ads
=ޝެއިހް އަބްދުﷲ ބިން ސުލައިމާން އަލް މަނީއު--
ކޮންމެ ހާލެއްގައި ވެސް ކެތްތެރިކަން އިސްކުރޭ: އަރަފާތު ދުވަހުގެ ހުތުބާ
ދިމާވާ ކޮންމެ ދެރަކަމަކާއި ނުބައި ކަމެއްގެ ތެރޭގައި ވެސް ކެތްތެރިކަން އިސްކުރުމަށް މިއަދުގެ ހައްޖު ހުތުބާގައި ގޮވާލައިފި އެވެ.

ހައްޖު ދުވަސް ބައްދަލުކުރިއިރު ވެސް ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ މިއަހަރު ހައްޖުވުމުގެ ފުރުސަތު ދީފައި ވަނީ ސައުދީ އަރަބިއްޔާގައި ދިރިއުޅެމުން އަންނަ 10000 މީހަކަށެވެ. އިޖުތިމާއީ ގައިދުރުކަން ދަމަހައްޓާއި، މާސްކް އަޅައިގެން ތިބެ މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކޮށްފައިވާއިރު މިއަހަރުގެ ހައްޖު ދުވަހުގެ ހުތުބާ ދެއްވާފައި ވަނީ އުމުރުފުޅުން 92 އަހަރުގެ ޝެއިހް އަބްދުﷲ ބިން ސުލައިމާން އަލް މަނީއު އެވެ. 

ހުތުބާގައި ކެތްތެރިކަމަށް އަލިއަޅުވާލާ ބުނެފައިވަނީ މާތްﷲ ކޮންމެ ކަމެއް މެދުވެރިކުރެއްވިނަމަވެސް އެކަމަކީ އެކަލާނގެ މިންވަރުފުޅުގެ ސަބަބުން އައި ކަމެއް ކަމަށް ދެކެންޖެހޭ ކަމަށެވެ. އަދި ދުނިޔޭގައި އުޅޭއިރު ކޮންމެ ވަގުތެއްގައި ވެސް މުސީބާތެއް ކުރިމަތިވެދާނެ ކަމަށާއި އެކަމަކު އެކަމަށް ކެތްތެރިކަމާއެކު ކުރިމަތިލާން ޖެހޭ ކަމަށް ވެސް ހުތުބާގައި ބުނެ އެވެ.

ހުތުބާގައި އިތުރަށް ބުނީ އެންމެ ބޮޑު މުސީބާތް ކުރިމަތިވާ ވަގުތު ވެސް ކެތްތެރިކަން އިސްކުރާ މީހާއަށް ޖަޒާ ދެއްވާނެ ކަމަށެވެ. އެހެންކަމުން، ހިތްހަމަނުޖެހޭ ކަމެއް ކުރިމަތިވިޔަސް އެކަމަށް ކެތްތެރިވުމަށް ހުތުބާގައި އިލްތިމާސް ކުރި އެވެ. 

އޭގެ އިތުރުން ލިބިފައިވާ ނިިއުމަތްތަކަށް ޝުކުރުވެރިވާން ޖެހޭކަން ފާހަގަކޮށް ހުތުބާގައި ބުނީ މިވަގުތު ދެރަ ކަމެއް ކުރިމަތިވެފައި އޮތް ނަމަވެސް އަޅުގަނޑުމެންގެ މުޅި އުމުރު ހޭދަކޮށްފައިވަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އެ ދުވަސްތަކުގައި ދެއްވި ނިއުމަތަށް ޝުކުރުވެރިވާން ޖެހޭ ކަމަށް ބުނެފައިވެ އެވެ. އަދި މާތްﷲ ދެއްވާ ނިއުމަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފައިފިނަމަ އެކަމުގެ ނިއުމަތް ވެސް ލިބޭނެކަން ވަނީ ފާހަގަކޮށްފަ އެވެ. 

ހުތުބާގައި ބުނީ ދަތި އުނދަގޫތައް ދިރިއުޅުމުގައި ކުރިމަތިކުރަނީ އެކަލާނގެ ހަޒުރަތަށް ރުޖޫއަކުރުމަށްޓަކައި ކަމަށާއި އެގޮތުން ބައެއް ފަހަރު ނިއުމަތްތައް އަބަދު ލިބުމުން އެކަލާނގެ މަތިން ހަނދާން ނުވާ ކަމަށެވެ.

އޭގެ އިތުރުން، މާލީ ގޮތުންނާއި އިގްތިސާދީ ގޮތުން ކުރިމަތިވާ ކަންކަމުން ސަލާމަތްވުމަށް ކަންކުރާނެ ގޮތް އިސްލާމްދީނުގައި ބަޔާންކުރާ ކަމަށާއި އެގޮތުން އިސްލާމީ ޝަރީއަތުގައި އިގްތިސާދު ކުރުމަށާއި އުފެއްދުންތެރިކަމަށް ބާރު އަޅާފައިވާ ކަަމަށާއި އަދި އެއް ބަޔަކު އަނެއް ބަޔަކަށް ވިޔަފާރި ކުރުމަށް ދީނުގައި އަންގަވާފައިވާކަމަށް ވެސް ހުތުބާގައި ފާހަގަކުރެ އެވެ. 

ހުތުބާގައި ޒަކާތް ދިނުމަށް ބާރުއަޅާ ބުނެފައި ވަނީ މުދަލުގެ ނިސާބު ހަމަވާނަމަ ޒަކާތް ދައްކަން ޖެހޭނެ ކަމަށާއި އެގޮތުން ޒަކާތް ނުދައްކާނަމަ ގިޔާމަތް ދުވަހުން އެމީހެއްގެ މުދަލެއް ހަރުފައަކަށް ބަދަލުވެ، އެމީހުންގެ ގައިގާ ދަތްއަޅަމުން ގެންދާނެ ކަމަށެވެ. ހުތުބާ ނިންމާލާފައިވަނީ ކެތްތެރިކަން ދެއްވުމަށް އެދި އެވެ.

މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި 2.5 މިލިއަން މީހުން ބައިވެރިވި ނަމަވެސް މިއަދު ކޮވިޑްގެ ބަލިމަޑުކަމާއެކު ހަރަމްފުޅު ސަރަހައްދުން ބޮޑު ފަޅުކަމެއް ފެނިގެންދިޔަ އެވެ. އެކަމަކު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ވެސް ފުރިހަމަކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް