އިންޑިއާ ހައިކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ރާއްޖޭގެ ސަރުކާރުން ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދާ ރިލީފް ޕެކޭޖުގެ ދަށުން ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް އެސްބީއައި ގެ ރާއްޖޭގެ ބްރާންޗުން ލިކުއިޑިޓީ ސަޕޯޓްގެ ގޮތުގައި 16.20 މިލިއަން ޑޮލަރު ދޫކޮށްފައި ވާކަމަށެވެ.
އަދި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ބޭންކުން ލޯނުނަގާފައިވާ 200 ފަރާތެއްގެ ލޯނު ދެއްކުން ވެސް ފަސްކޮށްދީފައި ވާނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން ފާހަގަކުރެ އެވެ.
އެސްބީއައި އަކީ އިންޑިއާ ސަރުކާރުގެ ހިއްސާ އޮންނަ އަދި އެ ގައުމުގެ އެންމެ ބޮޑު ކޮމާޝަލް ބޭންކެވެ. އެ ބޭންކުގެ ދެ ބްރާންޗެއް ރާއްޖޭގައި ހުންނަ އިރު، އެ ބްރާންޗްތައް ހުންނަނީ މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީ ގައި އެވެ.
އިންޑިއާ އަކީ އަބަދުވެސް އެކި ގޮތް ގޮތުން ރާއްޖެ އަށް ތަފާތު ގިނަ އެހީތަކެއް ފޯރުކޮށްދެމުން އަންނަ ގައުމެއް ކަމަށް ފާހަގަ ކުރެވޭ އިރު، ކޮވިޑް-19 ބަލިމަޑުކަމާއި އެކު ވެސް އެގައުމުން ވަނީ ރާއްޖ އަށް ގިނަ އެހީތަކެއް ފޯރުކޮށްދީފަ އެވެ.
އެގޮތުން ދާދި ފަހުން އިންޑިއާ އިން ވަނީ އްޖޭގެ ހީނަރުވެފައިވާ އިގްތިސާދުން އަރާގަތުމަށް، ބޮޑު ފައިނޭންޝަލް ޕެކޭޖެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ބުނެފަ އެވެ.