ads
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އިތުރު 5 އައިސްޕްލާންޓް ގާއިމްކުރުމަށް ބޭނުންވާ ފައިސާ ހޯދައިފިން: މިނިސްޓަރު
މިހާރުވެސް ދެ ރަށެއްގައި އައިސް ޕްލާންޓް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އިތުރު ފަސް ރަށެއްގައި އައިސް ޕްލާންޓް ގާއިމްކުރުމަށް ބޭނުންވާ ފައިސާ ހޯދާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު، ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޒަހާ ވިދާޅުވީ، ދެ ރަށެއްގައި 25 ޓަނުގެ އައިސްޕްލާންޓް ގާއިމް ކުރުމަށް ކޮންޓްރެކްޓަރުންނާއި މިހާރު ހަވާލުކުރެވިފައި ވާކަމަށެވެ. 

އެގޮތުން  ކ. ގާފަރާއި ރ.މަޑުއްވަރީގައި ތަރައްގީ ކުރާ މި އައިސްޕްލާންޓް ތަކަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގާއިމްކުރާ އައިސްޕްލާންޓުތަކެކެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާއެވެ. 

މިނިސްޓަރު ވިދާޅުވީ މި އަހަރު ހަތް ރަށެއްގައު އައިސްޕްލާންޓް ގާއިމްކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާއިރު، އޭގެ ތެރެއިން ފަސް ރަށެއްގައި އައިސްޕްލާންޓް ގާއިމްކުރާނީ ސައުދީ ފަންޑުގެ އެހީގައި ކަމަށެވެ. މި ފަސް ރަށުގެ ލިސްޓު ފިޝަރީޒް މިނިސްޓްރީން އަދި ހާމަކޮށްފައި ނުވި ނަމަވެސް އޭގެތެރޭގައި ގއ. ގެމަނަފުށި، ހއ.ދިއްދޫ ހިމެނޭ ކަމަށް އެމިނިސްޓްރީން ކޮމިޓީގައި ދެއްކި ވާހަކަތަކުގައި ވަނީ ބުނެފައެވެ.

މި އައިސް ޕްލާންޓުތަކާއި އެކު މަސްވެރިންނަށް ބޭނުންވާ އައިސް ހޯދުމުގައި މިވަގުތު ހުރި ދަތިތަކަށް ހައްލެއް ލިބޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ދެކެއެވެ.

ތެލާއި އައިސް އަދި އެހެނިހެން ތަކެތި ހޯދުމަށްޓަކައި މާދުރަށް ދުއްވާން ނުޖެހޭނެ އިންތިޒާމެއް ތައާރަފްކޮށް، ރާއްޖޭގެ މުޅި އިގްތިސާދީ ސަރަހައްދު ބޭނުން ކުރެވޭނޭ މަގު ދިވެހި މަސްވެރީންނަށް ފަހިކޮށްދިނުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް