ކުރީ ސަރުކާރުން ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކުގައި މީހުން ދިރިއުޅެން ފަށައިފި އެވެ.
                            
                            
                            
                               
                               
Advertisement
 
                             ކުރީ ސަރުކާރުން ފުވައްމުލަކު ސިޓީގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކުގައި މީހުން ދިރިއުޅެން ފަށައިފި އެވެ.
ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރު، މުހައްމަދު ލިރާރު މިއަދު ސީއެންއެމްއަށް ވިދާޅުވީ ފުވައްމުލައް ދަޑިމަގު އަދި ދިގުވާނޑު އަވަށުގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކުރި ދުވަހުން ފަށައިގެން ފްލެޓްތަކުގައި މީހުން ދިރިއުޅެމުންދާ ކަމަށެވެ.
ދާއިމީ ލިސްޓް އާންމު ކުރީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގައި ކަމަށާއި އެ ލިސްޓް އާންމު ކުރިއިރު ފްލެޓް ލިބިފައި ވަނީ ޖުމްލަ 153 ފަރާތަކަށް ކަމަށް ލިރާރު ވިދާޅުވި އެވެ. 
އެއީ ކެޓަގަރީ އޭގެ ދަށުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ހާއްސަ ކުރެވުނު 150 ފްލެޓުގެ ތެރެއިން ފްލެޓް ލިބުނު 138 ފަރާތަކާއި، ކެޓަގަރީ ބީ ގެ ދަށުން ފުވައްމުލައް ސިޓީއަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ 20 ފްލެޓުގެ ތެރެއިން ފްލެޓް ލިބުނު 15 ފަރާތެއް ކަމަށް ވެސް ލިރާރު ވިދާޅުވި އެވެ.
ހައުސިން ޔުނިޓްތަކަށް މީހުން ބަދަލުވާން ފަށާފައި ވަނީ ނިމިގެން ދިޔަ އޮކްޓޯބަރު މަހުގެ ފަހު ކޮޅުން ފަށައިގެން ކަމަށާއި މިހާރު ފްލެޓް ލިބިފައިވާ ގިނަ އާއިލާތަކެއް ފްލެޓްގައި ދިރިއުޅެމުންދާ ކަމަށް ލިރާރު ވިދާޅުވި އެވެ. 
ފްލެޓް ލިބުނު ގިނަ ފަރާތްތަކުން އެތަނުގައި ދިރިއުޅެން ފަށާފައި ވާއިރު  މިވަގުތު ފްލެޓް ހިމެނޭ ސަރަހައްދުގައި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ލިރާރު ވިދާޅުވީ ލޭންޑް ސްކޭޕްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި ދެ އަވަށުން ކުރެ ކޮންމެ ވެސް އެއް އަވަށެއްގެ ފްލެޓު ހިމެނޭ ސަރަހައްދުގައި ޕާކެއް ގާއިމް ކުރުމަށް ނިއްމާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. 
ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން ބާކީ ހުރި 40 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހަމަވެފައި ކަމަށާއި އެގޮތުން ކެޓަގަރީ އޭގެ ދަށުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ހާއްސަކުރެވިފައިވާ 35 ފްލެޓާއި، ކެޓަގަރީ ބީގެ ދަށުން ފުވައްމުލައް ސިޓީއަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ފަސް ފްލެޓެއް ހިމެނޭ ކަމަށް ލިރާރު ވިދާޅުވި އެވެ. 
އަދި ކުރިއަށް އޮތް ތަނުގައި ވެސް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރުމަށް ޕްލޭން ކުރައްވާ ކަމަށް ވެސް ލިރާރު ވިދާޅުވި އެވެ.