ads
ފޮޓޯ: ޑަބްލިއުއެޗްއޯ މޯލްޑިވްސް
ފަރުވާ ދޭންވީ މީހާ އިހްތިޔާރު ކުރަން މަޖުބޫރުވާ ހާލަތަށް ގައުމު ދިޔަ ނުދެމާ!
މާލޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވުމަށްފަހު އަނެއްކާވެސް މިވަނީ ބާރު ސްޕީޑެއްގައި ފެތުރެން ފަށާފަ އެވެ.
Advertisement

މާލޭގައި ފުރަތަމަ ކޮވިޑް-19 ފެތުރެން ފެށި ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމުން ބަލި ކޮންޓްރޯލް ކުރުމަށް ފުލް ލޮކްޑައުނަކަށް ގޮސް ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރެވުނެވެ. އޭގެ ފަހުން ލޮކްޑައުނަށް ލުއިދީ ބޭރުގައި އުޅެންފެށުމުގެ ފުރުސަތު ދިނުމާއި އެކު ބަލިޖެހޭ މީހުންގެ އަދަދު މިވަނީ އިންތިހާއަށް އިތުރުވެފަ އެވެ. 

ޑޮކްޓަރުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ބަލި އިތުރަށް ފެތުރި ނުރައްކާ އިތުރަށް ބޮޑުވެގެންދާނެ އެވެ. ނަމްބަރުތަކަށް ބަލާލުމުން ފެންނަނީ ރާއްޖެ ކޮވިޑްގެ އިތުރު ބޮޑުވިލާގަނޑެއްގެ ދަށަށް ވަންނަ މަންޒަރެވެ. 

ޑޮކްޓަރުންގެ އަންދާޒާ ބިރުވެރި!

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއިން 500 އަށްވުރެއް ގިނަ މީހުނަށް ކޮވިޑް19 ޖެހުމުން ބަލިފެތުރެމުން އަންނަ ހަލުވިމިން މިވަނީ އިނގިފަ އެވެ. 

ޑޮކްޓަރުންގެ އަންދާޒާއަށް ބަލާއިރު، އޮގަސްޓް މަހުގެ ތެރޭގައި އެކަނި ވެސް ބަލި ޖެހޭ މީހުންގެ އަދަދު 4188 އަށް އަރާނެ ކަމަށްވަނީ ލަފާކޮށްފައެވެ. އޮގަސްޓު މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 170 މީހަކަށް ކޮވިޑް ޖެހޭނެ ކަމަށް ޑޮކްޓަރުން އަންދާޒާކުރާއިރު މިއަދަދު ކޮންޓްރޯލް ކުރެވޭނެ ކަމަށް ލަފާ ކުރަނީ އޮކްޓޫބަރު ނުވަތަ ނޮވެމްބަރު މަހު އެވެ. 

ބަލިޖެހޭ މީހުންގެ އަދަދު މިގޮތަށް އިތުރުވަމުންދާ ކަމުގައިވާނަމަ، ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިގެން ފަރުވާދޭ މީހުންގެ ތެރެއިިން 50 އިންސައްތަ މީހުން މަރުވާނެ ކަމަށްވެސް ޑޮކްޓަރުން ލަފާކުރެ އެވެ. 

ހޮސްޕިޓަލްތަކަށް ބާރުބޮޑުވިޔަ ނުދެމާ!

ރާއްޖެއިން މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ކޮންޓެކްޓްވާ މީހުންގެ އަދަދުތައް އިތުރުވާ މިންވަރު ބޮޑުކަމުން އެ އެންމެން ޓެސްޓް ކުރުން މިހާރު މިވަނީ އުނދަގޫ ކަމަކަށް ވެފައެވެ. ނަތިޖާއެއްގެ ގޮތުން ކޮންޓެކްޓްވާ މީހުންވެސް މިހާރު ޓެސްޓްކުރުމަށް ދާންޖެހެނީ ވަކިތަނަކަށް އެމީހުން ބުނާ ވަގުތެއްގަ އެވެ. 

މި ލެވަލްއަށް ކަންތައް ދިޔައީ އަޅުގަނޑުމެންގެ އަމިއްލަ އަމަލުތަކުގެ ސަބަބުން ނޫން ހެއްޔެވެ. 

ކޮވިޑް-19 ގެ ހާލަތުގައި ދުނިޔޭގެ ގައުމުތަކުން އެންމެ އުނދަގޫ ނިންމުންތައް ނިންމި އެއްގައުމަށް އިޓަލީ ވާނެކަން ޔަގީނެވެ. ދުވާލެއްގެ މައްޗަށް އެތައްބަޔަކު ބައްޔަށް ޕޮޒިޓިވްވެ އެތައް މަރެއް އިޓަލީގައި ރިޕޯޓްކުރަމުން ދިޔައެވެ. އެގައުމުގައި ބަލި ކޮންޓްރޯލް ނުކުރެވި ޑޮކްޓަރުންނަށް އެންމެފަހުން ނިންމަން ޖެހުނީ އުނދަގޫ ނިންމުމެކެވެ. އެއީ ފަރުވާދޭންވީ މީހާ އިހްތިޔާރު ކުރުން މަޖުބޫރު ވުމެވެ. 

ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާދިނުމަށް ފެސިލިޓީތައް ހުޅުވާ ކިތަންމެ ރަނގަޅަށް ތައްޔާރުވެފައި އޮތް ނަމަވެސް މި ރޭޓްގައި މީހުން ބައްޔަށް ޕޮޒިޓިވްވާނަމަ ހޮސްޕިޓަލްތަކަށް ބާރުބޮޑު ވެދާނެކަން ޑޮކްޓަރުން ފާހަގަކުރެ އެވެ. 

އެހެންކަމުން އިޓަލީގެ ޑޮކްޓަރުން ނިންމިފަދަ ނިންމުމެއް ރާއްޖޭގެ ޑޮކްޓަރުންނަށް ނިންމަން ނުޖެހޭނީ، ރައްޔިތުންގެ އަމަލުތައް ހުންނަ ގޮތެއްގެ މައްޗަށް ބިނާކޮށެވެ. 

ހުއްޓުމެއް ނެތި ކޮވިޑް-19 ފެތުރެން ފަށައިފި ނަމަ ކިތަންމެ ގިނަ އަދަދެއްގެ ވެންޓިލޭޓަރާއި އައިސީޔޫ އެނދުތައް ހުއްޓަސް ބަލިޖެހޭ ހުރިހާ އެންމެންނަށް އެކަށޭނަ ފަރުވާ ނުދެވޭނެ އެވެ. ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަކީ ކަމާބެހޭ ފަރާތްތަކާއި ޑޮކްޓަރުންނަށްޓަކާ އަޅާ ފިޔަވަޅުތަކެއް ކަމަށް ނުދެކި މިއީ ތިމާ އަށާއި ތިމާގެ އާއިލާގެ ރައްކަތެރިކަމަށް އަޅާ ފިޔަވަޅުތަކެއް ކަމަށް ދެކި ފަރުދީ ޒިންމާ އަދާކުރުން މުހިންމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް