާތީ، އެމީހުން ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ބުނެފި އެވެ.

އެކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ދިޔުމަށް އެދި ސައްޙަ އެމްޕްލޯއިމަންޓް އެޕްރޫވަލްއެއްގައި ތިބި ގިނަ ބިދޭސީން ހުށަހެޅަމުން ދާކަމަށެވެ.

 މި ފަދަ ފަރާތްތަކުން ގައުމަށް އެނބުރި ދިޔުމަށް އެދި ހުށަހަޅަމުން ދަނީ، ސައްޙަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއްގައި ތިބި ނަމަވެސް އެ ފަރާތްތަކަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ އެހެންނަމަވެސް ވަޒީފާ ދޭ ފަރާތްތަކުގެ ވަޒީފާތަކުގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއް ނޫންކަމުގައި ބަޔާންކޮށްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން މިނިސްޓްރީން ކުރި އިއުލާނުގައި، "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ދިޔުމަށް އެދި ހުށަހަޅާފައިވާ ބިދޭސީންގެ ލިސްޓް އާންމުކޮށްފައިވެއެެވެ. މިލިސްޓްގައި 251 ބިދޭސީއެއްގެ މައުލޫމާތު ހިމަނާފައިވާއިރު މިނިސްޓްރީން ބުނީ މި ލިސްޓްގައި ހިމެނޭ ބިދޭސީ ފަރާތްތަކަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއް ކަމުގައިވާނަމަ، އެކަން 5 އޮގަސްޓް 2020 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް އީމެލް މެދުވެރިކޮށް ހުށަހެޅުމަށް އެދޭކަމަށެވެ.  އަދި މި އީމެއިލްގައި ބިދޭސީ ފަރާތުގެ ފުރިހިމަ ނަމާއި، ޕާސްޕޯޓު ނަންބަރާއި އަދި ވަޒީފާ ދޭ ފަރާތުގެ މަޢުލޫމާތު ހިމަނަންވާނެކަމަށް މިނިސްޓްރީން ބުނެއެވެ.

 މިނިސްޓްރީން އިތުރަށް ބުނީ، މި ލިސްޓްގައި ހިމެނޭ ބިދޭސީ ފަރާތްތަކުގެ މައުލޫމާތު މި މުއްދަތުގައި ވަޒީފާ ދޭ ފަރާތުން މިނިސްޓްރީއަށް ހިއްސާކޮށްފައި ނުވާނަމަ "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރާ އެފަދަ ބިދޭސިން ފޮނުވައި ލާނެ ކަމަށެވެ.

"ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގުރާމަކީ، ސައްޙަ އެޕްލޯޢިމެންޓް އެޕްރޫވަލްއެއް ނެތި، ގަވާއިދާ ހިލާފަށް، ރާއްޖޭގައި މަސައްކަތްކުރަމުންދާ ބަންގްލަދޭޝަށް ނިސްބަތްވާ ބިދޭސީ ފަރާތްތަކުގެ ތެރެއިން ގައުމަށް އެނބުރި ދިޔުމަށް ބޭނުންވާ ފަރާތްތައް ގައުމަށް ފޮނުވައި ދިނުމަށްޓަކައި ބަންގްލަދޭޝް ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ހިންގަމުންދާ ޕްރޮގުރާމެކެވެ. 

 މި ޕްރޮގުރާމުގެ ދަށުން މިހާތަނަށް 3000 އަށް ވުރެ ގިނަ ބިދޭސިން ފޮނުވާލާފައިވާއިރު އިއްޔެ ވަނީ އިތުރު 200 މީހުން އަބުރާ ގައުމަށް ފޮނުވާލައިފައެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް