ads
ސަފާރީއެއް--
22 ސަފާރީއަކަށް ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ހުއްދަ ދީފި
ރާއްޖެ އަންނަ ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ހުއްދަ 22 ސަފާރީއަކަށް ޓޫރިޒަމް މިނިސްޓްރީ އިން ދީފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ހުއްދަ ދީފައިވާ 22 ސަފާރީ އަކީ ޖުލައިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީ އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ 22 ސަފާރީ ކަމަށް ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެ އެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލުމާއި އެކު ސަފާރީތަކުން ހިދުމަތްދިނުމުގެ ހުއްދަވެސް ވަނީ ދީފަ އެވެ. 

އެގޮތުން ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކަކަށް ފެތޭ ސަފާރީތަކަށް ހުއްދަ ދޭއިރު، އެކަމަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ޑިކްލަރޭޝަން ފޯމް އެއް ހުށައަޅަންޖެހެ އެވެ. އަދި ސަފާރީގެ އޮޕަރޭޓިން ލައިސަންސް އާއި، މީރާގެ ޓެކްސް ކްލިއަރެންސް ފޯމް ވެސް މިނިސްޓްރީ އަށް ހުށައަޅަންޖެހެ އެވެ. އޭގެ އިތުރުން ސަފާރީ އިން ސަލާމަތާއި ރައްކާތެރިކަމުގެ މިންގަޑުތައް ގެންގުޅޭނެ ގޮތުގެ ޕްލޭންއެއް ވެސް މިނިސްޓްރީ އަށް ހުށައަޅަންޖެހެ އެވެ.

ހުއްދަ ހޯދުމުގެ މަރުހަލާގައި ގިނަ ވަގުތު ހޭދަވާތީ ސަފާރީތަކުން ހިދުމަތްދޭން ތާވަލްކުރާ ތާރީހުގެ ކުރިން ހުއްދަ ހޯދުމަށް އެދި މިނިސްޓްރީ އަށް ހުށައެޅުމަށް ބޯޓިން އެސޯސިއޭޝަނުން ސަފާރީތަކަށް ވަނީ އަންގާފަ އެވެ. އެގޮތުން މީރާއަށް ދައްކަންޖެހޭ އެއްވެސް ޓެކްސް އެއް ވާނަމަ ޓެކްސް ކްލިއަރެންސް ފޯމު ހޯދުމަށް ލަސްތަކާ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއްކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރެ އެވެ. 

ބޯޓިން އެސޯސިއޭޝަނުން ބުނީ ހުއްދަ ލިބިފައިވާ ސަފާރީތަކަށް މަދުން ނަމަވެސް މިހާރު ބުކިންތައް ލިބޭ ކަމަށާއި ބައެއް ސަފާރީތަކަށް ފަތުރުވެރިންވެސް އައިސްފައިވާކަމަށެވެ.  

މިވަގުތު 22 ސަފާރީއަކަށް ހިދުމަތް ދިނުމުގެ ފުރުސަތު ދީފައި ވީނަމަވެސް ރާއްޖޭގައި 100 އަށްވުރެ ގިނަ ސަފާރީ އޮޕަރޭޓް ކުރެ އެވެ. ބޯޓިން އެސޯސިއޭޝަނުން ވަނީ ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ނުލިބި އެއްވެސް ސަފާރީއަކުން ފަތުރުވެރިންނަށް ހިދުމަތްދީގެން ނުވާނެކަމަށް ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް